"ފިޓްނަސް ދާއިރާގައި އެންމެ ފުރަތަމަ އިންސްޕަޔާވީ ބަތް ފާތުން ކައިރިއަށް ކަސްރަތު ކުރަން ގޮސްގެން. އޭނަ ރެކޮމެންޓް ކުރާ އިންސްޓްރަކްޓަރަކަށް ވާން. އެކަމަކު ހީޓްގެ އޯނަރު ޝިފާނާއާ ދިމާވެގެން އިންސްޓްރަކްޓަރަކަށް ވުމަށް ހަދަން ޖެހޭ ކޯސް ހެދުމުގެ ހިޔާލު ލިބުނީ،" ކަސްރަތުގެ ދާއިރާ އަށް އުމުރުން 21 އަހަރުގައި ނުކުތް އައިޝަތު ރުހޭލާ، އާއްމު ނަމުންނަމަ "ރުހޭ" ބުންޏެވެ.
ފުރަތަމަ ކަސްރަތު ކުރަން ފެށީ ދުޅަ ހެޔޮކޮށް ހުރުމަށެވެ. އެކަމަކު އޭގެ ފަހުން ހީޓްގެ އޯނަރު ޝިފާނާއާއެކު މެލޭޝިޔާގައި ފުރިހަމަ ކުރި ކޯސްތަކާއެކު ރުހޭގެ ހަޔާތް ބަދަލުވެގެން ދިޔަ އެވެ. މުޅިންއާ ރައްޓެރިންތަކާއިއެކު ރުހޭގެ މުސްތަގުބަލްގެ ބިންގާ އެޅުނީ އެވެ. ރުހޭ ވަނީ ފިޓްނަސްގެ ދާއިރާ އިން ރާއްޖޭން ބޭރުގައި ގިނަ ތަމްރީން ތަކެއް ފުރިހަމަކޮށްފަ އެވެ. "ލެސްމިލްސް" ގެ ބޮޑީ ޕަންޕާއި ބޮޑީ ކޮމްބެޓް އަދި ބޮޑީ އެޓޭކްގެ އިތުރުން ބޮޑީ ސްޓެޕް އާއި ޒުމްބާގެ އިތުރުން ޕާސަނަލް ޓްރެއިނިން ވެސް ރުހޭ ވަނީ ފުރިހަމަކޮށްފަ އެވެ. ރާއްޖެ އާއި ސިންގަޕޫރު އަދި މެލޭޝިޔާގައި ފުރިހަމަ ކުރި މި ތަމްރީންތަކާއެކު ރުހޭއަކީ މިއަދު ހީޓްގައި ކްލާސް ނަގައިދިނުމުގެ އިތުރުން އޭނާއަކީ ހީޓްގެ ގްރޫޕް ފިޓްނަސްގެ މެނޭޖަރެވެ.
"އަސްލުގައި ކޮންމެ މީހަކު ވެސް ކިތަންމެ ބިޒީކޮށް އުޅުނު ނަމަވެސް ކަސްރަތައް ކޮންމެ ވެސް ވަގުތެއް ދިނުން މުހިންމު. މިއީ ވަރަށް މުހިންމު ކަމެއް،" ކަސްރަތުގައި 14 އަހަރުގެ ތަޖުރިބާ ލިބިފައިވާ އިންސްޓްރަކްޓަރު ބުންޏެވެ.
ރުހޭއަކީ ވެސް އާއްމު އެހެން މީހުންނެކޭ އެއްގޮތަށް ބިޒީ ޝެޑިއުލްއެއްގައި އުޅޭ މީހެކެވެ. ޒުވާން މަންމަ އެކެވެ. ރުހޭގެ ދެ ކުދިން ތިބެ އެވެ. ނަމަވެސް ކުދިންގެ ކަންތައްތައް ނިންމާލުމަށް ފަހު ކަސްރަތަށް ވަގުތު ހޯދަނީ ލޯތްބާއެކުގަ އެވެ.
