ލައިފްސްޓައިލް

ފަތީންގެ ހަޔާތުގެ ރަހަ ހެޔޮވަރުކުރި އާދަޔާހިލާފު ރެސިޕީ!

  • އަމިއްލަ ރެސްޓޯރަންޓެއް ހުޅުވުމަކީ އެންމެ ބޮޑު ހުވަފެން
  • އެންމެ މަގްބޫލު އަދި ޑިމާންޑްބޮޑު ދިވެހި ޝެފް
  • ބެސްޓް މޯލްޑިވިއަން ޝެފްގެ އެވޯޑް ތިން ފަހަރު ލިބިއްޖެ

މިއީ ރާއްޖޭގެ އެންމެ މޮޅު ޝެފެވެ. ނިމިގެން ދިޔަ ކަލިނަރީ ޗެލެންޖުގައި ބެސްޓް މޯލްޑިވިއަން ޝެފްގެ ޝަރަފް ހާސިލުކޮށްފައިވާއިރު މިއީ އޭނާ މި އެވޯޑެއް ހާސިލުކުރި ތިން ވަނަ ފަހަރުކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ. -- އުމުރުން 34 އަހަރުގެ އަހުމަދު ފަތީންގެ ވާހަކަ އާދަޔާހިލާފު ވާހަކައަކަށް ވަނީ މި ސަބަބާ ހެދި އެވެ.

އެކަމަކު އެންމެފުރަތަމަ އޭނާ އަކީ އެއްވެސް ވަރަކަށް ކެއްކުމަށް ޝައުގުވެރިވި ނުވަތަ އެ ދާއިރާއާ ގުޅުން ހުރި ދާއިރާއަކަށް ވެސް ޝައުގުވެރިވި ޒުވާނެއް ނޫނެވެ. ސްކޫލްގައި އުޅުނުއިރުވެސް، ބޮޑުވެގެން ވާން ބޭނުމީ ކޮން ކަހަލަ މީހަކަށްތޯ ސުވާލުކޮށްލުމުން އޭނާ އަބަދުވެސް ބުނީ "ވާން ބޭނުމީ ސިފައިންގެ މީހަކަށް" ކަމަށެވެ.

ގްރޭޑް އަށެއްގައި ކިޔަވަން އުޅުނުއިރު، ހުރިހާ ކުދިންގެ "އެމްބިޝަން" ލިޔެ ވަޅުޅި ކެޕްސޫލަކަށް އޭނާ ވައްޓާލި "އެމްބިޝަންގެ ކަރުދާސްކޮޅުގައި" ވެސް ސިފައިންގެ މީހެކޭ ލިޔުނީ ސިފައިންގެ މަތީ މަގާމަކަށް އޭރު ޝައުގުވެރިވެފައި ހުރި ބޮޑުކަމުންނެވެ. އެ ދުވަހު ވަޅުލި ކެޕްސޫލް ކޮނެގެން ނެގުން އޮތީ 2020 ވަނަ އަހަރު އެވެ.

އެ ދުވަހެއް އަދި ނާދެ އެވެ. އަދި ވާން ބޭނުންވި ސިފައިންގެ މީހަކަށް ވެސް އޭނާއަކަށް ނުވެވުނެވެ. ކެޑޭޓުގައި އުޅުނު ދުވަސްތަކާ އެކު ކިޔެވުން ނިންމާލާފައި މާލެ އައިސް ސިފައިންގެ ވަޒީފާ އަށް ވަނުމަށް ފޯމު ފުރި ނަމަވެސް އިސްކޮޅު ހަމަނުވެގެން ނަސީބު ލައްވައިނުލީ އެވެ.

ފަތީންގެ ދިރިއުޅުން ބަދަލުކޮށްލި ހިސާބަކީ އެވެ. އެއަށް ފަހު މާލޭގައި ވަޒީފާއެއް ނެތި މަޑުކުރަން ޖެހުމުން ދިރިއުޅޭތަނަށް ކުލި ދައްކަން ޖެހި، ހުވަފެން ދޫކޮށް، ޕާޓް ޓައިމް ވަޒީފާއަކަށް ދާން މަޖުބޫރުވީ އެވެ. އޭނާ ދެން ބަދަލުވީ މާލޭގައި ހިންގާ ލެމަންގްރާސް ރެސްޓޯރަންޓްގެ ވެއިޓަރަކަށެވެ.

