ކުޅިވަރު

ކޮންގްރެސް ބާއްވަން ފީފާއިން އެފްއޭއެމަށް އަންގައިފި

Sep 23, 2016

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ފަސް މެންބަރަކު އިސްތިއުފާ ދެއްވާފައި ވާތީ، އެކްސްޓްރާ އޯޑިނަރީ، ނޫނީ ކޮންގްރެސްގެ ހާއްސަ ޖަލްސާއެއް ބާއްވަން ފީފާއިން ރާއްޖެއަށް އަންގައިފި އެވެ.

"އަވަސް" އަށް ކޮޕީ ލިބިފައިވާ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން އިއްޔެ ވަގުތެއްގައި އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އަސާސީ ގަވާއިދުގެ 33 ވަނަ މާއްދާގައިވާ ގޮތަށް އަމަލުކުރުމަށެވެ. އެއީ އެކްސްޓްރާ އޯޑިނަރީ ކޮންފަރެންސެއް، ބާއްވައި އަލުން އިންތިހާބު ބޭއްވުމަށް ގޮތްތަކެއް ކަނޑައެޅުމަށް ކޮންފަރެންސެއް ބޭއްވުމެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެކްސްކޯގެ 50 ޕަސެންޓް މެންބަރުން އިސްތިއުފާ ދީފި ނަމަ އެ މަގާމުތަކަށް މީހުން ހޮވަން އަލުން އިންތިހާބު ބާއްވަން ޖެހޭނެ އެވެ. އެފްއޭއެމްގެ އެކްސްކޯގައި ރައީސްއާ އެކު ނުވަ މެންބަރުން ތިއްބަވާ އިރު މަދުވެގެން ފަސް މެންބަރަކު އިސްތިއުފާ ދެއްވައިފި ނަމަ، އެއިރެއްގައި އޮންނަ އެކްސްކޯއެއް އުވޭނެ އެވެ.

ގިނަ ދުވަސްތަކެއްގައި އެފްއޭއެމްގެ އިންތިހާބު ނުބޭއްވި އޮތުމަށް ފަހު، މިދިޔަ ޖޫން މަހު އިންތިހާބު ކުރި އާ ހިންގާ ކޮމިޓީގެ މެންބަރުންގެ ތެރެއިން އިން އިސްތިއުފާ ދިނީ، ނައިބު ރައީސް އަލީ އުމަރާއި ނޯމަލައިޒޭޝަން ކޮމިޓީގެ ނައިބުކަން ކުރެއްވި އަހުމަދު ޝަކީބާއި މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު ނާޒިމާ އާއި ޓީސީ ސްޕޯޓްސް ކްލަބްގެ މެނޭޖަރު އަހުމަދު އީސަ އަދި ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން އަސްއަދު އަބްދުލް ގަނީ އެވެ.