މެސީ

ތިންގުނަ ބޮޑު މުސާރައަށްވެސް މެސީ ދީލައެއް ނުލި

އެފްސީ ބާސެލޯނާއިން މެސީއަށް ދޭ މުސާރައިގެ ތިން ގުނަ ބޮޑު މުސާރައެއް ދޭން މެންޗެސްޓާ ސިޓީން ހުށަހެޅި ކަމަށާއި ނަމަވެސް ބާސެލޯނާ ދޫކޮށްލަން އޭނާ ބޭނުން ނުވި ކަމަށް މެންޗެސްޓާ ސިޓީގެ ރައީސް ވިދާޅުވެއްޖެ އެވެ.

މެންޗެސްޓާ ސިޓީގެ ރައީސް، އަރަބި އެމިރޭޓްސްގެ ހަލްދޫން އަލް މުބާރަކު ވިދާޅުވީ، ސިޓީިގެ ކޯޗް ޖޯސެފް 'ޕެޕް' ގާޑިއޯލާ މެދުވެރިކޮށް މެސީއަށް ވިސްނައި ދިނުމަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް މެސީ ސިޓީއަށް އަންނަން ބޭނުން ނުވި ކަމަށެވެ.

"ގާޑިއޯލާ ގާތު އަހަރެމެން އެދުނިން މެސީއާ ވާހަކަ ދައްކަން، ބާސެލޯނާއިން އޭނާއަށް ދޭ މުސާރައަށް ވުރެ ތިން ގުނަ ބޮޑު މުސާރައެއް ދޭން އަހަރެމެން ހުށަހެޅިން، ނަމަވެސް އެ ހުށަހަޅުމަށް އޭނާ ޖަވާބު ނުދިން." މެންޗެސްޓާ ސިޓީއަށް އޭނާ ގެންނަން ބޭނުންވެގެން ނުގެނެވުނު ކުޅުންތެރިޔަކީ ކޮބައިތޯ އަބޫދާބީގައި ބޭއްވި މީޑިއާ ކޮންފަރެންސެއްގައި އޭނާ ސުވާލު ކުރުމުން ހަލްދޫން ވިދާޅުވި އެވެ.

ބާސެލޯނާގެ ކޮންޓްރެކްޓް އާ ކުރުމަށް 2016 ވަނަ އަހަރު ޖޫން މަހު ހުށަހެޅުމުން އެ އެއްބަސްވުމަށް މެސީގެ ފަރާތުން ޖަވާބެއް ދީފައެއް ނުވެ އެވެ. އޭރު ދެކެވުނު ވާހަކަ އަކީ ބާސެލޯނާގެ ކޮންޓްރެކްޓް ހަމަވުމުން މެސީ މެންޗެސްޓާ ސިޓީއަށް ބަދަލުވާން ތައްޔާރު ވަނީ ކަމަށެވެ. ނަމަވެސް އޭގެ ހަތަރު މަސް ފަހުން މެސީ ވަނީ ބާސެލޯނާގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ.

މިހާރު އޮތް އެއްބަސް ވުން ހަމާވާނީ 2021 ވަނަ އަހަރު މެއި މަހު އެވެ. އެ ކޮންޓްރެކްޓްގެ ދަށުން މުސާރައިގެ ގޮތުގައި އޭނާއަށް އަހަރަކު 40 މިލިއަން ޔޫރޯ (715 މިލިއަން ރުފިޔާ) ލިބެ އެވެ. މެސީގެ ކޮންޓްރެކްޓްގެ މުއްދަތު އެއަށްވުރެ އިތުރު ކުރުމަށް ބާސާއިން އޭނާ އާއި ވާހަކަ ދައްކަމުން އަންނަ ކަމުގެ ރިޕޯޓްތައް އިއްޔެ ފެތުރިގެން ދިޔަ އެވެ.

މެންޗެސްޓާ ސިޓީގެ ރައީސް، މެސީއާ ގުޅުވައި އެގޮތަށް ވާހަކަ ދެއްކި ނަމަވެސް އެ ކުލަބުން ބުނީ އެކަހަލަ މުއާމަލާތެއް ކުލަބުގެ ފަރާތުން މެސީއަށް ނުކުރާ ކަމަށެވެ. އެހެންނަމަވެސް އެ ކުލަބުން މެސީއަށް ޝައުގުވެރިވާ ކަމަށެވެ.