މިހާލެއްގައި އުޅެނިކޮށް އޭނާއާ ބައްދަލުވަނީ ރިސޯޓް އިންޑަސްޓްރީގެ ތަޖުރިބާކާރަކާ އެވެ. ކައްކާއަކަށް ވުމުގެ ހުވަފެން ދެކޭނެ ގޮތާއި އެފަދަ ހަޔާތެއްގައި ދޭ ފޮނިކަމާއި މީރުކަމުގެ ވާހަކަ ފަތީނަށް ކިޔައިދިން މީހަކީ އެ ބުއްދިވެރިޔާ އެވެ. އެހިސާބުން ފަތީންގެ ހިތް، ބަދިގެއަށް ބަންޑުންވީ އެވެ.

ބަދިގޭގެ އެންމެ އާދައިގެ ވަޒީފާ އިން ފެށި މި ޒުވާނާ އަކީ މިއަދު ބަނޑޮސް އައިލެންޑް ރިސޯޓްގެ ސީނިއާ ޝޫ ޝެފެވެ. އަވަސް ވީކެންޑްގެ މި ހާއްސަ މެހްމާނުގެ އިންޓަވިއު ބަނޑޮސް އައިލެންޑް ރިސޯޓްގައި ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖައްސައި ދިނީތީ، އަވަސް ވީކެންޑްގެ ފަރާތުން ބަނޑޮހުގެ މެނޭޖުމަންޓަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަމެވެ.

ތިރީގައި މި އޮތީ ފަތީންގެ ސުވާލާއި ޖަވާބު އިންޓަވިއު އެވެ.

ހިނގާ އެންމެ ފުރަތަމަ ވެސް ކެއުމުގެ ވާހަކައިން ފަށައިގަންނަމާ. ފަތީން އަށް އެންމެ މީރު ކެއުމަކީ ކޮބާ؟

"ފަތީން އަށް އެންމެ މީރީ އިޓާލިއަން ފުޑް. އިޓާލިއަން ފުޑް މީރުވީ މިފަހަކަށް އައިސް އިޓާލިއަން ފުޑްތެރޭގައި އުޅެން ޖެހުނީމަ މާގިނައިން. ކެއްކުގެ ދާއިރާގައި އަޅުގަނޑު އެންމެ ގިނަ ދުވަސް ހޭދަކޮށްފައި ހުންނާނީ އިޓާލިއަން ފުޑާއި ޖަޕަނީސް ފުޑްގެ ތެރޭގައި. އެހެންވީމަ ހަމަ އޭގެ ތެރެއިން އެންމެ މީރީ އިޓާލިއަން ފުޑް. ދެން އެގޮތުން ނަގާނީ ޕާސްޓާ، ކޮންމެ ވައްތަރެއްގެ ޕާސްޓާ ވެސް މީރު"

"އަޅުގަނޑުގެ ސްޕެޝަލް ޕާސްޓާއެއް ހުންނާނެ. އެއީ އަޅުގަނޑުގެ ފެވަރިޓަކީ. އާލިއޯ އޯލިއޯ ގޮތަށް ތައްޔާރުކޮށްލާފައި ހުންނަ ސީފުޑް ޕާސްޓާއެއް އެއީ. އަމިއްލަ ސްޓައިލަކަށް ބަދަލުކޮށްލާފައި ހުންނަ ޕާސްޓާއެއް އެއީ."

