ޕާކިސްތާންގައި ބޯޓެއް ބަންޑުން ޖަހާލައި މަރުވި މީހުންގެ އަދަދު 20 އަށް އަރައިފި އެވެ. އޮފިޝަލުން ބުނާ ގޮތުން ވީނުވީއެއް ނޭނގި އިތުރު 30 މީހަކު ވަނީ ގެއްލިފަ އެވެ.
ބޯޓު ބަންޑުން ޖަހާލަން މެދުވެރިވި ސަބަބެއް ކަމަށް ބެލެވިފައިވަނީ މީހުން މާ ގިނަވުމެވެ. އޮފިޝަލުން ބުނާ ގޮތުން ސާދިގުއާބާދުގައި ކޯރެއް ހުރަސްކޮށް ޕާޓީއަކަށް ދާން ދަތުރުކުރި ބޯޓުގައި 100 އަށް ވުރެ ގިނަ މީހުން ތިއްބެވެ.
ސަރަހައްދީ ސަރުކާރުން ބުނި ގޮތުން ޑައިވަރުންގެ އެހީގައި 90 އެއްހާ މީހުން ވަނީ ސަލާމަތް ކުރެވިފަ އެވެ. އޮފިޝަލުން ބުނާ ގޮތުން ސަލާމަތް ކުރެވުނު މީހުންގެ އަދަދަށް ބަލާއިރު، ބޯޓުން ދަތުރުކުރި ކަމަށް ކުރިން ބެލެވުނު އަދަދު މާބޮޑަށް ވެސް އިތުރުވާނެ އެވެ.
އޮފިޝަލުން ބުނާ ގޮތުން ބޯޓުގައި ގިނައިން ތިބީ އަންހެނުންނާއި ކުޑަކުދިންނެވެ. ޕާޓީއަށް އަވަހަށް ދާން ތެޅިގަތުމުގެ ސަބަބުން ބޯޓަށް އޮބިނޯވެގެން ބަންޑުން ޖެހީ އެވެ.
ޖިއޯ ނިއުސް ޓީވީން ބުނި ގޮތުން އެމެޖެންސީ އޮފިޝަލުން 20 މީހުންގެ ހަށިގަނޑު އެއްގަމަށް އެރުވި އެވެ. އެ އެންމެންނަކީ އެއް ގަބީލާއަކަށް ނިސްބަތްވާ ބައެއް ކަމަށްވެސް ޓީވީން ބުންޏެވެ.
އެ އަވަށުގެ އާންމުންނާ ހަވާލާދީ އޮފިޝަލުން ބުނާ ގޮތުން ޕާޓީއަށް ދާން އުޅުނު މީހުންގެ ތެރެއިން އަދިވެސް 30 އަކަށް މީހުން ވަނީ ނުފެނި އެވެ.
އޮފިޝަލުން ވިދާޅުވި ގޮތުން އެކި މީހުން ދިން މައުލޫމާތަށް ބަލައި ހިސާބުޖެހުމުން ބޯޓުން ދަތުރުކުރި މީހުންގެ އަދަދު ތަފާތުވެ އެވެ.