މެންޗެސްޓާ ސިޓީގެ މިލުކުވެރިކަމުގެ ދަށުން، އިންޑިއާގެ ފުޓްބޯޅަ ކުލަބެއް ގަތުމަށް ވިސްނަމުންދާކަމަށް، ސިޓީގެ ޗީފް އެގްޒެކެޓިވް ފެރަން ސޮރިއާނޯ ވިދާޅުވެއްޖެ އެވެ.
މެންޗެސްޓާ ސިޓީގެ ޗެއާމަން، އަރަބި އެމިރޭޓްސްގެ ޚަލްދޫން ހަލީފާ އަލްމުބާރިކްގެ އިސްނެގުމުގެ މަތިން މެން ސިޓީން އިން ވަނީ، ސިޓީ ފުޓްބޯލް ގުރޫޕްގެ ނަމުގައި 2013 ވަނަ އަހަރު ކުންފުންޏެއް އުފައްދާފަ އެވެ. އެއީ ދުނިޔޭގެ އެކި ހިސާބުތަކުން ކުލަބުތައް ގަނެގެން ހިންގުމަށް އެ ކުންފުނިން ގެންގުޅޭ ވިސްނުމުގެ ދަށުން އުފެއްދި ކުންފުންޏެކެވެ.
އިންޑިއާއިން ގަންނަ ކުލަބުވެސް ގަންނާނީ، ސިޓީ ފުޓްބޯލް ގުރޫޕުންނެވެ. އެ ކުންފުނިން ގަންނަނީ ދަށް ޑިވިޝަންގައި އޮންނަ ކުލަބުތަކެވެ. އެއަށްފަހު އެ ކުލަބަށް އިންވެސްޓް ކޮށްގެން، އެ ކުލަބަކީ އެ ގައުމެއްގެ ވަރުގަދަ ކުލަބަކަށް ހެދުމަކީ ސިޓީ ގުރޫޕްގެ އަމާޒެކެވެ. ސިޓީ ގުރޫޕުން ގަނެގެން އިންވެސްޓް ކުރަމުންދާ އެންމެ މަޝްހޫރު ކުލަބަކީ، ސްޕެނިޝް ލަލީގާގާއި މިހާރު ވާދަ ކުރަމުން އަންނަ ޖިރޯނާ އެފްސީ އެވެ. މިދިޔަ ސީޒަންގައި، ފުރަތަމަ ފަހަރަށް ލަލީގާއިން ފުރުސަތު ހޯދި، ޖިރޯނާއިން މިދިޔަ ސީޒަން ނިންމާލީ ތާވަލުގެ 10 ވަނައިގައި އޮވެގެންނެވެ. އެ ޓީމުން ވަނީ، ރެއާލް މެޑްރިޑްގެ ދަނޑުގައި މި ސީޒަންގައިވެސް ރެއާލް ބަލިކޮށްފަ އެވެ.
އޭގެ އިތުރުން ސިޓީ ގުރޫޕުން ވަނީ، ޖަޕާން، އޮސްޓްރޭލިއާ، އެމެރިކާ އަދި އުރުގުއޭއިން ކުލަބު ގަނެފަ އެވެ. މިދިޔަ މަހު އެ ކުންފުނިން ވަނީ ޗައިނާގެ ތިން ވަނަ ޑިވިޝަންގެ ކުލަބެއް ގަނެފަ އެވެ. މިހާރު އެކުންފުނީގެ އޮނާޝިޕްގެ ދަށުގައި ހަތް ކުލަބު އެބައޮތެވެ. އެ ކުލަބުތައް ހިންގަމުން އަންނަނީ މެންޗެސްޓާ ސިޓީގެ ސިސްޓާ ކުލަބުގެ ގޮތުގަ އެވެ.
ސޮރިއާނޯ ބުނީ ކުލަބުތައް ތަރައްގީ ކުރުމަށް ކުރާ މަސައްކަތްތަކުގައި، ކެތްތެރިވާން ޖެހޭ ކަމަށެވެ. އޭނާ ބުނީ ކުލަބު ގަތުމަށް ސިޓީން ބަލަނީ ފުޓްބޯޅައިގެ ފޯރި އޮތް ރަނގަޅު މާކެޓެއް އުފެއްދޭ ގައުމުތަކަށް ކަމަށެވެ. ޗައިނާގައި ކުރި އިންވެސްޓްމެންޓަށް ފަހު އިންޑިއާއިން ކުލަބެއް ގަތުމަށް މިހާރު ވިސްނަމުންދާ ކަމަށެ އޭނާ ބުންޏެވެ.
"އިންޑިއާގެ ފުޓްބޯޅައިގެ ހާލަތު އަހަރެމެން ބަލަމުން އަންނަތާ މިހާރު ގާތްގަނޑަކަށް ދެ އަހަރު ވެއްޖެ، އަހަރެން ބުނާނީ މި އަހަރު ނިމުމުގެ ކުރިން އަހަރެމެން އިންޑިއާގައި އިންވެސްޓް ކުރަން ފަށާނަމޭ." ސޮރިއާނޯ ބުންޏެވެ.
އޭނާ ބުނީ ސިޓީ ފުޓްބޯލް ގުރޫޕް އުފެއްދިއިރު އަމާޒަކީ، 10 އަހަރު ތެރޭ ތިން ކުލަބު ގަނެގެން ހިންގުން ކަމަށެވެ. ފަސް އަހަރު ތެރޭ ހަތް ކުލަބަށް އިންވެސްޓް ކުރެވެން ފެށުމުން އެ އަދަދު ކުރިއަށް އޮތްތަނުގައި އިތުރުވެގެން ދާނެ ކަމަށެވެ.
ފުޓްބޯލް މެނޭޖުމެންޓް ބިޒްނަސްއަކީ، ދުނިޔޭގެ ބޮޑެތި އާބަދީތަކުގައި ވަރަށް ބޮޑު ޑިމާންޑެއް އޮންނަ އިންވެސްޓްމެންޓެކެވެ. އެ ގައުމެއްގައި ހިންގާ ހަރަކާތްތަކުން ފައިދާ ހޯދެ އެވެ.