ބާސެލޯނާ އާއި ބަޔާން މިޔުނިކްގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ، ސިޓީއާއެކު ކުރިން ހެދި ކޮންޓްރެކްޓްގައި ބާކީ އޮތީ ހަތް މަހެވެ. އެހެން ނަމަވެސް އެ ކުލަބުގައި އޭނާ ވަނީ އިތުރު ދެ އަހަރަށް މަޑު ކުރަން އެއްބަސްވެފަ އެވެ.
ގާޑިއޯލާގެ ކުރިމަގާމެދު ސުވާލު އުފެދިފައި ވަނިކޮށް، އެ ކުލަބާއެކު ޖޫން 2023 ގެ ނިޔަލަށް މަޑު ކުރަން އެއްބަސްވުމުން އެ ސުވާލުތަކަށް ޖަވާބު ވަނީ ލިބިފަ އެވެ. ގާޑިއޯލާ ސިޓީގައި ހުރީ ހިތްހަމަ ޖެހިގެން ކަމާއި އެ ކުލަބުން އަބަދުވެސް އޭނާ އަށް ފަހި ކޮށްދޭ ފުރުސަތުތަކުގެ ހަނދާން ގާޑިއޯލާ ވަނީ އާ ކޮށްފަ އެވެ.
"އަހަރެން މެސްޗެސްޓާ ސިޓީއަށް އައި ފުރަތަމަ ދުވަހުން ފެށިގެން މި ސިޓީ އާއި ކުޅުންތެރިންނާއި މުވައްޒަފުން އަދި ސަޕޯޓަރުންނާއި ޗެއާމަން އާއި އޯނަރުން ފެށިގެން އަހަންނަށް ކިޔާ މަރުހަބާއަކީ އަބަދުވެސް ފާހަގަ ކުރެވޭ ކަންކަން،" ކޮންޓްރެކްޓް އާ ކުރަން ނިންމި ނިންމުން އިއުލާން ކުރަމުން ސިޓީގެ ވެބްޒައިޓަށް ދިން އިންޓަވިއުގައި ގާޑިއޯލާ ބުންޏެވެ. "އެހާ ހިސާބުން ފެށިގެން ބޮޑެތި ކަންކަތައްތަކެއް އެކުގައި ހާސިލު ކޮށްފިން. ގިނަ ލަނޑުތަކެއް ޖަހައި މެޗުތަކެއް ކާމިޔާބު ކޮށް ތަށިތަކެއް ހޯދައިފިން. އެ ކާމިޔާބުތަކަށް އަހަރެމެން އެންމެން ފަހުރުވެރި ވަން."
ގާޑިއޯލާ ބުނީ، އަބަދުވެސް ޓީމު ތަރައްގީ ވަމުން ކުރި އަރަމުން ދާން ޖެހޭނެ ކަމަށާއި މެންޗެސްޓާ ސިޓީން އެކަމަށް އޭނާއަށް އެހީތެރިކަން ފޯރުކޮށް ދެމުން ގެންދާތީ ބޮޑު އުފަލެއް ލިބިގެންދާ ކަމަށެވެ. ސިޓީއަކީ ގާޑިއޯލާގެ ކުރު ކޯޗިން ކެރިއަރުގައި އޭނާ އެންމެ ގިނަ މުއްދަތެއް ހޭދަ ކުރާ ކުލަބެވެ. ބާސާ އާއި ބަޔާން ގައި އޭނާ ހޭދަ ކުރީ، ކޮންމެ ކުލަބެއްގައި ތިން އަހަރެވެ. ސިޓީ އާއެކު އޭނާ މިހާރު ހޭދަ ކުރަމުން ދަނީ ފަސް ވަނަ ސީޒަނެވެ. ކުރިއަށް އޮތް ދެ އަހަރު ނިމުނަސް އިތުރަށް އޭނާ ކޮންޓްރެކްޓް އާ ކުރުމަކީ އެކަށީގެންވާ ކަމެކެވެ. ގާޑިއޯލާ ކުރިން ބުނެފައި ވަނީ ސިޓީ އަކީ އޭނާ ކޯޗް ކޮށްދޭ ގެ އެންމެ ފަހު ކުލަބު ކަމަށްވުން ކައިރި ކަމަށެވެ.
ގާޑިއޯލާ ސިޓީގައި އިތުރަށް މަޑު ކުރުމަކީ ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ، ސިޓީއާ ގުޅުމަށް ހުޅުވޭ ދޮރެއް ހެއްޔެވެ؟ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ރެކޯޑް އަދަދަކަށް ހޯދާފައިވާ މެސީ އާއި މެންޗެސްޓާ ސިޓީއާ މީގެ ކުރިން ވެސް ގުޅުވަ އެވެ. މެސީ ވަނީ މިދިޔަ ސީޒަން ނިމުނު ފަހުން ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން ހާމަ ކޮށްފަ އެވެ. ކުލަބުގެ ބޯޑުން އޭނާއަށް އެ ފުރުސަތު ދިންނަމަ އޭނާ ގުޅޭނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު ކުލަބަކީ ސިޓީ އެވެ.
