ރާއްޖެ ކުޅިވަރު

ރަންބޫޓު ހާސިލްވުމާއެކު އަސަދުﷲގެ ޝުކުރު މާޒިޔާ އަށް

Dec 9, 2014
3

ދެހާސް ނުވަ ވަނަ އަހަރު އޯލް ޔޫތު ލިންކޭޖް (އޭވައިއެލް)ގެ ޖޯޒީގައި އަސަދުﷲ އަބްދުﷲ ފުރަތަމަ ޑިވިޝަންގައި ފުރަތަމަ ފަހަރަށް ކުޅުނުއިރު، އޭނައާމެދު ފުޓްބޯޅައިގެ ގިނަ ކޯޗުން ބޮޑެތި އުންމީދުތަކެއް ކުރި އެވެ. އަސަދުﷲ އަކީ "ރާއްޖޭގެ ގައުމީ ޓީމުގެ ލީޑިން ކުޅުންތެެރިއަކަށް" ވާނެ ކަމަށް އޭރު ފުރަތަމަ ޑިވިޝަންގައި ހުރި ކޯޗަކު ބުންޏެވެ. އަސަދުﷲއާމެދު ގިނަ ކޯޗުންނާއި ސަޕޯޓަރުން ކުރި އުންމީދުތަކާ ހަމައަށް މިއަދު އޭނާ ވަނީ ގޮސްފަ އެވެ. މި އަހަރުގެ ފުޓްބޯޅަ ސީޒަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ގައުމީ ޓީމުގެ ފޯވަޑް އަސަދުﷲ ނިންމާލީ ސީޒަންގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމާއެކު އެވެ. ސީޒަންގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމަށް ދުވަހު ނޫސް "ހަވީރު"ން ދޭ ރަންބޫޓު އެވޯޑް ކެރިއަރުގައި ފުރަތަމަ ފަހަރަށް އަސަދުﷲ ވަނީ ހޯދައިފަ އެވެ.

މާޒިޔާ އަށް 2012 ވަނަ އަހަރުން ފެށިގެން ކުޅެމުންދާ އަސަދުﷲ މި ސީޒަންގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމު ހޯދީ 30 ލަނޑާއެކު އެވެ. އަސަދުﷲ އަކީ އެއް ސީޒަނެއްގައި 30 ލަނޑު ހަމަކުރި ތިން ވަނަ ދިވެހި ކުޅުންތެރިއާ އެވެ. މީގެ ކުރިން އެއް ސީޒަނެއްގައި 30 ލަނޑު ހަމަކޮށްފައިވާ ދިވެހި ދެ ކުޅުންތެރިންނަކީ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި މުހައްމަދު އުމެއިރެވެ.

އދ. މަހިބަދޫ އަށް އުފަން އަސަދުﷲ ,24, ބުނީ މި ސީޒަންގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމު އޭނާ އަށް ލިބުނީ ހަމައެކަނި "އަމިއްލަ މަސައްކަތަކުން ނޫން" ކަމަށެވެ. އެކަމަކު މިއީ މާޒިޔާގެ މުޅި ޓީމުން ކުރި މަސައްކަތުގެ ސަބަބުން އޭނާ އަށް ލިބުނު ކާމިޔާބެއް ކަމަށެވެ.

"މިއީ ވަރަށް ބޮޑު ކާމިޔާބެއް. އެކަމަކު މިއީ ހަމައެކަނި އަޅުގަނޑުގެ އަމިއްލަ މަސައްކަތެއް ނޫން. މިއީ މާޒިޔާގެ އެހެން ކުޅުންތެރިންނާއި ކޯޗު (އަލީ ސުޒޭން) އާއި އޮފިޝަލުން އަދި މެނޭޖްމަންޓްގެ ވެސް މަސައްކަތުން އަޅުގަނޑަށް ލިބުނު ކާމިޔާބެއް. އެކަނި މިކަމެއް ނުވާނެ،" އަސަދުﷲ ބުންޏެވެ. "މާޒިޔާގެ ކުޅުންތެރިންނާއި ކޯޗު އާއި އޮފިޝަލުން އަދި މެނޭޖްމަންޓަށް ޝުކުރު އަދާކުރަން މި ކާމިޔާބީ ހޯދައިދޭން މަސައްކަތްކޮށްދިނީތީ."

