ދިވެހި ސިނަމާ

ނަހުލާގެ ފިލްމުގެ އަގު މިލިއަނަކާ ގާތުގައި!

  • ފިލްމު ޕްރޮމޯޓްކުރުމަށް ބާއްވާ ޝޯ އަށް 150،000ރ.
  • ނަހުލާ ބުނަނީ މިވަރުގެ ޚަރަދެއްކުރުން އެއީ މައްސަލައެއް ނޫން ކަމަށް

މިރޭ މިއީ ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ބިރުވެރި ފިލްމު "4426" ގެ "ރޭތަކުގެ ތެރެއިން ރެއެކެވެ." ފިލްމުގެ ޕްރޮމޯޝަނަލް ލަވަ ރިކޯޑްކުރުމަށް ރަޝިއާ އިން ގެނައި ކުޅަދާނަ ލަވަކިޔުންތެރިޔާ ޑރ. އަހުމަދު ޝަމްރާހްގެ އެ ލަވައިގެ ލައިވް ޕާފޯމެންސެއް ފެނިގެންދާނެ ރެއެކެވެ.

"4426" ގެ މި ހާއްސަ ޝޯއަށް ނަހުލާގެ ބަޖެޓުން 150،000ރ. ހޭދަކޮށްފައިވާއިރު އޭނާގެ މި މެގަ ޕްރޮޖެކްޓް ނުވަތަ ފިލްމީ ދާއިރާ އަށް އެނބުރި އައުމަށް "4426" ގެ ނަމުގައި ނަހުލާ ފަށާފައިވާ ފިލްމީ ކެމްޕޭނުގެ އަގު މިހާރު ވަނީ ގާތްގަނޑަކަށް މިލިއަން ރުފިޔާގެ އަދަދަކާ ގާތަށް ޖެހިލައިފަ އެވެ.

އެކަމަކު ނަހުލާ ބުނަނީ އޭނާގެ މަގުސަދަކީ، ކިތަންމެ ބޮޑު ޚަރަދެއްކޮށްގެން ނަމަވެސް ފިލްމީ ދާއިރާގެ އަނދިރި ދުވަސްތަކަށް "4426" ގެ ހަނދު އަރުވައި ދިއްލާލަން ކަމަށެވެ. ޝަމްރާހު އާއި ރާއްޖޭގެ މަޝްހޫރު އެހެން ލަވަކިޔުންތެރިންނާ އެކު ނަހުލާ މިރޭ ބާއްވާ ހާއްސަ މި ޝޯ ވެސް އެކަމަށް ހެކިވެ އެވެ.

މި ޝޯ އޮންނާނީ ސޯޝަލް ސެންޓަރުގެ ސްޓޭޖުގަ އެވެ. ވީޓީވީ އިން ލައިވްކުރާ މި ޝޯ ފަށާނީ ރޭގަނޑު ނުވައެއް ޖަހާއިރު އެވެ.

ޝަމްރާހް ހުށަހަޅައިދޭނީ ނަހުލާގެ ފިލްމަށް އޭނާ ރިކޯޑްކޮށްފައިވާ ޕްރޮމޯޝަނަލް ލަވަ އެވެ. އޭނާގެ އިތުރުން މީރާ މުހައްމަދު އާއި ޔާމީން އަދި އައްމަޑޭ އާއި ރާފިޔަތުގެ އިތުރުން ޝަލަބީ އިބްރާހިމް އާއި ލަމް ވެސް ސްޓޭޖުން ފެނިގެންދާނެ އެވެ. އެހެން ކަމުން މިއީ އެއްގޮތަކަށް ވެސް ދޫކޮށްލާވަރުގެ ޝޯއެއް ނޫންކަން ޔަގީނެވެ.

ޝޯ ބަލައިލުމުގެ ފުރުސަތު ވަނީ އާންމުކޮށް ހުޅުވާލައިފަ އެވެ.