ދުނިޔެ

އިރުމަތީ އެފްރިކާގެ ކެންޔާގައި ފެންބޮޑުވެ 179 މަރު

އިރުމަތީ އެފްރިކާގެ ގައުމެއް ކަމަށްވާ ކެންޔާގައި ބުދަ ދުވަހު ވަރަށް ބޮޑަށް ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ގޮސް 179 މީހަކު މަރުވެއްޖެ އެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުން މީހުން ސަލާމަތްކުރާ ޓީމުތަކަށް ވެސް ފެންބޮޑުވުމުގެ ސަބަބުން ވަނީ ހުރަސްއެޅި މަސައްކަތްތައް ހުއްޓިފަ އެވެ.

ސަރުކާރުގެ ތަރުޖަމާން އައިސާކް މައުރާ ވިދާޅުވި ގޮތުގައި މި ހާދިސާގައި 15 ކުއްޖައްކު ވެސް ވަނީ މަރުވެފަ އެވެ.

ފެންބޮޑުވުމުގެ ސަބަބުން 195،011 މީހަކު ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ތަންތަނަށް ގެންދަން މަޖުބޫރުވެފަ އެވެ. އަދި 31،341 ގޭބިސީއެއް ހުސްކޮށް ތަކެތި ދޫކޮށްލަން ޖެހިފައިވެ އެވެ.

ކެންޔާގެ ޓޫރިޒަމް މިނިސްޓަރު އަލްފްރެޑް މިއުޗުއާ ވިދާޅުވީ ޓޫރިސްޓުންގެ ގޮތުގައި ގޮސް ތިބި މީހުން ރައްކާތެރި ތަންތަނަށް ގެންދިއުމަށް -- އެހީ ފޯރުކޮށްދޭ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށެވެ.

ވަޒީރު ވިދާޅުވީ ގެސްޓް ހައުސްތަކުގައި ރަޖިސްޓްރީ ވެގެން ތިބީ ކިތައް މީހުންތޯ ބަލައި، މީހުން ހަމަކުރުމަށް ބޯހިމަނަން ފަށާފައިވާ ކަމަށެވެ.

އެފްރިކާގެ ގައުމުތަކަށް ހާއްސަކޮށް އިރުމަތީ އެފްރިކާގެ ގައުމުތަކަށް މިއީ މޫސުން ވަރަށް ގޯސް ދުވަސްތަކެކެވެ. ބާރުގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ޓަންޒޭނިއާއަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ޓެންޒޭނިއާގައި މިއަހަރުގެ މާޗު މަހުން ފެށިގެން މޫސުން ރަނގަޅެއް ނޫނެވެ. ލަފާކުރަން ދަތި މޫސުމީ ބަދަލުތަކުގެ ސަބަުން 150 މީހަކު ޓެންޒޭނިއާގައި މަރުވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ދުނިޔޭގެ މޫސުމަށް އަންނަމުންދާ ކުއްލި ބަދަލުތަކުގެ ސަބަބުން އޭޝިއާގެ ގައުމުތަކަށް ވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

ޔުނައިޓެޑް އަރަބް އެމެރޭޓްސް އަށް މިދާކަށް ދުވަހު ކުރި ވިއްސާރައިގައި ދުބާއީ އެއާޕޯޓްގައި ފެންބޮޑުވެ މަތިންދާބޯޓުގެ ދަތުރުތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

ރަންވޭ މަތީގައި އާދަޔާ ހިލާފަށް ފެންބޮޑުވުމުގެ އިތުރުުން ރަށު ތެރޭގައި އެއްގަމު އުޅަނދުތަކަށް ދަތިވާ ވަރަށް ފެންބޮޑުވެ ކޯރު ހެދިފައިވެ އެވެ.

މި ހާދިސާގައި ދުބާއި ސަރުކާރަށާއި އާންމު ފަރުދުންނަށް މިއިން ޒަމާނަކު ވެސް -- މޫސުން ގޯސްވުމުގެ ސަބަބުން ލިބިފައި ނުވާ ވަރުގެ ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ.