ރާއްޖެ ކުޅިވަރު

ކެޗްް ދަ ފެރީގައި އެންމެން ސިއްސުވާލި 16 އަހަރުގެ "ޗެމްޕިއަން"

ކެޗް ދަ ފެރީގެ ޚަބަރު އޭނާ އަށް ލިބުނު އިރު، ރޭހުގައި ބައިވެރިވުމުގެ ވަގުތު ހަމަވެއްޖެއެވެ. މިދިޔަ ހުކުރު ދުވަހު ބޭއްވި ރެޑްބުލް ކެޗްދަ ފެރީގައި ބައިވެރިވާން އޭނާ ދިޔައީ އެ ރޭހުގައި ބައިވެރި ނުކޮށްފާނެ ކަމުގެ ހީ ވެސް ހިތަށް ވައްދައިގެންނެވެ. ޖުމުލަ 150 ބައިވެރިން ބައިވެރިވި ކެޗް ދަ ފެރީގައި ބައިވެރިވުމަށް އުމުރުން އެންމެ 16 އަހަރުގެ މި ޒުވާނާ ރޭސް ބާއްވާތަނަށް ދިއުމުން، އެކަމަށް އޭނާގެ ހުރި ޝައުގުވެރިކަން ފެނުމުން، ރޭހުގައި އޭނާ ބައިވެރިކުރަން ރޭސް އިންތިޒާމު ކުރާ ފަރާތުން ނިންމިއެވެ. މިއީ ޏ. ފުވައްމުލަކު ތައުލީމީ މަރުކަޒުގެ ގުރޭޑް ނުވައެއް ގައި ކިޔަވަމުންދާ ރަވާހް މުހައްމަދުގެ އާދަޔާހިލާފު ވާހަކައެވެ.

ރާއްޖޭގެ އެންމެ މަތީ ފަންތީގެ ދުވުންތެރިންވެސް ވާދަ ކުރި އުނދަގޫ މި ރޭހުގައި ވާދަކޮށް ރަވާހް ވަނީ ގަދަ 10 ގައި ހިމެނިފައެވެ. 13 ކިލޯމީޓަރަށް ވުރެން ބޮޑު ސަރަހައްދެއް ހުރަސްކޮށް 16 އަހަރުގެ މިޒުވާނާ ގަދަ ދިހައެއްގައި ހިމެނުމަކީ އާދައިގެ ކަމެއް ނޫނެވެ.

"ރަށްޓެއްސެއްގެ ފަރާތުން އެނގުނީ ރެޑްބުލް އިން ރޭހެއް އިންތިޒާމު ކުރާކަން. ބައިވެރިވުމަށް ފޯމް ފުރަން އުޅުނު އިރު ވަގުތު ވެސް ހަމަވެއްޖެ. އެހެންވެ ދިޔައީ ރޭސް ބާއްވާ ތަނަށް އެތަނުން ރޭހުގައި ބައިވެރި ކުރީ އެއްވެސް ޕްރެކްޓިހެއް ނެތި ރޭހުގައި ދުވީ. އެހެންވެ ގަދަ 10 ގައި ހިމެނުމުންވެސް ވަރަށް ބޮޑަށް އުފާވި. ވަރަށް ގިނަ މީހުންވެސް އެކަން ފާހަގަ ކުރި" ރަވާހް ބުންޏެވެ.

ދުވުމުން އޭނާ އަތުގައި މިހާރުވެސް ތިން ސިލްވާ މެޑަލްއެއް އެބައޮތެވެ. އެއީ މި މަހު ބޭއްވި އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 5000 މީޓަރު ދުވުމުން ރިހި މެޑަލް އާއި ފުވައްމުލަކު ސްކޫލް ތަކަށް ހުޅުވާލައިގެން ބޭއްވި އެތުލެޓިކްސް ޗެމްޕިއަންޝިޕެއްގައި ވާދަކޮށް ރިހި މެޑަލް ހޯދާފައިވުމެވެ.

ސްކޫލް ނިމުނަސް، ރާވާހްގެ ދުވުމަކަށް ނިމުމެއް ނާންނާނެއެވެ. ރާއްޖޭގެ އެންމެ މޮޅު ދުވުންތެރިންގެ ސަފުގައި ހިމެނުމަށް އޭނާ ދުވަން އޮތް ޓްރެކް ދިގުކަން އޭނާ އަށް އެނގެއެވެ. އެ އާމާޒަށް ވާސިލުވުމުގައި ރޭހުގައި އޭނާ ހުރީ ވަރުބަލި ކަމެއް ނެތި ހިފައްހައްޓާލާށެވެ. މިހާރުން ފެށިގެން އޭނާގެ ލަނޑުދަނޑިއެއް އެބައޮތެވެ. އެއީ ރެޑްބުލްގެ ހާއްސަ ދުވުންތެރިޔަކަށް ވުމެވެ.

"ރެޑް ބުލް ރޭހުގައި ޓްރެއިނިންގައި ވަގުތުތަކެއް ހޭދަކޮށްގެން ދުވިނަމަ، މިއަށްވުރެވެސް މައްޗަށް ދެވިދާނެ ކަމަށް ގަބޫލު ކުރެވޭ" ރާވާހް ބުންޏެވެ.

ސްކޫލްގެ ފިޒިކަލް އެޑިއުކޭޝަން ޓްރޭނަރުންގެ ދަށުން ޓްރެއިނިންވެ އިންޓަ ސްކޫލް 5000 މީޓަރު ދުވުމުން ރިހި މެޑަލް ހޯދުމުންވެސް އޭނާގެ ހިތްވަރު ހުރިކަން އެނގެއެވެ. ޓްރެއިނިންގައި އިތުރު ހަރުފަތަކަށް ދާން އޭނާ ބޭނުންވެއެވެ.

"ރާއްޖެއިން ބޭރުގައި ޓްރެއިނިން ޕްރޮގްރާމަކުން ފުރުސަތު ލިބިއްޖެއްޔާ ވަރަށް އުފާވާނެ. ވަރަށް ދެކެން ބޭނުންވާ ދުވަހެއް އެއީ" ރަވާހް ބުންޏެވެ.

ރަވާހްގެ ވާހަކަ މިހާ ހިސާބުން ނިމުނީކީ ނޫނެވެ. ރާއްޖޭގެ އެންމެ މަތީފަންތީގެ ދުވުންތެރިންގެ އެންޑޯސްމެންޓް އޭނާ އަށް ލިބިއްޖެއެވެ. ރެޑްބުލްގެ ރޭހުގައި ގަދަ 10 ގައި ރަވާހް ހިމެނުމުން ދުވުންތެރިޔާ އަހްމަދު އާތިފް ބުނެފައިވަނީ "ރަވާހް އަކީ މިހާރުވެސް ޗެމްޕިއަނެއް" ކަމަށެވެ. އަދި ރަވާހް އަށް އާތިފުގެ އިރުޝާދަކީ ކޮންމެ ދާއިރާއެއްގައި އުޅޭ މީހަކަށްވެސް މުހިންމު ލަފައެކެވެ. "ބިގް ޑްރީމް. ޓްރެއިން ހާޑް" ގެ ފޯމިއުލާއެވެ.