ވިޔަފާރި

ޗަމްޕާ އަފީފުގެ ނަސޭހަތް ޒުވާނުންނަށް: ހުވަފެން ދެކުން ހުއްޓާނުލާ!

އަލަށް ވިޔަފާރީގެ މައިދާނަށް ނުކުންނަ ޒުވާނުން، ވަރުބަލި ވުމެއް ނެތި، ކުރިއަށް ދިޔުމަށާއި ދެކޭ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އަޒުމް ކަނޑައަޅާ މަސައްކަތް ކުރުމަށް ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްގެ، ހިއްސާދާރު އަދި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗެއާމަން ޗަމްޕާ ހުސެއިން އަފީފް އިލްތިމާސްކުރައްވައިފި އެވެ.

އެ ބޭންކް ހުޅުވުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ، އާ ބޭންކެއް ހުޅުވިގެން ދިޔުމުން މިހާރު ވެސް ވަރަށް ހަރަކާތްތެރި ކޮށް އޮންނަ ރާއްޖޭގެ ކޮމާޝަލް ދާއިރާއަށް އިތުރު ހަކަތައެއް ލިބިގެންދާނެ ކަމަށެވެ. އަދި އާ ފުރުސަތުތަކެއް ވެސް ހުޅުވިގެން ދާނެ ކަމަށެވެ.

"ވަރަށް ގިނަ އާ ފުރުސަތުތަކެއް ހުޅުވިގެން ދާނެ، ހަަމައެކަނި ވިޔަފާރިތައް ގާއިމުކުރުމަކަށް ނޫން ނަމަވެސް ކުދި ވިޔަފާރިތަކަށް ބޮޑެތި ފުރުސަތުތަކެއް މި ބޭންކް ހުޅުވިގެން ދިޔުމުން ލިބޭނެ،" ރާއްޖޭގެ ޓޫރިޒަމްގެ ބާނީ އަފީފް ވިދާޅުވި އެވެ.

އަފީފް ވިދާޅުވީ، ކުދި އާ ވިޔަފާރިތަށް ކޮޅަށް ޖެހުމަށް އެ ބޭންކަކީ އާ ޕްލެޓްފޯމެއް ކަމަށެވެ.

ރާއްޖޭގައި ބައިނަލްއަގްވާމީ ކްރެޑިޓް ރޭޓީނެއް މިހާރު އެކުލަވާލާފައިވާކަން ފާހަގަ ކުރައްވަމުން އަފީފް ވިދާޅުވީ، އެކަމަކީ އިންވެންސްޓަރުންގެ އިތުބާރު ރާއްޖެއަށް ބޮޑުވެގެންދާނެ ކަމެއް ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ އިގްތިސޯދީ އެޖެންޑާގެ ސަބަބުން އިންވެސްޓްމެންޓްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

އަފީފް ވިދާޅުވީ، ރާއްޖޭގެ ވިޔަފާރިތަކަށް ވެވުނު އެހީއެއް ކޮމާޝަލް ބޭންކުން ވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި އެ ބޭންކަކީ ދިވެހިން އިތުބާރު ކުރާ ފެންވަރު ރަނގަޅު ބޭންކަކަށް ހެދުމަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާ ކަމަށެވެ.

"އެހެންކަމުން އާ ވިޔަފާރިވެރިންނަށާއި އާ ޖީލު ތަކަށް އަހަރެން ބުނެލަން ބޭނުންވަނީ ކޮންމެ ކަމެއް ކުރި ނަމަވެސް ހުވަފެން ދެކުން ހުއްޓާނުލާށޭ. އެކަމެއްގައި ވަރުބަލި ނުވެ ކުރިއަށް ދާށޭ،" ރާއްޖޭގެ ޓޫރިޒަމްގެ ބާނީންގެ ތެރޭގައި ހިމެނޭ އަފީފް ވިދާޅުވި އެވެ.