އެންމެ މީރު ކެއުމަކަށް ގަރުދިޔަ އާއި ބަތް ފަތީން ނުނެގި ސަބަބަކީ ކޮބާ؟ މިހެން މި އަހާލީ، އާންމުކޮށް މިފަދަ އިންޓަވިއުތަކުގައި، އެންމެ މީރީ ކޯއްޗެއް ހެއްޔޭ ސުވާލުކޮށްލީމަ އަބަދުވެސް މެހްމާނުން ދޭ ޖަވާބަކީ ގަރުދިޔަ އާއި ބަތް. ގަރުދިޔަ އާއި ބަތް މީރެއް ނޫންތަ؟

"ގަރުދިޔަ އާއި ބަތަކީ އަސްލު ފަތީނަށް ވެސް ނިކަން މީރު އެއްޗެއް. މީރުވާ ސަބަބުތަކެއް ވެސް އެބަހުރޭ. އެއީ ކުޑައިރުއްސުރެން ގަރުދިޔަ އާއި ބަތް ކައިގެންކަން ނޭނގެ މިހައި ހިސާބަށް މި އާދެވުނީ ވެސް އެންމެ ފުރަތަމަ. އަޅުގަނޑުގެ ބައްޕަ އަކީ ވެސް މަސްވެރިއެއް. އަޅުގަނޑު ހަނދާންވޭ ބައްޕަމެންނަށް މަސްގެނެސްދީ، މަސްކަނޑައިދީ މަންމަ އާއި ބައްޕަމެންމާ އެކު އެކަމުގެ ތެރޭގައި އުޅެފަ ހުރި ދުވަސްތައް މަތިން. އެހެންވީމަ އަޅުގަނޑަކީ ވެސް ގަރުދިޔަ ވަރަށް މީރު މީހެއް. ގިނަ ދުވަސް ދުވަހު ކާނެ އެއްޗެއް ނެތިއްޔާމު، ބައްޕަ ފަރުމަސް ބާނައިގެން އައިސް ފަރުމަސް ގަރުދިޔަ ވެސް ހަދައިދޭނެ"

"އެހެންވީމަ (މިފަދަ ލައިފްސްޓައިލެއްގައި އުޅޭއިރު) ދިވެހިންނަށް ހަމަ ވަރަށް މީރުވާނެ ގަރުދިޔަ. އަޅުގަނޑުވެސް ނުބަލާނަން އެއީ ނުބައި އެއްޗެއްގެ ގޮތުގައެއް. ގަރުދިޔަ އަކީ ހަމަ ވަރަށް މީރު އެއްޗެއް."

"އެކަމަކު ޕާސްޓާ އާއި ގަރުދިޔަ (އާއި ބަތުން) ޗޫޒްކުރާ ނަމަ ޕާސްޓާއަށް ދާންޖެހޭނީ. އެއީ ވަރަށް ބޮޑަށް އަޅުގަނޑަށް މިހާރު ޕާސްޓާގެ ތެރެއަށް ވަދެވިފައިހުރީމަ."

މިސާލަކަށް ވިއްސަކަށް މިނެޓް ތެރޭގައި މީހަކު އިމްޕްރެސްކޮށްލުމަށް ޗެލެންޖުކޮށްފި ނަމަ، އެމީހަކަށް ފަތީންގެ ކުޅަދާނަކަން ދައްކާލާނީ ކޮން ކަހަލަ ކޮން ވައްތަރެއްގެ ކެއުމަކުން؟

"ވިއްސަކަށް މިނެޓް ތެރޭގައި ނުވަތަ ތާޓީ މިނެޓްސް ތެރޭގައި އެއްޗެއް ހަދަން ޖެހިއްޖެއްޔާމު ނޫނީ މީހަކު އިމްޕްރެސްކުރުވަން ހަދާލަން ޖެހިއްޖެ ނަމަ ޖަޕަނީސްފުޑާ ދިމާލަށް ބޮޑަށް ދާނީ. އެއީ އަޅުގަނޑު ބޮޑަށް އެހާ ފެމިލިއާވީމަ. ވާގޮތަކީ ޖަޕަނީސް ފުޑް އަޅުގަނޑު އެންމެ ފުރަތަމަ ދަސްކުރި ހިސާބުން ފެށިގެން މިއަދާ ހަމަ އަށް ފުދޭވަރަކަށް އަޅުގަނޑު އަމިއްލަ އެއްޗެހި ހުންނާނެ އުފައްދާފައި. އެއީ އަޅުގަނޑަކީ ފުދޭވަރަ އަމިއްލަ ގޮތްތަކެއް ބޭނުންކުރާ މީހެއް. މިދާއިރާ އަށް އަޅުގަނޑު ބޮޑަށް މަޝްހޫރުވެފައި ހުންނާނީ ވެސް ބޮޑަށް އާޓްސްއިން. އެހެންވީމަ ޖަޕަނީސްފުޑޭ ބުނެވޭނީ."

