- އާންމުންގެ ޒަމާންވީ ޝަކުވާތައް ބޮޑުތަނުން މަދުވެއްޖެ
- ރާއްޖެއިން ލިބެން ނެތް ފަރުވާތައް މިދިޔަ ދެއަހަރު ފުޅާކޮށްފި
- އިތުރު ފަރުވާތައް ފެށުމަށް ހޮސްޕިޓަލް އަންނަނީ ތައްޔާރުވަމުން
ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށް ކޮންމެ ސަރުކާރެއްގައި ވެސް ބޮޑެތި މަސައްކަތްތަކެއް ކުރެ އެވެ ސިއްހީ ދާއިރާ އަކީ ރާއްޖޭގެ އެންމެ ފުލުގައި އޮތް އަސާސީ ހިދުމަތެވެ. ރައްޔިތުންގެ މެދުގައި އެ ދާއިރާއަށް އިތުބާރު ވެސް ނެތް އިތު ރާއްޖޭގެ ސިއްހީ ނިޒާމު ރަނގަޅުވާނެ ކަމަށް އުންމީދު ކުރަނީ މަދުބައެކެވެ. ރާއްޖޭގެ ސިއްހީ ނިޒާމު ހަގީގަތުގައި އޮތީ އައިސީޔޫގަ އެވެ.
ހާއްސަކޮށް ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗާ މެދު ރައްޔިތުން އޮައްސަމުން ދިޔައީ ޝަކުވާތަކެކެވެ. ދާދި ފަހަކާ ޖެހެންދެންވެސް އެ ހޮސްޕިޓަލުން ޑޮކްޓަރުންގެ އެޕޮއިންޓްމަންޓް ނެގުން ވެސް އޮތީ ބޮޑު ވޭނަކަށްވެފަ އެވެ. އެއީ ރައްޔިތުންގެ ނުރުހުން އަމާޒުވަމުން ދިޔަ އެއްތަނެވެ. ނަމަވެސް މިހާރު އެ މަންޒަރު ބަދަލުވާން ފަށައިފި އެވެ.
ފާއިތުވި ދޮޅު އަހަރެއްގެ ތެރޭގައި އައިޖީއެމްއެޗަށް ބޮޑު ބަދަލުތަކެއް އައިސްފި އެވެ. އަހަރެއްގެ މައްޗަށް ރާއްޖޭގެ ޖުމްލަ އާބާދީގެ ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ފަރުވާހޯދަން ދާ އެ ހޮސްޕިޓަލަށް އައި ބަދަލަކީ ކޮން ކަހަލަ ބަދަލެއްތޯ ނިންމަން އާންމުންނަށް ދޫކޮށްލަމާ ހިނގާށެވެ.
ހަގީގަތަކީ އެދެވޭ ހެޔޮ ބަދަލުތަކެއް ހެސްޕިޓަލްގެ ހިދުމަތްތަކަށް މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އައިސްފައިވާކަމެވެ. އެ ހޮސްޕިޓަލާ މެދު އޮތް އާންމުންގެ ޝަކުވާތައް މި ވަނީ އިންތިހާއަށް މަދުވެފަ އެވެ. އެ ހޮސްޕިޓަލްގެ ހިދުމަތް ހޯދުމަކީ ބޮޑު ވޭނެއްގެ ގޮތުގައި ސިފަވެފައި އޮތް އޮތުމަށް ހަމަ ޔަގީނުން ވެސް ބަދަލުތަކެއް އައިސްފި އެވެ. މި ބަދަލުތައް އައިޖީއެމްއެޗުން ސިފަ ކުރަނީ އުންމީދީ ބަދަލުތަކެއްގެ ގޮތުގަ އެވެ. ރާއްޖޭގެ ސިއްހީ ދާއިރާ ކާމިޔާބީގެ މުޅިން އާ ދުވަހަކަށް ގެންގޮސްދޭން އެ ހޮސްޕިޓަލް އޮތީ އަތުކުރި އޮޅާލައިގެންނެވެ.
