ހަބަރު

1000 ވެއިޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފަށައިފި

Feb 26, 2015

"ކޮންމެ ޒުވާނަކީ ހުނަރުވެރި ޒުވާނަކަށް ހެދުން" ސިޔާސަތުގެ ދަށުން ފުޑް އެންޑް ބެވަރޭޖަސް ސާވިސްގެ ދާއިރާ އިން 1000 ޒުވާނުން ތަމްރީން ކުރުމުގެ ޕްރޮގްރާމް މިއަދު ފަށައިފި އެވެ.

މި ޕްރޮގްރާމް ފެށުމަށް ޝީ ބިލްޑިންގައި ބޭއްވި ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވީ މިއަދު މިހުޅުވާލެވޭ މަސައްކަތްތަކަކީ ވެސް ރާއްޖޭގެ ޒުވާނުންނަށް ގަދަރުވެރި ދިރިއުޅުމެއް ހޯދާ ދިނުމަށްޓަކައި ރައީސް އަބްދުﷲ ޔާމީން ވެ ވަޑައިގެންފައިވާ ވައުދު ފުއްދުމުގެ ބައެއް ކަމަށެވެ. މި ސިޔާސަތުގެ ތެރެއިން އިޖުތިމާއީ ހެޔޮބަދަލުތައް އަންނަން ފަށައިފި ކަމަށާއި މިކަމަކީ އަޅުގަނޑުމެންގެ މުޖުތަމައުގެ ހަމަޖެހުމަށް ބޭނުންވާ ހުރިހާ ފަރާތްތަކަކަށް ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވެއިޓަރުންގެ ގޮތުގައި މަސައްކަތްކުރުމަށް ޒުވާނުންނަށް ހިތްވަރުދީ މިދާއިރާއަށް ތައުލީމާއި ތަމްރީން ލިބިފައިތިބި ޒުވާނުންތަކެއް އުފެއްދުމުގެ މަގްސަދުގައި ފެށި މި ޕްރްގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިއަދުންފެށިގެން އަންނަ މަހުގެ 15 އަށް ވަނީ ހުޅުވާލައިފަ އެވެ. މި ޕްރޮގްރާމް ފުރިހަމަކޮށް ފާސްވާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލުކުރާ ލެވެލް 3 ނުވަތަ 4 ގެ ސަނަދެއް ލިބޭނެ އެވެ.

މިޕްރޮގްރާމްގެ ދަށުން ހިންގާ ކޯހަށް 3500 ރުފިޔާގެ ފީއެއް ދައްކަންޖެހެ އެވެ. ނަމަވެސް މިފަހަރު މި ހުޅުވާލި ފުރުސަތުގައި ބައިވެރިވުމަށް ހޮވޭ ދަރިވަރުންނަކީ ސްޕޮންސަކުރެވިފައިވާ ދަރިވަރުންނަށް ވާތީ ކޯހުގެ ފީ ދައްކާކަށް ނުޖެހޭނެ އެވެ.

މި ކޯހުގައި ބައިވެރިވުމުގެ ޝަރުތު ތަކަކީ ސެޓްފިކެޓް ލެވެލް 3 ނަމަ ގްރޭޑް 7 ފުރިހަމަ ކޮށްފައި ވުން އަދި ސެޓްފިކެޓް ލެވެލް 4 ނަމަ ސާނަވީ އިމްތިޙާނުތަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން ނުވަތަ އެމް. އެން.ކިއު.އެފް ލެވެލް 03 ގެ ސަނަދެއް ހާސިލުކޮށްފައިވުމެވެ. ސެޓްފިކެޓް ލެވެލެ 3 ގެ ކޯހުގެ ދިގުމިނަކީ 6 މަސް ދުވަހެވެ. އަދި ސެޓްފިކެޓް ލެވެލް 4ގެ ކޯހުގެ ދިގުމިނަކީ 1 އަހަރު ދުވަހެވެ.