"ވިއްސަކަށް މިނެޓަކީ އަޅުގަނޑަށް މާ ކުޑަ ވަގުތެއް ނޫން."

ފަތީން އަކީ ދެން މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު ދިވެހި ޝެފް. މިއީ ތިން ވަނަ ފަހަރު މި އެވޯޑް ހާސިލުކުރި. އެންމެ މޮޅު ކައްކާ އަށް ވުމަކީ ކިހާވަރެއްގެކަމެއްކަން އަޅުގަނޑުމެންނަށް ކިޔައިދީބަލަ؟

"އަޅުގަނޑަށް މިހާރު ތިން ފަހަރެއްގެ މަތިން ލިބިއްޖެ ޓޮޕް މޯލްޑިވިއަން ޝެފް އެވޯޑް. މި އެވޯޑް ލިބުނީމަ ވަރަށް އުފާވޭ ކޮންމެ ފަހަރަކުވެސް. އެއީ އަޅުގަނޑު ވިސްނާފައި ވަނީ މި ދާއިރާގައި ދެވެން އޮތް އެންމެ މައްޗަކަށް ދާން. އެހެންވީމަ އެންމެ ކުރިއަށް ދެވޭނީ ވެސް އެކަހަލަ އެވޯޑްތަކެއް ހޯދައިގެން"

"މިގޮތަށް ބޮޑެތި ޗެލެންޖުތަކުގައި ބައިވެރިވެގެން ވަނަ ލިބުމަކީ ބުނެދޭން ނޭނގޭ ވަރުގެ ބޮޑު އުފާވެރިކަމެއް. އެ އިހްސާސްތައް ސިފަކޮށްދޭކަށް ނޭނގޭނެ"

"ދެން، އެންމެ މޮޅު ކައްކާއަކަށް ވާން ބޭނުންވަނީ ނަމަ، މި ދާއިރާ އަށް ޖޮއިންކޮށްފައި ވަގުތުން އެ ހިސާބަކަށް ޖަމްޕެއް ނުކުރެވޭނެ. އެހެން ނަމަވެސް ޓްރައިކުރެވިދާނެ. އެއީ މައްސަލައެއް ވެސް ނޫން. އަޅުގަނޑު މިހައި ހިސާބަށް މި އައީ މި ދާއިރާގައި ވަރަށް ޓަފް ދުވަސްތަކެއް ހޭދަކުރުމަށް ފަހު. ބަދިގެއެއްގައި ޕެންޓްރީސްއިން ފެށިގެން ގޮސް ހުރިހާ މަސައްކަތެއް ދަސްކޮށްގެން، އެކި ބަދިގެތަކުގައި މަސައްކަތްކޮށްގެން، އެކިކަހަލަ ޝެފުންނާ އެކު މަސައްކަތްކޮށްގެން. އެހެންވީމަ ފުދޭވަރަކަށް މިކަމަށް މީހާ ގެއްލި ހުސްވެގެން"

"ބުނަން މި އުޅެނީ މިވަރުގެ މަގާމެއް ހާސިލުކުރަން ބޭނުން ނަމަ ވަރަށް ބޮޑަށް މިކަމުގެ ތެރެއަށް ވަންނަން އެބަޖެހެއޭ."

