އިނގިރޭސި ޕްރެމިއާ ލީގުގައި ހަލް ސިޓީ އަތުން 5-1އިން ލިވަޕޫލް މޮޅުވި ނަމަވެސް ބައިކޮޅަށް ގޯލެއް ވަނުމުން އެކަމާ ރުޅިއައި ކަމަށް ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
އޭނާ ބުނީ ސީޒަނުގައި ބައިކޮޅަށް ގޯލެއް ނުވައްދައި ލިވަޕޫލް މެޗެއް ނިންމާލަން ހައްގު ކަމަށެވެ.
"އަހަރެން ހުރީ އެކަމާ ކުޑަކޮށް ރުޅިއައިސްފައި. އެކަމަކު މިއީ ދުނިޔޭގެ ފެންވަރުގެ ކުޅުމެއް ދެއްކި މެޗެއް. ހާއްސަކޮށް ފުރަތަމަ ހާފުގައި. އަހަރުމެން ހަލްސިޓީ އަށް އެންމެ ފުރުސަތެއް ވެސް ނުދެން. ދެ ވަނަ ހާފުގައި ގޯލެއް ވަނަސް ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް ޕްރޮފެޝަނަލް ކުޅުމެއް،" ކްލޮޕް ބުންޏެވެ.
މި މެޗުގައި ވާތުބެކް ޖޭމްސް މިލްނާ ދެ ގޯލު ޖެހި އެވެ. އަނެއް ތިން ލަނޑު ޖެހީ ސައީދޯ މާނޭ އާއި ފިލިޕް ކޫޓިނިއޯ އަދި އާދަމް ލަލާނާ އެވެ. މީގެ ތެރެއިން ފިލިޕް ކޫޓީނިއޯ އޭރިޔާގެ ބޭރުން ޖެހި ގޯލާއެކު ޕްރެމިއާ ލީގުގައި އޭރިޔާގެ ބޭރުން އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އިތުރަށް އޭނާމިވަނީ ފުރިހަމަކޮށްފަ އެވެ.
މި މެޗުން މޮޅުވުމާއެކު ލިވަޕޫލަށް ވަނީ 13 ޕޮއިންޓާއެކު ހަތަރު ވަނަ މަގާމު ލިބިފަ އެވެ. ހަލް ސިޓީ އަށް ލިބިފައިވަނީ ހަތް ޕޮއިންޓާއެކު 12 ވަނަ އެވެ.
ލީގުގައި ރޭ ޓޮޓެންހަމް މޮޅުވީ މިޑްލްސްބަރާ އަތުން 2-1އިންނެވެ. ލަނޑު ޖެހީ ހެއުން މިންސަން އެވެ. މެޗުގެ ހަތް ވަނަ މިނިޓާއި 23 ވަނަ މިނިޓްގައި އޭނާ ޖެހި މި ދެ ލަނޑާއެކު ޓޮޓެންހަމް އޮތީ 14 ޕޮއިންޓާއެކު ދެ ވަނާގަ އެވެ. އެއްވަނާގައިވަނީ 18 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އެވެ.