ރާއްޖެ ކުޅިވަރު

ބޭރުގައި ޓްރެއިނިންއަށް ދާ އެތުލީޓުންނަށް ކިޔެވުމުގެ ފުރުސަތުވެސް ލިބޭނެ

Sep 22, 2016

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ އަހަމްދު މަރުޒޫގް (މަރޭ) އިސްނަންގަވައިގެން ފައްޓަވާފައިވާ "ޕާޓްނާސް ފޯ އެމްވީ ސްޕޯޓްސް" އަކީ 2020 ގެ އޮލިމްޕިކް ގޭމްސްއަށް އަށް ކޮލިފައިވުމުގެ އަމާޒުގައި އެތުލީޓުންނަށް ރާއްޖެއިން ބޭރުގެ ހައިޕާފޯމަންސް ސެންޓަރުތަކުގައި ތަމްރީން ވުމުގެ ފުރުސަތު ހޯދައިދިނުމަށް ފަށާފައިވާ ޕްރޮގްރާމެކެވެ.

ސަރުކާރު އަދި އަމިއްލަ ކުންފުނިތަކާއި މުއައްސަސާތަކުގެ ބައިވެރިވުން ހިމެނޭ ގޮތަށް މަރޭ ފަށާފައިވާ "ޕާޓްނާސް ފޯ އެމްވީ ސްޕޯޓްސް" ގެ ދަށުން އޮލިމްޕިކް ކޮމިޓީގެ އަމާޒަކީ އަންނަ އަހަރު ޖަނަވަރީ މަހުން ފެށިގެން ރާއްޖެއިން ބޭރަށް ތަމްރީން ހެދުމަށް 32 އެތުލީޓުން ފޮނުއްވުމެވެ.

އެތުލީޓުންނަށް އޮތީ ތަމްރީން ހެދުމުގެ ފުރުސަތު އެކަންޏެއް ނޫނެވެ. އެތުލީތުންގެ ކިޔެވުމުގެ ކަންކަންވެސް ކުރިއަށް ގެންދެވޭނެ އިންތިޒާމް މަރޭގެ އިސްނެންގެވުމުގެ މަތިން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެތުލީޓުންނަށް ވަނީ ފަހިކޮށްދީފައެވެ.

ޕާޓްނާސް ފޯ އެމްވީ ސްޕޯޓްސްގެ ދަށުން އަންނަ އަހަރު ބޭރަށް ފޮނުވުމަށް ހަމަޖެހިފައިވާ އެތުލީޓުންގެ ގިނަ ނިސްބަތަކީ 18 އަހަރުން ދަށުގެ ކުދިންކަން މަރޭ ފާހަގަ ކުރައްވައެވެ.

"އެކުދިންނަށް އިތުރަށް ކިޔެވުމުގެ ފުރުސަތުވެސް ތަނަވަސް ވެގެންދާނެ. އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވަނީ އެ ފުރުސަތުތައް ފަހިކޮށް ދިނުމަށް ނިންމަވާފަ" މަރޭ ވިދާޅުވިއެވެ.

މަރޭ ވިދާޅުވީ މިހާރުވެސް ރާއްޖެއިން ބޭރުގެ ޓްރައިނިން ހަދާ އެތުލީޓުން ކިޔަވަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެއް ވަނަ ފެތުންތެރިޔާ ނިޝްވާން އިބްރާހީމް ޑާބަންގައި ތަމްރީން ހަދަމުން ކިޔަވަމުން ދާކަން މަރޭ ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެން އެޑިއުކޭޝަން މިނިސްޓްރީގެ 'އެއްވެސް ކުއްޖަކު ބާނީ ނުކުރުމުގެ' ސިޔާސަތު ގެ ދަށުން ކިޔަވަން ބޭނުންވާ ކުދިންނަށް ކިޔެވުމުގެ ފުރުސަތު ވަނީ ތަނަވަސްކޮށްދީފަ" މަރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދިގުމުއްދަތުގެ ޓްރެއިނިންއާ ދާ ކުދިންނަށް ރާއްޖެއިން ބޭރުގައި ޑިގްރީ ޕްރޮގްރާމް ފުރިހަމަ ކުރުމަށް ދިގުމުއްދަތުން ދައްކާ ހަލާސް ކުރާ ސްޓަޑީ ލޯންގައި ބޭރުގެ ޓްރެއިނިން ހަދާ އެތުލީޓުން ހިމެނައި ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގައި އެދުމުން އެކަން ހަމަޖައްސައިދީފައިވާ ކަމަށެވެ.

މަރޭ ވިދާޅުވީ އަހަރުތަކެއް ކުރިން، ޒުވާން އެތުލީޓުން ބޭރަށް ފޮނުވުމުގައި ބެލެނިވެރިން އެއްބަސް ނުވުމުން ބައެއް އެތުލީޓުން ބޭރަށް ނުފޮނުވި އެބަހުރި ކަމަށާއި ނަމަވެސް މިހާރު ކިޔެވުމުގެ ފުރުސަތުތަކާއެކު ޓްރެއިން ކުރިއަށް ގެންދެވޭކަން އެނގުމުން ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާކަން މަރޭ ފާހަގަ ކުރިއެވެ.