ނިމިގެން ދިޔަ ކަލިނަރީ ޗެލެންޖު އަދި މީގެ ކުރީގެ ފެއާތަކާއި މި ފެއާތަކުގައި ފަތީނަށް ލިބިފައިވާ ކުރިއެރުން އަދި ތަރައްގީ ސިފަކުރާނީ ކިހިނެތް؟ ބުނެވިދާނެތަ އެކަށީގެންވާ ފެންވަރުގެ މޮޅެތި ދިވެހިންނާ ވާދަކޮށްލަން ލިބެއޭ މިފަދަ ފެއާތަކުން؟

"މުބާރާތުގައި މިފަހަރު ބައިވެރިވިއިރުގައި ފުރަތަމަ ވިސްނީ މި ބައިވެރިވަނީ ތިން ވަނަ ފަހަރަށޭ. ކުރިން ފަހަރު ވެސް އޮތީ ޓޮޕް މޯލްޑިވްސް ޝެފް އެވޯޑް ލިބިފައޭ. އެހެންވީމަ ފުރަތަމަ ވެސް އެ އެވޯޑް އެބަޖެހެއޭ ޔަގީންކުރަން. އެގޮތުން ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރިން. ހަފުތާއެއް ވަންދެން ނުނިދައި ކަހަލަ ގޮތަކަށް މަސައްކަތްކުރިން. ކޮށްފަ، ޔަގީންވާވަރުވީމަ ހިތަށް އެރީ އެ އެއްޗަކަށް އެކަންޏެއް ނޫނޭ މިފަހަރު ވާދަކުރާނީ"

"އެގޮތުން ޗެލެންޖަކަށް ނެގީ ޕޭސްޓްރީ. އެއީ ދުވަހަކުވެސް ޕޭސްޓްރީގައި ވާދަކޮށްލާފައި ނެތީމަ. ދެން ރާއްޖޭގެ މޮޅެތި ޕޭސްޓްރީ ޝެފުންނާއި ބޭރުގެ މީހުންނާ ވާދަކޮށް އަލަށް ތިން ވަނަ ލިބުމަކީ މިފަހަރު ލިބުނު އިތުރު ކާމިޔާބީއެއް"

"އަނެއް ސުވާލުގެ ޖަވާބުގައި ބުނެލަން ބޭނުންވަނީ މި ދާއިރާގައި ދިވެހިން މިހާރު މަދުން ނަމަވެސް އެބަފެނެއޭ. އެކަމަކު ވެސް ޗެލެންޖަކަށްވާވަރުގެ ދިވެހިންނެއް ނުފެނެއޭ ބުނެވޭނީ. އެހެން ނަމަވެސް ފާހަގަކޮށްލެވޭ މީހުން ވެސް އެބައުޅޭ. ވަރަށް ދެކެން ބޭނުންވާ ދުވަހެއް އެއީ ކޮލިޓީ ދިވެހި ޝެފުންތަކެއް އައިސްގެން އެފަދަ ބަޔަކާ ވާދަކޮށް މިފަދަ ޗެލެންޖެއްގައި ވަނައެއް ހޯދާލުން. އެއީ ވަަރަށް އުއްމީދުކުރާ ކަމެއް."

މި އިންޑަސްޓްރީގައި ވަރަށް ޝައުގުވެރިވަނިވި އެހެން މަސައްކަތްތައް ވެސް އެބަހުރި. ފަތީން ކަހަލަ، ކުރިން ދުވަހަކު ވެސް ނުކައްކާ މީހަކު ނުވަތަ އެކަމަށް ޝައުގުވެރިކަން ނެތް މީހަކު މި އިންޑަސްޓްރީ އަށް ވަންއިރު، ބަދިގެ އަށް ނުވަތަ ކެއްކުމަށް ކުއްލިއަކަށް ޝައުގުވެރިވި ސަބަބަކީ ކޮބައިތޯ؟

"ޗޫޒްކުރެވިފައި މިހުރިދާއިރާ އަކީ ހަމަ އެންމެ ރަނގަޅު އެއް ދާއިރާ. އެ މިދާއިރާ އަށް އައީމަ މި އެނގެނީ މިއީ ކިހާ މުހިންމުކަމެއް ނުވަތަ ފައިދާއެއް ކުރާ ދާއިރާއެއްކަން. ފިއުޗާއެއް އޮތް ކަމެއްކަން. މި ދާއިރާ އަށް އާދެވުމުގެ ކުރިން ސްކޫލް ނިންމާލިއިރު އަޅުގަނޑު ފުރަތަމަ ބޭނުންވީ ސިފައިންގެއާ ގުޅެން. އޭރުގަ ގިނަ މީހުންގެ ހިޔާލު ހުންނަ ގޮތްހެން ހީވަނީ ވެސް"