އައިޖީއެމްއެޗްގެ ސީއީއޯ، އަދި ބްރިގޭޑިއާ ޖެނަރަލް ރިޓަޔަޑް ފަރުހަރު ޝަހީރު ވިދާޅުވި ގޮތުގައި އައިޖީއެމްއެޗް މިނިވަން ހޮސްޕިޓަލެއްގެ ގޮތުގައި ހިންގުމަށް ގަވަނެންސް ބޯޑެއް ރައީސް އަބްދުﷲ ޔާމީން އައްޔަން ކުރެއްވުމަކީ މި ބަދަލުތަކުގެ އަސްލުފެށުމެވެ. ޝަކުވާ މަދު އާންމުންނަށް ފަސޭހަ ހޮސްޕިޓަލަކަށް އައިޖީއެމްއެޗް ހެދުމުގެ މަސައްކަތުގެ ފުރަތަމަ ފޭސްއަކީ ވެސް ފަރުހަތު ވިދާޅުވި ގޮތުގައި އާންމުންގެ ޝަކުވާ ހުރި ދާއިރާތައް ބަލައި އެކަމަށް ވަގުތުން ވަގުތަށް ބަދަލު ގެނައުމެވެ.
"އެންމެ ބޮޑު ބަދަލަކަށް އޭރު ގެންނެވި ބަދަލަކީ، އައިޖީއެމްއެޗަކީ މީގެ ކުރިން މިނިސްޓްރީގެ ދަށުން ހިންގެވި ތަނެއް. ރައީސް ޔާމީން އެކަން ބަދަލުކޮށްލެއްވީ، ތަން ހިންގާނެ ގަވަނިން ބޯޑެއް އައްޔަންކޮށް، އެ ބޯޑުގެ ބެލުމުގެ ދަށުން މިތަނަށް ސީއީއޯ ޑެޕިއުޓީ ސީއީއޯ އައްޔަންކޮށް، މިނިވަން ތަނެއްގެ ގޮތުގައި ހޮސްޕިޓަލް ހިންގަން ފެށީ. އެހެންވީމަ މިހާރު ހެލްތު މިނިސްޓްރީގެ ރޯލަކީ ސިއްހީ ދާއިރާ ރެގިއުލޭޓް ކުރާ ބޮޑީއެއްގެ ހައިސިއްޔަތުން މިނިސްޓްރީން ބަލަންޖެހޭ ކަންތައްތަކާއި އަންގަންޖެހޭ އެންގުންތައް އެނގުން، ވީމާ އެންމެ ފުރަތަމަ ވެސް ހޮސްޕިޓަލާ ހަވާލުވުމަށްފަހު އަޅުގަނޑުމެން ފެށީ މިހާރުން މިހާރަށް ނިންމަންޖެހޭ ކަންކަން ކުރުމަށް، އެކަމަށް ބޭނުންވާ ޕްލޭންތައް އެކުލަވާލުމަށް،" ފަރުހަތު ވިދާޅުވި އެވެ.
ފަރުހަތު ވިދާޅުވީ، އައިޖީއެމްއެޗް ހޮސްޕިޓަލުގައި ރަނގަޅުކުރަން ޖެހިފައި ހުރި އަދަދު ނުކުރެވޭ ކަންތައްތަކެއް ހުރި އިރު އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ބެލީ ޒަމާންތަކެއް ވަންދެން ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ދޫކުރުމަށް އައިޖީއެމްއެޗުން އަމަލުކުރަމުން ދިޔަ "ގޮނޑި ތަރުތީބުން ނަންބަރު ދޫކުރުމުގެ" އުސޫލު އުވާލައި، ހަރުދަނާ އުސޫލަކުން އެޕޮއިންޓްމަންޓް ދޫކުރާ ކިއު ގެ ކަންކަން އޮގަނައިޒް ކުރުމަށް ކަމަށެވެ. އެގޮތުން ކޮންމެ ވަގުތެއްގައި ވެސް އައިޖީއެމްއެޗަށް ގުޅާ އެޕޮއިންޓްމަންޓް ނަގަން ނަން ނޯޓުކުރެވޭ ގޮތަށް ވެއިޓް ލިސްޓް ނިޒާމެއް ގާއިމްކުރުމަށް ނިންމައި އެގޮތަށް އަމަލުކުރަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން އެތައް ބައެއްގެ ވަގުތު ސަލާމަތްވެގެން ދިޔަކަމަށް ވިދާޅުވި އެވެ.
