ހަބަރު

ކޯޓު މަރުހަލާގައި ވަކި ގޮތަކަށް އަމަލުކުރަން ޕާޓީތަކުން ގޮވާލުމުން ހަގީގަތް އޮޅިދާނެ: އިލެކްޝަންސް

Feb 26, 2015

ކޯޓު މަރުހަލާގައިވާ މައްސަަލައަކާ މެދު ވަކި ގޮތަކަށް އަަމަލު ކުރުމަށް ގޮވާލުމުން ކަމުގެ ހަގީގަތް އޮޅިދާނެ ކަަމަށާއި އެފަދަ ކަންކަމުގެ ސަބަބުން އެ މައްސަލައަކަށް ނުފޫޒު ފޯރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ގާނޫނީ އިމުގެ ތެރޭގައި ގެންދިއުމަށާއި މުޖުތަމައުގެ އަމާންކަމާއި ސުލްހަމަސަލަސްކަން ރައްކާތެރި ކުރެވޭނެ ގޮތަށް ހިންގުމަށް ސިޔާސީ ޕާޓީތަކަށް "އިހްތިރާމާ އެކު" ދަންނަވާ ކަމަށެވެ.

ކޯޓު މަރުހަލާގައިވާ ކަންކަން ވަކި ގޮތަކަށް ނިންމުމަށް ގޮވާނުލަން އިލްތިމާސްކުރަމުން ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުން ގާނޫނު އަސާސީ އާއި ގާނޫނީ އިމުން ބޭރު ގޮވައިލުންތައް ގޮވާ ނުލުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މިކަމާ ބެހޭ ގޮތުން ސިޔާސީ ޕާޓީތަކާ ބައްދަލުކުރަމުން އަންނަ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"މި ކޮމިޝަނުން ދެކެނީ ސިޔާސީ ޕާޓީތަކުން އަމިއްލަ މަސްލަހަތަށް ވުރެ ގައުމާއި ރައްޔިތުންގެ މަސްލަހަތަށް އިސްކަން ދޭނެ ކަމަށެވެ." ސަރުކާރާ ދެކޮޅަށް މާދަމާ ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުން ދަނިކޮށް ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ކޮމިޝަނުން މި ބަޔާން ނެރެފައި މި ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާ އާއި ގައުމުގެ ވެރިންނަށް ހަމަލާ ދޭން ރޭވި ކަމުގެ ތުހުމަތުގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ކުރާ ދައުވާ ވެސް އަނބުރާ ގެންދިއުމަށް، ސަރުކާރާ ދެކޮޅު ފަރާތްތަކުން ގޮވާލަމުންދާ ވަގުތެއްގަ އެވެ.