"މި ދާއިރާ އަށް ވަދެވުނީ، މާލޭގައި ޕާޓް ޓައިމް ޖޮބެއްގައި އުޅެނިކޮށް ދިމާވި ރައްޓެއްސަކު ދިން ނަސޭހަތެއްގެ ސަބަބުން. މި ދާއިރާގައި ނުވަތަ ރިސޯޓް ލައިފްގައި އެންމެ ރަނގަޅުވާނީ ޝެފަކަށްވިއްޔާއޭ. އޭރުން ފިއުޗާއެއް އޮންނާނެއޭ. މުސްތަގުބަލުގައި މިސާލަކަށް ރިސޯޓް ދޫކޮށް ދާން ޖެހުނަސް، މުސްކުޅިވާ ދުވަހަކު ވެސް ހުއްޓާނުލައިކުރެވޭނެ ކަމަކީ މިއީއޭ.

ފަތީން ފާހަގަކޮށްލެވެނީ އަބަދުވެސް އާ ކަމަކާ ނުވަތަ އާ މަސައްކަތަކާ ދިމާވީމަ އެކަމެއްގައި ބައްދައި އޮޅުލައިގަންނަ ކަހަލަ މިޒާޖެއްގެ މީހެއްގެ ގޮތުގައި. އާދައިގެ ކިޗެން ހެލްޕަރަކުން، ރާއްޖޭގެ އެންމެ މޮޅު ކައްކާ އަށް ބަދަލުކޮށްލި ހިތްވަރަކީ އެއީއޭ ބުނެވިދާނެތަ؟

"އަޅުގަނޑުގެ ކާމިޔާބީއަކީ ނުވަތަ މިހިސާބަށް އޭދެވުމުގެ އެންމެ ބޮޑު ސިއްރަކީ އެކަމަށް ޝައުގުވެރިކަންހުރުން. ފަތީން އަކީ ކަމެއް ކުރާ ނަމަ އެކަމެއްގެ ތެރެއަށް މީހާ އެއްކޮށް ގެއްލި ހުސްވާ މީހެއް. ކޮންމެހެން ޖޮބަކަށްވީމަ، ލާރިހޯދާކަށެއް ނޫން މިކަން ކުރަނީ. އެއަށް ވުރެން ބޮޑަށް ފަތީން އަކީ މޮޅު ޝެފެކޭ ބުނެލާއަޑު އިވުނީމަ ލިބޭ ހިތްހަމަޖެހުން މާ ބޮޑު."

"އާ ޗެލެންޖަކަށް ދާ ނަމަ އަބަދުވެސް ވަރަށް އުފާވެފައި އަޅުގަނޑު ހުންނާނީ. އެ ދުވަހެއް ނައިސްގެން ހުންނާނީ. މީހާ އެކަމުގެ ތެރެއަށް ވަދެވި ހުސްވެފައި އެ ހިތްވަރު ހުންނާތީކަމަށް ވެދާނެ ކުރު މުސްތަގުބަލެއްގައި ކުރިއަރައިގެން ދަނީ."

މި އިންޑަސްޓްރީގައި މިހާރު ވަރަށް ގިނަ އަހަރު ހޭދަކުރެވި، ގިނަ ރިސޯޓްތަކެއްގައި ވެސް މަސައްކަތްކުރެވިއްޖެ. އެންމެފަހުން އައިސް ތިހިރީ ބަނޑޮސް އައިލެންޑް ރިސޯޓްގައި، ކިހިނެތް ވަނީ މި ތަޖުރިބާ ކުރީގެ އެހެން ރިސޯޓްތަކުގެ ބަދިގެ ތަޖުރިބާތަކާ އަޅާ ބަލާއިރު؟