"ކުރިން މި އޮންނަ ގޮތަކީ، ހޮސްޕިޓަލަށް ވަންނަ އިރު އޯޕީޑީ ސަރަހައްދުގަ މި ހުންނަނީ ބައިވަރު ގޮނޑިތަކެއް ޖަހާފަ، ގޮނޑިތަކުގަ ނަންބަރު ޖަހާފަ، އެ ކިއުތަކުގަ ބައެއް މީހުން މަޑުކުރާނެ ފަތިސް ނަމާދުން އަވަދިވެގެން އައިސް ވެސް. ބޭރު މީހުންނަށް ލާރި ދީގެން ވެސް. އެކަހަލަ ގޮތަކަށް އެކަންތައް އޮތީ، އެކަން ދިރާސާ ކުރުމަށްފަހު އަޅުގަނޑުމެން ބެލީ އެ ސިސްޓަމް އުވާލާފަ އޮޓޮމޭޓެޑް ކިއު ސިސްޓަމެއް ލާން، އޭގެ ތެރޭގަ އެސްއެމްއެސްގެ ޒަރީއާއިން އެޕޮއިންޓްމަންޓް ހެއްދުމާ، އޮންލައިންކޮށް، ފޯނުން ގުޅައިގެން އެކަން ކުރުން ފަދަ ހިދުމަތް ތައާރަފްކުރީ،" ފަރުހަތު ވިދާޅުވި އެވެ.
"އެހެން ނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ، އެންމެ ބޮޑު ޕަބްލިކް ހޮސްޕިޓަލް ވީމަ، ކިއުގަ މަޑުކުރަންޖެހޭ ވަގުތު ދިގު ވާނެ. އެއީ ބައެއް ކަހަލަ ސްޕެޝަލިޓީތަކުގެ މަދު ޑޮކްޓަރުން ތިބިކަމަށް ވަންޏާ އެ ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ލިބުން ލަސްވާނެ. އެހެން ނަމަވެސް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ތެރޭން ވެސް ވަކި ޑޮކްޓަރަކަށް ނުނަގާނަމަ ނަންބަރު ލިބޭލެއް އަވަސް ވާނެ،"
އައިޖީއެމްއެޗްގައި ހުރި ޒަމާނީ މައްސަލަތައް ބަދަލުކޮށްލުން ވީ ޗެލެންޖަކަށެވެ. އެންމެ ބޮޑު މައްސަލައަކަށް ވީ އައިޖީއެމްއެޗަކީ ހިދުމަތް އޮރިއެންޓެޑް ތަނެއްގެ ގޮތުގައި މީގެ ކުރިން ބެލެވިފައި ނެތުމެވެ. ކަސްޓަމަރުންނާ މުއާމަލާތް ކުރާ މުވައްޒަފުންގެ ހުނަރު ނެތުމާއި އެކަމަށް އެންމެ ގާބިލް މުވައްޒަފުން ނެތުމުގެ ގޮންޖެހުމަކީ ފަރުހަތުގެ ޓީމަށް ކުރިމަތިވެ ވަޑައިގެން އެންމެ ބޮޑު ގޮންޖެހުމެވެ. ފަރުހަތު ވިދާޅުވި ގޮތުގައި، އައިޖީއެމްއެޗްގެ ފްރޮންޓް ސްޓާފުންގެ ޓީމް އެކީ ބަދަލުކޮށް މުޅިންއާ މުވައްޒަފުން ތަމްރީންއާ އެކު ނެގި އެވެ. އެ ބަދަލާ އެކު ހޮސްޕިޓަލްގެ ޕަބްލިކް ރިލޭޝަންގެ ބައި ފުދޭ ވަރަކަށް ރަނގަޅުވެގެންދިޔަ ކަމަށް ފަރުހަތު ވިދާޅުވި އެވެ.
"..ދުވާލަކު ދޮޅު ހާހެއްހާ މީހުންނަށް ހިދުމަތްދޭ ހޮސްޕިޓަލަކަށް ޝަކުވާ އަންނާނެ. ޕަބްލިކް ހޮސްޕިޓަލަށް ވީމަވެސް ހުރޭ ޝަކުވާ. އަޅުގަނޑުމެންނަކަށްވެސް ހުރިހާ މައްސަލަތަކެއް އަދި ހައްލެއް ނުކުރެވޭ. ނުވެސް ވާނެ. އެހެންވީމަ ޝަކުވާ ހުންނާނެ. އެހެން ނަމަވެސް އަޅުގަނޑުމެން ކުރިން މިތަނާ ހަވާލުވި އިރު ޝަކުވާ ލިބޭ މިންވަރާ އަޅާ ބަލާއިރު އާންމުންގެ ޝަކުވާ މިހާރު ވަރަށް މަދު،" ފަރުހަތު ވިދާޅުވި އެވެ.
