ހަބަރު

މުންޑޫ ފަޅުރަށެއް ކަމަށް ނިންމުނީ އޮޅުމަކުން، އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅަނީ

Sep 23, 2016
1

ލ. މުންޑޫ ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި ރައީސް އަބްދުﷲ ޔާމީންއަށް ގަރާރެއް ނެރުއްވުނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން، ޑީއެންއާރު އައި އިން ރައީސް އޮފީހަށް ނުބައި މައުލޫމާތުތަކެއް ދެވުމުން ކަމަށާއި އެ މައްސަލައިގައި އިހުމާލުވި މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ ޑިޕާޓްމަންޓުން ބުނެފި އެވެ.

ލ ގާދޫ އަދި މުންޑޫ ފަޅުރަށެއްގެ ގޮތުގައި ރައީސް މިއަދު ހަމަޖައްސަވާ ގަރާރެއް ރައީސް އޮފީހުން އާންމު ކުރެއްވި އިރު، މުންޑޫގައި އަދިވެސް 400 އެއްހާ މީހުން ދިރިއުޅޭ އިރު، އެ ރަށުގައި ކައުންސިލާއި އެހެނިހެން ވެސް އަސާސީ ހިދުމަތްތައް ފޯރުކޮށްދެމުންދެ އެވެ. އެކަމާ ގުޅިގެން އެތައް ބައެއްގެ ފާޑު ކިޔުން އަމާޒުވި އެވެ.

ޑީއާރުއާރުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރައީސް އޮފީހުގެ ގަރާރާ ގުޅިގެން ލިބުނު ޝަކުވާތަކާ ގުޅިގެން އެކަން ބެލި އިރު އެ ޑިޕާޓްމަންޓްގެ ޑޭޓާބޭސްގައި މުންޑޫ އަކީ މީހުން ބާލައި ނިމި، ފަޅު ރަށެއްގެ ގޮތުގައި ރިކޯޑް ކޮށްފައިވާ ކަމަށެވެ. އަދި ކައުންސިލް އިންތިހާބު ކައިރިވަމުން އަންނާތީ، މިހާރު މީހުން ނޫޅޭ ރަށްތަކުގެ ލިސްޓާއި އެހެނިހެން ވެސް ތަފްސީލްތައް ރައީސް އޮފީހަށް ފޮނުވި އިރު، މުންޑޫ އަކީ ވެސް ފަޅު ރަށެއްގެ ގޮތުގައި ރައީސް އޮފީހަށް ފޮނުވި މައުލޫމާތުތަކުގައި ޖެހިފައިވާ ކަމަށް ޑީއެންއާރުން ބުންޏެވެ. އަދި ރައީސް އޮފީހަށް މައުލޫމާތުތައް ފޮނުވުމުގެ ކުރިން ދެ ފަހަރަށް މައުލޫމާތުތައް ބެލި ކަމަށް ވެެސް ޑީއާންއާރުން ބުންޏެވެ. އެހެން ނަމަވެސް ޑޭޓާ ބޭސްގައި އެގޮތަށް އޮތުމުން މައްސަލަ ދިމާވީ ކަމަށް ވެސް ބުންޏެވެ.

އެހެން ނަމަވެސް މުންޑޫ އަކީ އަދިވެސް މީހުން އުޅޭ ރަށެއް ކަމަށް ޑިޕާޓްމަންޓުން ބުންޏެވެ.

"ޑޭޓާ ބޭސްގައި އެގޮތަށް ރިޕޯޓްކުރެވިފައިވަނީ ކީއްވެގެންތޯ މި އަންނަނީ މިހާރު ބަލަމުންނެވެ. އަދި އެ މައްސަލަ ތަހުގީގުކޮށް އިހުމާލުވާ މުވައްޒަފުންނާ މެދު އެކަށީގެންވާ ފިޔަވަޅު އެޅޭނެ އެވެ،" ބަޔާނުގައިވެ އެވެ. މީގެ ކުރިން މުންޑޫގެ ވަރަށް ގިނަ ބަޔަކު ވަނީ އެކި ދުވަސްވަރު މަތިން، ލ. ގަމަށް ބަދަލުވެ އެ ރަށުގައި ދިރިއުޅެން ފަށައިފަ އެވެ.

ޑީއާރުންއާރުން ބުނީ އެއީ ކުށެއްކަން މިހާރު ރައީސް އޮފީހަށް އަންގާފައިވާ ކަމަށާއި ރަނގަޅު މައުލޫމާތު މިހާރު ފޮނުވާފައިވާ ކަމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ޑީއާންއާރުން ބުންޏެވެ.

ރައީސް އޮފީހުން ވެސް މުންޑޫ ފަޅު ރަކަށް ހެދުމަށްފަހު ނެރުނު ގަރާރު ބާތިލުކޮށް ނޫސް ބަޔާނެއް ނެރެފަ އެވެ. އެރި އޮޅުމަކުން އެކަން އެގޮތަށް ހިނގާފައިވާތީ މުންޑޫ ރައްޔިތުންގެ ފަރާތުން މާފަށް އެދޭ ކަމަށް އެ ބަޔާނުގައި ވެސް ވަނީ ބުނެފަ އެވެ.

މުންޑޫ އާ އެކު ފަޅު ރަށެއްކަމަށް ނިންމި، ގާދޫގައި ދިރިއުޅުނު މަދު ބަޔަކު މިދިޔަ އަހަރުގެ ތެރޭގައި ލ. ފޮނަދުއަށް ބަދަކޮށް އެ ރަށް ވަނީ ސަރުކާރަށް ނަގައިފަ އެވެ.