"މިހާތަނަށް އައިއިރު ވަރަށް ގިނަ ރިސޯޓްތަކުގައި މަސައްކަތްކުރެވިފައި ހުންނާނެ. ފުރަތަމަ ސްޓާޓްކުރީ ފޯސީޒަންއިން. ފޯސީޒަން އަކީ މި ދާއިރާގައި އަޅުގަނޑުގެ ބިންގާ. އެ ބިންގާ ވަރުގަދަކޮށް އެޅުނީމަ މިއަދު މިހައި ހިސާބަށް އާދެވިފައި މިހުރީ. ފޯސީޒަން އިން އަޅުގަނޑޫ ކެނެޑާ އަށް ފޮނުވީ ކިޔަވަން. ކެނެޑާ އިން އެ ހޯދައިދިން ފުރުސަތަކީ ހަގީގަތުގައި އަޅުގަނޑުގެ ޓާނިން ޕޮއިންޓަކީ މި ދާއިރާގައި. ބޮޑަށް މި ދާއިރާ އަށް އިންޓްރެސްޓް އުފެދުނު ގޮތަކީ ވެސް އެއީ. އެ ހިސާބުން އެނގުނީ ފުޑަކީ ހަމައެކަނި ކެއްކުމެއް ނޫންކަން"

"ދެން ހިތަށް އެރީ މި ދާއިރާގައި ފުދޭވަރަަކަށް ރަނގަޅު މީހަކަށް ވާނަމޭ. އެގޮތުން ފޯސީޒަނަށް ފަހު ދިޔައީ އަނަންތަރާ އަށް. ދެން ލަކްސް މޯލްޑިވްސް އަށް. ދެން ބަނޑޮހަށް. ބަޑޮސް ފުރަތަމަ ޗޫޒްކުރީ މިއޮތް ހުރިހާ ދުވަހަކީ ވެސް ފެމިލީއާ ވަރަށް ދުރުގައި މަސައްކަތްކުރަން ލިބުނު ދުވަސްތަކެއްވީމަ. މާލެ ކައިރި ރިސޯޓަކަށްވީމަ ބަނޑޮސް ޗޫޒްކުރީ. އެކަމަކު ބަނޑޮސް ޗޫޒްކުރުން ވެގެން ދިޔައީ ނެގުނު ވަރަށް ރަނގަޅު ޑިޒިޝަންއަކަށް. އެއީ ބަނޑޮހުގެ މެނޭޖުމަންޓުން އަޅުގަނޑުގެ ކުރިއެރުމަށް ދޭ ތަރުހީބާއި އެއްބާރުލުން އެހެން ރިސޯޓްތަކުގެ މެނޭޖުމަންޓަށްވުރެން ބޮޑު. އެ ސަޕޯޓަކީ އަޅުގަނޑު އަބަދުވެސް ފާހަގަކުރާނެ ކަމެއް."

ފަތީން ބުނެފިތާ، އަމިއްލަ ފައި މައްޗަށް ތެދުވެވޭ ވަޒީފާއެއް ހިޔާރުކުރަންށޭ، ކައްކާ އަކަށް ވާން ބޭނުންވީ. ސުވާލަކީ، އަބަދުވެސް ރިސޯޓުންތޯ ފެންނާނީ ނުވަތަ ފަތީންގެ އަމިއްލަ ރެސްޓޯރެންޓަކުން ދިވެހިންނަށް ކާން ލިބޭނެ ދުވަހެއް އަތުވެދާނެތޯ؟

"އަމިއްލަ ފައި މައްޗަށް ތެދުވަން އެބަޖެހޭ. އެއީ ރިސޯޓް އިންޑަސްޓްރީ ނުވަތަ އެހެން ޖޮބެއްގައިވިޔަސް ބައެއްގެ ދަށުގައި މަސައްކަތްކުރުމަކީ މީހާގެ ލައިފް އެންމެ ފުރިހަމަވުމެއް ނޫން. މީހާގެ ލައިފް ފުރިހަމަމި ވަނީ އަމިއްލަ ފައި މައްޗަށް ތެދުވެ އެމީހެއްގެ އަމިއްލަ މަސައްކަތުން ހޯދާ އެއްޗެއް ލިބޭ ހިސާބަކަށްދިޔައީމަ. އެގޮތުން ފަތީންވެސް ޑްރީމްއެއް އެބައޮތް. އެ ޑްރީމްއާ އެއްގޮތަކަށް މަސައްކަތްކުރަމުން މި ދަނީ ވެސް"

"އަމިއްލަ ރެސްޓޯރެންޓެއްގެ ޕްލޭން ވެސް ކުރަމުން މި ދަނީ. އަޅުގަނޑު ބޭނުމެއް ނޫން ރާއްޖޭގައި އާންމު އާދައިގެ ހިދުމަތެއް ދޭކަށް. މުޅިން ތަފާތު، ކޮލިޓީ، މީހުން ބަލައިގަން ކަހަލަ ތަނެއް ހެދުން ޑްރީމްއަކީ."