އޭވައިއެލް އިން 2009 ވަނަ އަހަރު ފުރަތަމަ ޑިވިޝަނަށް ނުކުމެ، ކްލަބް ވެލެންސިއާ އަށް ވެސް ފަހުން ކުުޅުނު އަސަދުﷲގެ ލަނޑު ޖެހުމުގެ ރޭޓް ރަނގަޅުވީ 2012 ވަނަ އަހަރު މާޒިޔާއާ ގުުޅުނު ފަހުންނެވެ. މާޒިޔާގައި އަސަދުﷲ ހޭދަކުރި ފުރަތަމަ ސީޒަންގައި ވެސް އޭނާ 17 ލަނޑު ޖެހި އެވެ. އޭގެ ކުރިން އޭވައިއެލް އާއި ކްލަބް ވެލެންސިއާ އަށް އޭނާ ކުޅުނުއިރު، އެއް ސީޒަނެއްގައި 10 ލަނޑު ވެސް ހަމައެއް ނުކުރެެވެ އެވެ. ދެހާސް ތޭރަ ވަނަ އަހަރު އަސަދުﷲ ވަނީ 20 ލަނޑު ޖަހައި، ކެރިއަރުގައި ފުރަތަމަ ފަހަރަށް އެއް ސީޒަނެއްގައި 20 ލަނޑު ހަމަކޮށްފަ އެވެ.

މި ސީޒަނަށް އަސަދުﷲ ކުރިމަތިިލިއިރު ވެސް، ސީޒަންގެ އެންމެ ގިނަ ލަނޑު ޖެހުމުގެ ކުޅުންތެރިއާގެ މަގާމު ހޯދުމަށް އޭނާ އަޒުމުކަނޑައެޅި އެެވެ. އެކަމަކު އަސަދުﷲ ބުނި ގޮތުގައި އެ ޓީމުގެ ކޯޗުކަމާ އަލީ ސުޒޭން ހަވާލުވި ހިސާބުން، ރަންބޫޓު ޒިންމާއެއްގެ ގޮތުގައި ސުޒޭން ހަވާލުކުރި ކަމަށް އަސަދުﷲ ބުންޏެވެ. އެ ޒިންމާ ނަގައި، ރަންބޫޓު ހޯދުމަށް ގަދަ އަޅައި މަސައްކަތްކުރެވުނު ކަމަށް އަސަދުﷲ ބުންޏެވެ.

"ސުޒޭން ކޯޗަކާ ހަވާލުވެ، ޒިންމާއެއްގެ ގޮތުގައި ހަވާލުކުރީ ރަންބޫޓު ހޯދުން. ސުޒޭން ވަރަށް ބާރުއެޅި އެކަމަށް މަސައްކަތްކުރަން. އެހެން ކުޅުންތެރިންނަށް ވެސް ބާރު އެޅި އެ މަގާމު އަޅުގަނޑަށް ހޯދައިދޭން،" އަސަދުﷲ ބުންޏެވެ.

އަސަދުﷲ ބުނީ އޭނާ އަށް ރަންބޫޓު ހޯދައިދޭން ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ވަރަށް މަސައްކަތްކުރި ކަމަށެވެ.

"އެހެން ކުޅުންތެރިން ވެސް ހަމަ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން ވަރަށް މަސައްކަތްކުރި. އެހެން ކުޅުންތެރިންގެ ވެސް މަސައްކަތުން ލަނޑުޖެހެނީ،" އަސަދުﷲ ބުންޏެވެ.

އަސަދުﷲ އަކީ ރާއްޖޭގެ ބޮޑެތި ކްލަބުތަކުން ސަމާލުކަން ދޭނެ ކުޅުންތެރިއަކަށް މިހާރު ވާނެ އެވެ. އަދި ހާއްސަކޮށް މި ސީޒަނަށް ފަހު އަސަދުﷲ ގެންދަން ކްލަބުތަކުން އިތުރަށް ބޭނުންވާނެކަން ޔަގީނެވެ. އަސަަދުﷲ ބުނީ އަންނަ ސީޒަންގައި ކުޅޭ ޓީމެއް އަދި މުޅިން ނުނިންމާ ކަމަށެވެ. އެކަމަކު މާޒިޔާގެ ފެހި ޖޯޒީގައި އަންނަ ސީޒަންގައި ވެސް ފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ. 

"އަދި މުޅިން ނުނިންމަން އަންނަ އަހަރު ކުޅޭނެ ޓީމެއް. އެކަަމަކު ބޮޑަށް ބުރަވެވޭނީ އަންނަ އަހަރު ވެސް މާޒިޔާ އިން ފެންނާނެ ކަމަށް،" އަސަދުﷲ ބުންޏެވެ.