ރާއްޖެ ކުޅިވަރު

ވޮލީ ރައީސް ކަމަށް ވާދަކުރަނީ ޗިޗޫ އާއި ލަތީފް

ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސްކަމުގެ މަގާމަށް ކުރީގެ ދެ ވޮލީކުޅުންތެރިން ކަމަށްވާ ވިޔަފާރިވެރިޔާ މުހައްމަދު ލަތީފް (ލަތީބެ) އާއި އިސްމާއީލް ރިފާއު (ޗިޗޫ) ކުރިމަތިލައިފި އެވެ.

ޗިޗޫ ކުރިމަތިލީ އަމިއްލަ ގޮތުންނެވެ. ލަތީބެ ކުރިމަތިލީ ޔޫތު ސްޕޯޓްސް ކުލަބުންނެވެ.

އަންނަ ހަފުތާގައި ބާއްވާ އިންތިހާބަކީ މި އަހަރު ކުރީކޮޅު ބޭއްވި ވޮލީ އިންތިހާބުގެ މައްސަލަ ސިވިލް ކޯޓަށް ވެއްދުމުން، ހޯމް މިނިސްޓަރީން އިންތިހާބު ބާތިލްކޮށް އަލުން މަގާމުތަކަށް މީހުން ހޮވަން ބާއްވާ އިންތިހާބެކެވެ. މި އިންތިހާބުގައި ބާތިލްކުރި އިންތިހާބު ކާމިޔާބު ކުރެއްވި މިދިޔަ ދެ ދައުރުގެ ރައީސް އަދި ކުރީގެ އެއްވަނަ ރެފްރީ މުހައްމަދު ރިޔާޒް ވާދަނުކުރައްވަ އެވެ.

ވޮލީގެ ނާއިބް ނާއިބް ރައީސްކަމަށް ކުރިމަތިލީ އެސޯސިއޭޝަނުގައި ކުރިން މަސައްކަތްކުރި މުވައްޒަފެއް ކަމަށްވާ އިއްޒަތު ވަހީދެވެ. މިމަގާމަށް ކުރިމަތިލީ ވެސް އޭނާއެކަންޏެވެ.

ހަޒާންދާރު ކަމަށްވާ ކުރިމަތިލީ ކުރީގެ އެއްވަނަ ސެޓަރު އަދި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަންކަން ކޮށްފައިވާ ވިޔަފާރިވެރިޔާ މުހައްމަދު ރަނޭޝް އެވެ. ރޫލްސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލީ ޔޫތު ސްޕޯޓްސް ކުލަބުން އަލީ އިޔާޒާއި އަމިއްލަ ގޮތުން އިބްރާހީމް ފަލާހް އަބޫބަކުރާއި އަދުނާނު އަބުދުއްރަހީމް (ނާނު) އެވެ.

ޓެކްނިކަލް އެންޑް ޑިވެލޮޕްމަންޓް ކޮމިޝަނަށް ކުރިމަތިލީ ހަސަން އަގްލީން އާއި ޝަވްފާން އަހުމަދާއި ކުރީގެ ގައުމީ ކޯޗު މުހައްމަދު ނަދީމެވެ.