މިދިޔަ ސީޒަންގައި، މެސީ އާއި ބާސެލޯނާގެ ކުރީގެ ބޯޑާ ދެމެދު އުފެދުނު ރިހުންގަނޑުގެ ފާރުތައް އަދިވެސް ހުރީ އެގޮތުގަ އެވެ. މެސީގެ ހިތްހަމަ ނުޖެހުމާއި އުދާސްތައް ބާސާއާ މެދު އެބައޮތެވެ. ބާސާ އާއެކު 2017 ވަނަ އަހަރު މެސީ އާ ކުރި ހަތަރު އަހަރުގެ އެއްބަސްވުން މި ސީޒަންގައި ނިމެނެ އެވެ. ކޮންޓްރެކްޓް އާ ކުރުމުގެ ވާހަކަތަކަށް ކުރިއެރުމެއް ނުލިބި އެކަން އޮތީ މަޑުޖެހިފަ އެވެ.
މި ސީޒަން ނިމުމަށް ފަހު ހިލޭ ޓްރާންސްފާގައި މެސީ ބޭނުންވާ ކުލަބަކަށް އޭނާއަށް ދެވޭނެ އެވެ. ފަހަރެއްގައި އޭނާގެ މަންޒިލަކީ ސިޓީ ކަމަށް ވުން ކައިރި އެވެ. ފަނޑުވުމެއް ނެތް މެސީގެ ކެރިއާގައި އެންމެ ކާމިޔާބު ދުވަސްތައް ހޭދަ ކުރީ ގާޑިއޯލާ އާއެކު އެވެ. މެސީގެ ކުޅުން އެންމެ ފުރިހަމައަށް ނެރެވުނު ކޯޗަކީވެސް ގާޑިއޯލާ އެވެ. އަލުން ގާޑިއޯލާ އާއި މެސީގެ ރީޔޫނިއަންއެއް އުފެދިގެން ދިއުމަކީވެސް ވުން ކައިރި ކަމެކެވެ.
މެސީ އާއި ސިޓީ އާ ގުޅުވައިގެން ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު ގާޑިއޯލާ ބުނާ އެއް ވާހަކައެއް އޮވެއެވެ. އޭނާ އެދޭ އެދުމަކީ މެސީ ބާސާގައި ދެމި ހުރުން ކަމަށް އެކި ފަހަރު މަތިން ގާޑިއޯލާ ބުނެފައި ވެއެވެ. މިފަހަރުވެސް އޭނާ ބުނީ އެހެންނެވެ. އެހެންނަމަވެސް މިފަހަރު ގާޑިއޯލާގެ ވާހަކައިގައި ކޮންމެވެސް ކަހަލަ ތަފާތެއްވެސް އެބަހުއްޓެވެ.
"އޭނާ [މެސީ] ގެ ކޮންޓްރެކްޓް މި އަހަރު ނިމޭނެ އަހަންނަކަށް ނޭންގެ އޭނާގެ ސިކުނޑީގައި ދައުރު ވަމުން ދަނީ ކޮން ކަހަލަ ކަންތައްތަކެއް ކަމެއް،" މިއަދު ޓޮޓެންހަމް އާ ދެކޮޅަށް ކުޅޭ މެޗުގެ ޕްރީ މެޗް ޕްރެސް ކޮންފަރެންސްގައި ސުވާލު ކުރުމުން ގާޑިއޯލާ ބުންޏެވެ. "މީވަގުތު އޭނާ އަކީ ބާސެލޯނާ ކުޅުންތެރިޔެއް އަދި ޓްރާންސްފާ މާކެޓް އޮންނާނީ ޖޫން ޖުލައިގައި. އަހަރެމެންގެ ކުރިމަތީގައި އެބަހުރި ވަރުގަދަ މެޗުތަކެއް އަދި ހާސިލު ކުރަން ހުރި ވަރުގަދަ އަމާޒުތަކެއްވެސް އެބަހުރި. އެއީ މިވަގުތު އަހަރެމެންގެ ސިކުނޑީގައި ހުރި ހަމައެކަނި ކަމަކީ. އޭގެ ބޭރުން އެއްވެސް ކަމާކާމެދު އަހަންނަށް އެއްޗެއް ނުބުނެވޭނެ."
ގާޑިއޯލާ އާއެކު ކުރިން ބާސާ އަށް ކުޅުނު ބްރެޒިލްގެ ރިވާލްޑޯ ބުނިގޮތުގައި މި ސީޒަނަކީ ބާސާގައި މެސީ ހޭދަ ކުރާނެ އެންމެ ފަހު ސީޒަނެވެ.