"ކޮންމެހެން ނުޖެހޭ ކޮންމެ މީހަކީ ސްލިމް މީހަކަށްވާކަށް. އެކަމަކު ކޮންމެ މީހަކީ ވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން މީހަކަށް ވާން ޖެހޭ. މިހެން ހުރެވޭނީ ކޮންމެ ދުވަހަކު ވެސް އެންމެ މަދު ވެގެން ގަޑިއެއްހާ އިރު ކަސްރަތު ކޮށްގެން،" 35 އަހަރުގެ ޒުވާން މަންމަ ބުންޏެވެ.
ކަސްރަތުގެ ވާހަކަ ދައްކާއިރު ރުހޭއަކީ މިކަމުގައި ފުރިހަމަ މިސާލެކެވެ. މީގެ ސަބަބަކީ ވިހައިގެން ނުހުންނަ ކޮންމެ ފަހަރު ހަށިގަނޑަށް އައިސްފައިވާ ބަދަލުން އަރައިގަތުމަށް ރުހޭ ކުރާ މަސައްކަތެވެ. އެކަން ކާމިޔާބުކުރާ ގޮތެވެ. މިއީ ބުރަ މަސައްކަތެކެވެ! އެކަމަކު މި މަސައްކަތު ރުހޭ ކުރަނީ ރާވާލައިގެންނެވެ. ނަތީޖާއަކީ ކާމިޔާބީ ފޮނިވުމެވެ.
"ބައެއް މީހުން ހިތައް އަރަނީ ހަމައެކަނި ޕީޓީ [ޕާސަނަލް ޓްރެއިނިން] ނަގައިގެންނޭ ހިކޭނީ. އެކަމަކު އެެއީ ކުއްހީއެއް!.. ވިހައިގެން އަޅުގަނޑު ވެސް ކޮންމެ ފަހަރަކު 50 ކިލޯވަރު ބަރުވޭ. އެކަމަކު އަހަރު ތެރެއަށް ބަހާލައިގެން ކެއުމަށް ބަލާލައިގެން ހިކެނީ. މިހާރު މިހުރި ވަރަށް އައުމަށް ވެސް އެއް އަހަރުވަރު ނެގި. މީގައި އެންމެ މޮޅު ގޮތަކީ ގިނަ ދުވަހުން ހިކުން. އޭރުން ހަށިގަނޑުގެ މަސްތައް ރީތިކޮށް ހުންނާނީ،" ހިކެން ބޭނުންވާ މީހުންނަށް މިސާލު ދައްކަމުން، ރުހޭ ބުންޏެވެ.
ފިޓްނަސްގައި ކާމިޔާބު ހޯދާފައިވާއިރު، މިހާރުގެ ރުހޭ ފެނުމުގެ އެންމެ ބޮޑު އެއް ސިއްރަކީ ހީޓު ކަމަށް އޭނާ ދެކެ އެވެ. އެހެންވެ ހީޓުވެފައިވަނީ ރުހޭ ދިރިއުޅުމުގެ ބަޔަކަށެވެ. އެހާ ވެސް އޭނަގެ ހިތް އޮތީ ހީޓު ކޮޅުގަ އެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ފިޓްނަސް ދާއިރާއަކީ އުޅެން އެންމެ ރަނގަޅު އެއް ދާއިރާ އެވެ.
"އަސްލު އުޅެން މިއީ އެންމެ ރަނގަޅު ދާއިރާ. އާއްމުކޮށް ވިސްނާއިރު ކޮންމެ މީހަކު ވެސް ކަސްރަތު ކުރަން ޖެހޭ. ކަސްރަތު ކުރުމުން ރަނގަޅު އާމްދީއެއް ލިބޭ. މީގެ ތަފާތަކީ އަމިއްލަ ފިގަ މެއިންޓެއިން ކުރަން ކަސްރަތު ކުރީމަ ޕޭއެއް ލިބުން. މިއީ ރަނގަޅު އިންކަމެއް ލިބޭ ދާއިރާއެއް. އެކަމަކު މަސައްކަތް ކޮށްގެން. ހެނދުނު އައިސް ޕީޓީ ނަގާލާފަ މެނދުރު ފަހު ކްލާސް ނަގާލާނަމަ ވާނެ،" ރުހޭ ބުންޏެވެ.
