ރާއްޖެ ކުޅިވަރު

އެފްއޭއެމުގެ ރައީސް ކަމަށް ރިޔާޒް ރަޝީދު!

ހުސްވެފައިވާ އެފްއޭއެމުގެ ރައީސް ކަމަށް ވިލުފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރިޔާޒް ރަޝީދު ކުރިމަތިލައްވަން އުޅުއްވާކަން ކަށަވަރުވެއްޖެ އެވެ.

ނަމަވެސް ކުރީގެ ފީފާ ރެފްރީ ވިދާޅުވީ އެކަމާބެހޭ ގޮތުން މިވަގުތު ވަކިއެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ.

"އާއެކޭ ވެސް ނޫނެކޭ ވެސް ބުނަން މިވަގުތު ބޭނުމެއްނޫން،" ރާއްޖޭގެ ކުރީގެ އެއްވަނަ ރެފްރީ ވިދާޅުވި އެވެ.

ކުޅިވަރު ސާމާނު ވިއްކާ މަޝްހޫރު އޯލްސްޕޯޓްސް އާއި މެރީޑިއަމް ކުންފުނީގެ ޗެއާމަން އެފްއޭއެމަށް ކުރިމަތިލައްވަން އޭނާ ގާތުގައި ބައެއް މެމްބަރުން އެދިލައްވާފައިވާކަން އިތުބާރުހުރި ގޮތަކަށް ވަނީ ޔަގީންވެފަ އެވެ. ރިޔާޒަކީ ހިންގުމުގެ ތަޖުރިބާކާރެކެވެ. އަދި އޭނާ އަކީ އިޖްތިމާއީ ގިނަ ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ރިޔާޒް ވަނީ މަޖިލިސް މެމްބަރުކަމަށް ވަޑައިގަތުމުގެ ކުރިން ގާނޫނު އަސާސީ ހެދުމަށް އިންތިހާބުކުރި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާފަ އެވެ.

އެފްއޭއެމުގެ ރައީސްގެ މަގާމު ހުސްވީ ފީފާއިން ރާއްޖެ ސަސްޕެންޑްކުރާނެ ކަމަށްދިން އިންޒާރާއެކު ބޭއްވި އިންތިހާބަށް ތިން މަސްނުވަނީސް އެއިދާރާގެ އެކްސްކޯގެ ނުވަ މެމްބަރުންގެ ތެރެއިން ފަސް މެމްބަރަކު އިސްތިއުފާދިނުމުންނެވެ. އަސާސީ ގަވާއިދު ބުނާގޮތުން އެކްސްކޯގެ ކޯރަމް ގެއްލިއްޖެނަމަ އާ އިންތިހާބެއް ބާއްވަންޖެހޭނެ އެވެ.