ރާއްޖެ ކުޅިވަރު

ފުުރަތަމަ ހާފުގައި ނިއު އަށް މެޗު ގެއްލިއްޖެ: މިކާ

އޭއެފްސީ ކަޕްގެ ގުރޫޕް އެޗްގައި އިއްޔެ ނިއު ރޭޑިއަންޓް އަތުން 4-1 އިން އަމިއްލަ ދަނޑުގައި އިންޑޮނޭޝިއާގެ ޕެރްސިބް ބަންޑުންގް މޮޅުވިއިރު، ނިއު އަށް ފުރަތަމަ ހާފުގައި މެޗު ގެއްލިއްޖެ ކަމަށް ނިއުގެ ކޯޗު ފިންލެންޑްގެ މިކާ ލޮންސްޓްރޮމް ބުނެފި އެވެ.

ޕެރްސިބްގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ 3-0ގެ ލީޑެއް ނަގައިފަ އެވެ.

މެޗަށް ފަހު އިންޑޮނޭޝިއާގެ މީޑިއާއާ ވާހަކަދައްކަމުން މިކާ ބުނީ ފުރަތަމަ ހާފުގައި ނިއުގެ ފަރާތުން ރަނގަޅު ކުޅުމެއް ނުފެނު ކަމަށާޢި މެޗުގެ ކުރީކޮޅު ލަނޑެއް ވަނުމުން ޓީމުގެ ޑިފެންސް ރޫޅިއްޖެ ކަމަށެވެ.

"ޑިފެންސް ރޫޅިއްޖެ ކުރީކޮޅު ލަނޑެއް ވަނީމަ. އަހަރެމެންނަށް ޕެރްސިބް ނުހިފެއްޓުނު. ފުރަތަމަ ހާފު ނިމުއިރު އޮތީ ތިން ލަނޑު ވަދެފައި،" މިކާ ބުންޏެވެ. "ދެވަނަ ހާފަށް ނުކުތީ ރޭވުންތައް ބަދަލުކޮށްލައިގެން. ބަދަލުތަކެއް ގެނައީމަ ތަންކޮޅެއް ރަނގަޅުވި."

މިކާ ބުނީ ދެވަނަ ހާފުގައި ވެސް ނިއުގެ ފަރާތުން ފެނުނު ކުޅުމާމެދު ހިތްހަމަނުޖެހޭ ކަމަށެވެ.

ފުރަތަމަ ހާފުގައި ނިއު އަށް ޕެރްސިބްގެ ގޯލަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. ޕެރްސިބްގެ ޕެނަލްޓީ އޭރިޔާ ބޭރުން ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ޝޮޓް އަމަޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

 މި ގުރޫޕްގައި ނިއު ކުޅޭ ދެވަނަ މެޗުގައި އަންނަ މަހުގެ 11 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނުކުންނާނީ ލާއޮސްގެ ލާއޯ އެފްސީއާ ދެކޮޅަށެވެ.