" އޭގެ އެންމެ ބޮޑު ސިއްރަކީ މެނޭޖްމަންޓާއި ކްލިނިކަލް ސްޓާފުންނާއި ނަރުހުންނާއި، މި ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރަން ފެށުމުގެ ރޫހު މިތަނަށް ގެނެވުން، "އައިޖީއެމްއެޗް ވަން ޓީމް" އަޅުގަނޑުމެން މިހާރު މި ކިޔަނީ ވެސް، އަޅުގަނޑުމެން ސްޓާފުންނާ އެކު ބައްދަލުކޮށް ކަންކަމާ މަޝްވަރާކުރަން ފެށުމުން މުވައްޒަފުންވެސް މޯޓިވޭޓްވެ، މަސައްކަތް ވަރަށް ރަނގަޅު ކުރޭ،"
ފަރުހަތު ވިދާޅުވީ، އައިޖީއެމްއެޗް ހުރީ އިންފްރާސްޓްރަކްޗާ ރަނގަޅުކުރުމުގެ އިތުރަށް އާ ސާވިސްތަކަކަށް ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށެވެ. އެގޮތުން އެމްއާރްއައިގެ ހިދުމަތް އައިޖީއެމްއެޗްގައި ފެށުމަށް ސަރުކާރުން ނިންމައި އެ މަސައްކަތް ވެސް ހަތަރު މަހެއްހާ ދުވަހުގެ ތެރޭ ނިންމާފައިވާކަން ފާހަގަކުރެއްވި އެވެ. އަދި އެތައް ސަރުކާރެއްގައި އަހަރުތަކަކަށް ދެމިގެންދިޔަ އައިޖީއެމްއެޗްގެ 11 ބުރީގެ އާ އިމާރާތް ބޮޑު އިސްކަމެއް ދީގެން، ހުރިހާ ފަރުވާތަކެއް ލިބޭގޮތަށް އެތަން ނިންމައި އެތަނަށް މުހިންމު ފަރުވާތަކެއް ބަދަލުކުރުމުގެ ސަބަބުން ހޮސްޕިޓަލަށް ބޮޑު ކުރިއެރުމެން ލިބުނު ކަމަށް ވެސް ފަރުހަތު ވިދާޅުވި އެވެ. މީގެ އިތުރުން ދާދި ފަހުން އެ ހޮސްޕިޓަލުގައި ހިތުގެފަރުވާ ދިނުމަށް ހުޅުވި ކެތު ލެބްވެސް މި ލިސްޓަށް ލާން ޖެހެ އެވެ.
ފާއިތުވި ދޮޅު އަހަރެއްހާ ދުވަހު އައިޖީއެމްއެޗަށް އައިސްފައިވާ ހެޔޮ ބަދަލުތަކަކީ ޒަމާންތަކަކަށް ބަނަކަން ވެރިވެފައި އޮތް ސިއްހީ ދާއިރާއަށް އަންނާނެ އުންމީދެކެވެ. މިހާރު ތައާރަފްކޮށްފައިވާ ހިދުމަތްތަކުގެ އިތުރަށް ތިން ހިދުމަތެއް މިއަހަރު ނިމުމުގެ ކުރިން ފެށުމަށް އައިޖީއެމްއެޗް އަނެއްކާވެސް އޮތީ ތައްޔާރުވެފަ އެވެ. އެ ހޮސްޕިޓަލުގައި ހަދަމުންދާ ބޮޑު އައިސީޔޫ އާއި ހަތަރު ތިއޭޓަރުގެ ބޮޑު އޮޕަރޭޝަން ތިއޭޓާ ކޮމްޕްލެކްސްގެ އިތުރުން ފިރިހެނުންނަށް ދަރިމައިވުމުގަ ދިމާވާ މައްސަލަތަކާއި ކިޑްނީ އަދި ކުޑަ ކަމުދާ ނިޒާމުގެ ބަލިތަކަށް ފަރުވާދޭ ކްލިނިކް އަންނަ ނޮވެމްބަރު މަހުގެ ކުރިން ހުޅުވަން ހޮސްޕިޓަލް ދަނީ ތައްޔާރުވަމުންނެވެ.
ޖުމްލަ 2.1 ބިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދަމުން އަންނަ އައިޖީއެމްއެޗްގެ އާ އިމާރާތަކީ ވެސް އިންގިލާބީ ބަދަލުތަކެއް ސިއްހީ ދާއިރާއަށް ގެނުވައިދޭނެ ކަމެކެވެ. އެއާ އެކު އައިޖީއެމްއެޗަކީ 500 އެނދުގެ މަލްޓި ސްޕެޝަލިސްޓް ހޮސްޕިޓަލަކަށް ބަދަލުވެނެގްދާނެ އެވެ.