ކައުންސިލްތަކުން އެކުލަވާލާ ސިޔާސަތުތައް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ފުށުނާރާ ގޮތަކަށް ހުންނަންޖެހޭ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ކައުންސިލްތައް އުފެދުނުތާ ހަތަރު އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އުމަރު މިއަދު ދެއްވި ހިތާބެއްގައި ވިދާޅުވީ ކައުންސިލްތަކަކީ ރައްޔިތުންނާ ކައިރިން އެކަށޭނަ ހިދުމަތްތަކެއް ދިނުމަށް އުފައްދާފައިވާ އިދާރާތަކެއް ކަމަށެވެ. އަދި އެ އިދާރާތަކަކީ ނަމޫނާ ތަންތަނަށް ވާން ޖެހޭނެކަން ފާހަގަ ކުރައްވަމުން އުމަރު ވިދާޅުވީ ރައްޔިތުންނަށް އެކަށީގެންވާ ހިދުމަތްތަކެއް ދެވޭނީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ކަންތައްތައް ބަހައްޓައިގެން ކަމަށެވެ.
"އެކަށީގެންވާ ހިދުމަތްތަކެއް ކައުންސިލްތަކަށް ދެވޭނީ ސިޔާސަތުތަކަކީ ސަރުކާރުގެ ސިޔާސަތުތަކާ ފުށުނާރާ އެއްޗަކަށް ވެގެން. ސަރުކާރާ އެކުގައި މަސައްކަތް ކޮށްގެން،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލާމަރުކަޒީ ނިޒާމެއްގެ ހަގީގީ ބޭނުމަކީ ރައްޔިތުން ބާރުވެރި ކުރުވުން ކަމަށެވެ. އަދި އެކަމަށް ކައުންސިލްތަކާއި ސަރުކާރާ އަދި ރައްޔިތުންނާ ދެމެދު ގުޅުން ރަނގަޅު ކުރުމުގެ މުހިންމުކަން ބޮޑުވެފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަމަށް ދިމާވެފައި ހުރި ދަތިތައް ދެނެގަނެ ސަރުކާރާއި ކައުންސިލްތަކުގެ ގުޅުން ރަނގަޅު ކުރުމަށް އެލްޖީއޭގެ ރައީސްގެ ހައިސިއްޔަތުން މަސައްކަތްތަކެއް ކުރައްވާނެ އެވެ.
"މި ދައުރުގައި ކައުންސިލްތަކަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ އެއްގޮތްވާގޮތުގެ މަތިން ގާނޫނީ އިމުގެ ތެރޭގައި ގައުމީ ލޯތްބާއެކު މަސައްކަތް ކުރުމުގެ ރޫހު ދައްކުވައިދޭ ކައުންސިލްތަކަކަށް ވާނެ ކަމަށް" އުމަރު ވިދާޅުވި އެވެ.
ކައުންސިލް ނިޒާމް ކުރިއެރުވުމުގެ ގޮތުން މިދިޔަ ދުވަސްތަކުގައި ފަންނީ ގިނަ އެހީތަކެއް ދީފައިވާކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ކައުންސިލްތަކުގެ އިދާރީ މަސައްކަތްތައް ހަރުދަނާ ކުރުމާއި ބަޖެޓް ބެލެހެއްޓުން ހަރުދަނާ ކުރުމަށް އެހީތެރިވެ ދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އަދި އެކަމަށް ޓަކައި މީހުން ތަމްރީން ކުރުމާއި އެހެން ވެސް ފަންނީ ލަފާތައް ދެމުން ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި ނިޒާމް ހަރުދަނާ ކުރުމުގެ ތެރެއިން ރައްޔިތުން ބާރުވެރި ކުރުވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.