ރާއްޖެ ކުޅިވަރު

ގާޑިއޯލާގެ 100 ޕަސެންޓް ރެކޯޑް ނިމުމަކަށް

ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީއާއެކު މޮޅުވަމުން އައި ސިލްސިލާ 11 މެޗަށް ފަހު ސެލްޓިކުން ރޭ ނިމުމަކަށް ގެނެސްފި އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ސިޓީ އެއްވަރުވީ 3-3އިންނެވެ. މެޗަށް ފަހު ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ މިއީ ފިލާވަޅެއް ކަމަށެވެ.

"އަހަންނަށް ހީވަނީ މިއީ ވަރަށް ރަނގަޅު ފިލާވަޅެއްހެން. ރަނގަޅަށް މެޗު ފަށައިގަންނަންޖެހޭކަމުގެ މުހިންމުކަން މިއެނގުނީ. ނިކަން ވިސްނާލަބަލަ އެއް ގޯލު ޖެހީމަ އުނދަގޫވާނެވަރު ފަހަތުން އަރައިގަންނަން. އަދި ދެ ގޯލު، ތިން ގޯލު ފަހަތުން އަރަންޖެހުނީމަ ކިހާ އުނދަގޫވާނެ،" ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނީ މެޗުގެ ތިން ވަނަ މިނިޓްގައި ސެލްޓިކްގެ މޫސާ ޑެމްބޭލޭ ޖެހި ގޯލާއެކު ނަފްސާނީ ގޮތުން އޭނާ ކުޅުންތެރިން ލިބުނީ ހައިރާންކަމެއްކަމަށެވެ.

"ދެ ހާފުގައި ވެސް ލިބުނީ ޝޮކެއް. ދެ މިނިޓަށް ފަހު ގޯލެއް ވަނީމަ. އެކަމަކު ފަހު 10 މިނިޓް އަހަރުމެން ވަރަށް ރަނގަޅަށް ކުޅުނިން. އެމީހުން ތިން ގޯލު ޖެހިޔަސް މާގިނަ ފުރުސަތުތަކެއް ނުލިބޭ. އަހަރުމެން މެޗު ކާމިޔާބު ކުރެވޭ ވަރަށް ފުރުސަތު ހޯދިން. ލަނޑު ނުޖެހުނީ،" ގާޑިއޯލާ ބުންޏެވެ.

އޭނާގެ ކޯޗުކަމުގައި 11 މެޗުން ސިޓީ ޖެހިޖެހިގެން މޮޅުވުމަކީ 1960 ވަނަ އަހަރު ހަދާފައި އނގިރޭސި ރެކޯޑާ އެއްވަރުގެ އަދަދެކެވެ.

މި މެޗުގައި ޑެމްބޭލޭ ދެ ގޯލު ޖެހިއިރު ސެލްޓިކްގެ ދެ ވަނަ ގޯލަކީ ސިޓީގެ ރަހީމް ސްޓާލިން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އޭނާ ސިޓީ އަށް ވެސް ގޯލެއް ޖަހައިދިންއިރު އަނެއް ދެ ގޯޅު ޖަހައިދިނީ ފެނާންޑީނިއޯ އާއި ނޮލީޓޯ އެވެ. މެޗުގައި އަބަދުވެސް ލީޑުގައި ކުޅެމުންދިޔައީ މީގެ ދެ ހަފުތާ ކުރިން ބާސެލޯނާ އަތުން 71އިން ބަލިވި ސެލްޓިކެވެ.