މި ދާއިރާ އަށް ނުވަތަ ފަތީން ކަހަލަ ކާމިޔާބު ކައްކާ އަކަށްވުމަށް ހުވަފެން ދެކޭ، ކުއްޖަކަށް ނުވަތަ ދަރިވަރަކަށް ދޭން ބޭނުންވާ ނަސޭހަތަކީ ކޮބައިތޯ؟

"މި ދާއިރާ އިން ކުރިއަށް ދާން ބޭނުން ނަމަ، ފުރަތަމަ ބުނެލަން ބޭނުންވަނީ އަންހެން ކުދިންނަށް. ގިނަ އަންހެން ކުދިންނެއް މި ދާއިރާއަކުން ނުފެނޭ. އެހެން ނަމަވެސް އަންހެން ކުއްޖަކު މި ދާއިރާ އަށް އަންނައިރަށް އެ ކުދިން ޑީމޯޓިވޭވްވާ ގޮތަށް ވާހަކަ ދައްކާ ގިނަ މީހުން އުޅޭ. އެހެންވީމަ ބުނެލަން ބޭނުންވަނީ އެގޮތަށް ވާހަކަ ދައްކާ މީހުންނަށް ސަމާލުކަންނުދޭށޭ. އަންހެނުންނެއް ފިރިހެނުންނެއް ނޯންނާނެ މި ދާއިރާގައި"

"މީހުން ކިޔާ ފާޑަކަށް ސަމާލުކަމެއް ނުދީ ޓާގެޓެއް ކަނޑައަޅައިގެން އެއަށް ވާސިލުވާން މަސައްކަތްކޮށްފި ނަމަ އެމީހަކީ ކާމިޔާބު މީހަކަށް ވާނެއޭ ބުނެލަން ބޭނުންވަނީ. އަދި އަޅުގަނޑަށް ވެވުނު މިންވަރަކުން ކޮންމެ މީހަކަށް އެހީވާން އަޅުގަނޑު ވެސް މިހުރީ ތައްޔާރަށް. އެއީ އަޅުގަނޑު ވަރަށް ބޭނުންވޭ މީހުން މޯޓިވޭޓްކުރަން."

ފަތީންގެ މެނޫއަކުން ކާން ބޭނުންވާ މީހަކަށް، ފަތީން އަބަދުވެސް ރިކޮމެންޑްކުރާނެ އެންމެ މީރު ކެއުމަކީ ކޮބާ؟

"އަމިއްލަ މެނޫއަކުން ކާން ދޭން ޖެހިއްޖެ ނަމަ އެ ދުވަހަކުން ޗޫޒްކުރާނީ ހަމަ ދިވެހި ކާ އެއްޗެހި. އެކަމަކު ވަރަށް މޮޑާންކޮށް، މޮޑަނައިޒްކޮށްފައި ކާން ދޭން ބޭނުންވަނީ. ދިވެހި ކެއުމެއްކަން ނޭނގޭ ވަރަށް އެކަމަކު އޭގެ އަސްލު ރަހަ ގެއްލުވައެއް ނުލާނަމޭ."

  • ފޮޓޯގްރެފީ އަދި ރީޓަޗިން: މިލްޒީރޯ ނިޝާން
  • މޭކަޕް އަދި ސްޓައިލިން: ޖަސްޓިން
  • ވޯޑްރޯބް: ޗެޕްސް ރިޒާވްޑް
  • ވީޑިއޯ އަދި އެޑިޓިން: އަފްޝީން ނަސީރު
  • ލޮކޭޝަން: ބަނޑޮސް އައިލެންޑް ރިސޯޓް