ރުހޭ ބުނި ގޮތުގައި މިހާރު ކުރިއާ ބަލާއިރު ކަސްރަތަށް އާއްމު ވަނީ ވަރަށް ބޮޑަށް ހޭލުންތެރިވެފަ އެވެ.
"މިހާރު ހަމައެކަނި އަންނަނީ ހިކޭކަށެއް ނޫން. ފިޓްކޮށް ހުރެ، ޓޯންކޮށްލާ ހަދާލަން ވެސް އާދެ. ވިހައިގެން އަންނަ ބޭފުޅުން ވެސް އާދެ. ދިވެހިންގެ އާދަކާދައާ ބަލާއިރު ފަންގްޝަން އަކަށް ހިކެން ވެސް. މިހާރު ކަސްރަތުގެ ތެރޭގައި އުޅޭ މީހުން ވަރަށް ގިނަ،" ރުހޭ ބުންޏެވެ.
ރުހޭ ބުނި ގޮތުގައި ހީޓަކީ އެންމެ ގާބިލް އިންސްޓްރަކްޓަރުން ތިބި އެއް ފިޓްނަސް ކްލަބެވެ.
"މި ތަނުގައި ގްރޫޕް ފިޓްނަސް. މި ތަނުގައި ހުރިހާ އިންސްޓްރަކްޓަރުންނަކީ ވެލް ސެޓިފައިޑް އިންސްޓްރަކްޓާސް. މި ތަނުގައި އެންމެ ފެންވަރު ރަނގަޅު އިންސްޓްރަކްޓަރުން މި ތިބީ،" ރުހޭ ބުންޏެވެ.
ރުހޭ ބުނި ގޮތުގައި މި ދާއިރާގައި ކުރި އަށް ދިއުމަށް ވަރަށް ގިނަ މީހުންގެ އެހީތެރިކަން ލިބިފައިވެ އެވެ. އެހެންވެ ރުހޭގެ ޝުކުރުގެ ލިސްޓު ވެސް ވަރަށް ދިގެވެ. މި ލިސްޓުގައި ފިރިމީހާގެ އިތުރުން ހީޓްގެ މެނޭޖުމަންޓުން ޝިފާނާ އާއި އަނާ އަދި މަރީ ހިމެނެ އެވެ. އަދި ސައިޖީ އާއި ދައްތަ ތައި އާއި ތިއްތިބެ އަދި ދޮންބެގެ އިތުރުން ރުހޭ މި ދާއިރާ އަށް ނެރުމުގެ ބާރަކަށްވި ބަތް ފާތުންގެ ނަން ފާހަގަ ކުރަނީ ޝުކުރުވެރިކަމާއެކުގަ އެވެ.
"ފިރިމީހާ ވަރަށް ބޮޑަށް އެހީތެރިވެދޭނީ މިގޮތަށް ކްލާސް ނަގައިދެން އާދެ ވެނީ. އަސްލު ހީޓުގައި އެންމެ އެއްކޮށް ވޯކް ކުރި އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާއޭ ބުނެލަން ބޭނުންވޭ. ހާއްސަކޮށް އަނާ އާއި ޝިފާނާއަށް ޝުކުރު އަދާކުރަން ބޭނުންވޭ،" ރުހޭ ބުންޏެވެ.
ކަސްރަތުގެ ދާއިރާގައި 14 އަހަރުގެ ތަޖުރިބާރާކު އިންސްޓްރަކްޓަރު މި ދާއިރާގައި މަސައްކަތް ކުރަނީ މިސާލެއްގެ ގޮތުގަ އެވެ. އެންމެންގެ ރުހުމާއެކު މި ދާއިރާގައި އުޅެނީ ލޯތްބާއެކުގަ އެވެ.