ޕެޕް ގާޑިއޯލާ

ގާޑިއޯލާގެ ޖަވާބު ގުޅުވާލީ ރާއްޖެއާ

އޭނާ މަސައްކަތް ކުރި ޓީމަކާ ވާދަވެރި ކުލަބެއްގެ ކޯޗްކަން ނުކުރެވޭނެ ކަމަށާއި އެ ނޫން ހުށަހެޅުމެއް ނެތިއްޔާ ދިވެހިރާއްޖޭގައި ދިރިއުޅެން ނުވަތަ ގޮލްފް ކުޅުން އިހްތިޔާރު ކޮށްފާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މެން ޔުނައިޓެޑްގެ ކޯޗްކަން ހުށަހެޅިއްޖެނަމަ އެ ފުރުސަތު ގަބޫލު ކުރާނަންތޯ ސުވާލު ކުރުމުން ގާޑިއޯލާ ބުނީ ވާދަވެރި ކުލަބެއްގައި މަސައްކަތް ކުރުމަށް ފަހު އެ ކުލަބާ ވާދަވެރި ކުލަބުގައި އޭނާ މަސައްކަތް ނުކުރާނެ ކަމަށެވެ.

"ސިޓީގައި މަސައްކަތް ކުރުމަށް ފަހު އަހަރެން އެ ޓީމު [ޔުނައިޓަޑް] ގައި މަސައްކަތެއް ނުކުރާނަން، ބާސެލޯނާގައި މަސައްކަތް ކުރުމަށް ފަހު އަހަރެން [ރެއާލް] މެޑްރިޑްގައި މަސައްކަތެއް ނުކުރާނަން،" ގާޑިއޯލާ ބުންޏެވެ. "އިތުރު އެހެން އެއްވެސް ހުށަހެޅުންތަކެއް ނެތިއްޔާ އަހަރެން ދިރިއުޅޭނީ ދިވެހި ރާއްޖޭގައި، ފަހަރެއްގައި ދިވެހި ރާއްޖެއަކު ވެސް ނޫން ސަބަބަކީ އެތާންގައި ނޯވޭ އެއްވެސް ގޮލްފް ކޯސްއެއް."

ގޮލްފް ކޯސް ރާއްޖޭގައި ނެތްކަމަށް ގާޑިއޯލާ ބުނި ނަމަވެސް ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި ވަނީ ގޮލޮފްކޯސް ގާއިމުކޮށްފަ އެވެ. މިދިޔަ އޮކްޓޯބަރު މަހު އިންޓަނޭޝަނަލް ބުރޭކުގައި ގާޑިއޯލާ ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އައެވެ.

ލީގް ކަޕްގައި ގާޑިއޯލާގެ ސިޓީން މިރޭ ނުކުންނާނީ ވާދަވެރި ކުލަބު ޔުނައިޓަޑާ ދެކޮޅަށެވެ. އޯލްޑްޓްރަފާޑްގައި ކުޅޭ މެޗު އޮންނާނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 1:00 ގަ އެވެ.