ކުޅިވަރު

އެޑާސަން، ސިޓީގައި މަޑުކުރާނެކަން ހާމަކޮށްފި

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ކީޕަރު އެޑަސަން މޮރާއެސް، އެ ކްލަބްގައި މަޑުކުރަން ނިންމައިފި އެވެ.

އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އެޑާސަން ބުނެފައިވަނީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި އެކު ކުރެވުނު މަޝްވަރާތަކަށްފަހު އެ ކުލަބުގައި މަޑުކުރަން ނިންމާފައިވާ ކަމަށެވެ.

އުމުރުން 30 އަހަރުގެ އެޑަސަން ސައުދީ ޕްރޯ ލީގުގެ ކްލަބްތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާތަކުން ވަަނީ މީގެ ކުރިން ރިޕޯޓްކޮށްފަ އެވެ. އަދި ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން ބައެއް ކްލަބްތަކާ އެޑަަސަން ވަނީ އަމިއްލައަށްވެސް ވާހަކަ ދައްކާފަ އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން އެޑަސަން ބުނެފައިވާ ގޮތުން ކްލަބްގެ ވެރިންނާއި ކުޅުންތެރިންނަށް ވެސް އޭނާގެ ނިންމުން ހިއްސާކޮށްފައިވާނެ ކަމަށާއި މިއީ ކެރިއަރަށް އެންމެ ފައިދާކުރާނެ ނިންމުން ކަމަށެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެޑަސަން ހުރީ ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް ބަދަލުވުމަށް ނިންމައިގެންނެވެ. އެހެންނަމަވެސް މެންޗެސްޓާ ސިޓީގައި އެޑަސަން މަޑުކުރުވުމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ މުހިއްމު ދައުރެއް އަދާކުރި ކަމަށްވެ އެވެ.

ދެހާސް ސަތާރަވަަނަ އަހަރު ބެންފީކާ ދޫކޮށް އެޑަސަން ސިޓީ އަށް ބަދަލުވީ 43 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. އެޑަސަން ވަނީ މިހާތަނަށް އަށް ސީޒަނެއްގައި މެންޗެސްޓާ ސިޓީއަށް ކުޅެފަ އެވެ. އެޑަސަން ވަނީ މެންޗެސްޓާ ސިޓީ އާއި އެކު ހަ ފަހަރެއްގެ މަތިން އިނގިރޭސި ޕްރިމިއާ ލީގު ހޯދާފަ އެވެ. އަދި ފީފާ ކުލަބް ވޯލްޑް ކަޕްގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގުވެސް ވަނީ ހޯދާފަ އެވެ.