ދުނިޔެ

އުތުރު ކޮރެއާގެ ރައީސް އަވާހާރަކޮށްލަން ރާވާ ކަމަށް ދެކުނު ކޮރެއާއިން ބުނެފި

Sep 25, 2016

ދެކުނު ކޮރެއާ އަށް ނުރައްކަލެއް ކަމަށް ދެކޭ އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން އުން އަވާހަރަކޮށްލުމަށް ރާވަފައިވާ ކަމަށް ދެކުނު ކޮރެއާގެ ދިފާއީ ވަޒީރު ހަން މިން ކޫ ވިދާޅުވެއްޖެއެވެ.

އުތުރު ކޮރެއާގެ ރައީސްއަށް އަވާހަރަކޮށްލުމަށް އަމާޒުކޮށްފައިވާ އަސްކަރިއްޔާގެ ހާއްސަ ޔުނިޓެއް މިހާރުވެސް އެބައޮތްތޯ ދިފާއި ވަޒީރު މިން ކޫ އާ މިދިޔަ ބުދަ ދުވަހު ދެކުނު ކޮރެއާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރިމަތި ކުރި ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ "އާދެ އަހަރެމެން އަތުގައި ތިފަދަ ޕްލޭނެއް އެބައޮތް" ކަމަށެވެ.

"ފުރިހަމަ އަސްކަރީ މިސައިލްގެ ގާބިލު ކަން އެބަހުރި ދެކުނު ކޮރެއާގެ ދުޝްމަނުން ނެތިކޮށްލުމަށް އަދި ދުޝްމަނުންގެ ލީޑާޝިޕް ނެތިކޮށްލުމުގެ ޖެނަރަލް ޕްލޭނެއް އެބައޮތް" މިންކޫ އިތުރަށް ވިދާޅުވިއެވެ.

ދެކުނު ކޮރެއާއިން އުތުރު ކޮރެއާގެ ލީޑަރުން ނެތިކޮށް ލުމުގެ ވިސްނުން ގެންގުލޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. ނަމަވެސް ދިފާއީ ވަޒީރު ސީދާ އެހެން ވިދާޅުވުމުން ގިނަ ބަޔަކަށް ލިބުނީ ހައިރާން ކަމެވެ.

މިމަހު ނުވަ ވަނަ ދުވަހު އުތުރު ކޮރެއާއިން ނިއުކްލިއާ ޓެސްޓެއް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމުން އުތުރު ކޮރެއާ ދެކޮޅަށް ދެކުނު ކޮރެއާއިން ހަރަކާތްތަކެއް ހިންގުމުގެ ވާހަކަތައް ވަނީ ގަދަވެފައެވެ.

އުތުރު ކޮރެއާއިން ވަނީ މިއަހަރު ހަ މިސައިލް ޓެސްޓެއް ކޮށްފައެވެ. އުތުރު ކޮރެއާއިން ދޭތެރެ ދޭތެރެއިން ދެކުނު ކޮރެއާއަށްވެސް އިންޒާރު ދެއެވެ.

އުތުރު ކޮރެއާގެ ފޮނުވާ މިސައިލްތަކުގެ ސަބަބުން ދެކުނު ކޮރެއާއިން ވަނީ އެމެރިކާއާ ގުޅިގެން، މިސައިލް ޑިޓެކްޓިން ސިސްޓަމެއް ގާއިމު ކުރުމަށް މަސައްކަތް ފަށާފަ އެވެ.