ނޮވެމްބަރު ތިނެއް

ނޮވެމްބަރު ތިނެއްގެ ބަތޮލާ ލައްވާލީ ދިރާގަށް!

ނޮވެމްބަރު 3، 1988 ގެ ބިރުވެރި އުދުވާނީ ހަމަލާގެ ވަގުތުގައި އެކި ގޮތްގޮތުން ގައުމަށްޓަކައި ހިތްވަރު ދެއްކި ބަތޮލުން އެބަތިއްބެވެ. އެހެންނަމަވެސް އޭގެ ތެރޭގައި އަންހެނެއްގެ ވާހަކަ އަންނަހެނެއް ހީއެއް ނުވެއެވެ. އެކަމަކު މިފަހަރު މި ލައްވާލީ ނޮވެމްބަރު ތިނެއްގެ އަނެހެން ބަތޮލާ އާއެވެ. -- ބަތޮލު ކިޔުމަކުން ވެސް މައްސަލައެއް ނެތެވެ -- ނޮވެމްބަރު ތިނެއްގެ ހާދިސާގެ އުންޑަތައް އުދުހި ބާރުގަދަ އަޑު ފައްގަނޑާއެކު ބިރުގަންނަވާލާފައިވާ ނާމާން ވަގުތު ލައިގަތް އިރު ރާއްޖެ އާއި ބޭރާއި ގުޅުވައިދޭ މުވާސަލާތީ އެއް ވިއުގަކަމުގައިވާ ދިރާގުގެ އައިޑީޑީ ކޯލް ސެންޓަރުގެ ފާރަވެރިއަކަށް އިނީ މިހާރު އުމުރުން 54 އަހަރުވެފައިވާ ފާތިމަތު އަލީ (ފާތުން) އެވެ. އޭރު އުމުރުން 25 އަހަރުގެ ޒުވާނެކެވެ. ސިފައިންގެ މައި މަރުކަޒާއެކު މެދު ޒިޔާރަތް މަގުގައި ހުރި ދިރާގުގެ މައި އިދާރާއަށް ވެސް އަމާޒުވެ ތޮރުފައި ފޫ އަޅުވަމުން ދިޔައިރު ދުޝްމަނު ބާޣީން އެދެމުން ދިޔައީ ކޯލް ސެންޓަރު ހުޅުވުމަށެވެ.

އެ މީހުން ބުނިގޮތަށް ފާތުން ދޮރުހުޅުވައި ދިން ނަމަ ބާޣީން އުފާވެ ހާލަތު ބަދަލު ކުރުމަށް ބޮޑު ފުރުސަތެއް ލިބުނީހެވެ. ރާއްޖެ އާއި ބޭރު ދުނިޔެއާ ގުޅުވައިދޭ މުވާސަލާތީ ފާލަންމަތީގައި ބާޣީންނަށް ހުރަސް އަޅައި ގައުމު ދިފާއުގައި ހުރީ ފާތުން އެވެ. ތުއްތު ދަރިފުޅާއި މަންމައަކާއި ބައްޕަ ގެއަށް ދޫކޮށް އެރޭ އިރާކޮޅު އޭނާ ޑިއުޓީއަށް ނިކުތީ އެފަދަ ވަގުތުކޮޅަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބަލައިގެނެއް ނޫނެވެ. އެހެން ނަމަވެސް ނުރައްކާތެރި އެ ވަގުތާ ފާތުން ކުރިމަތިލި އެވެ. ގައުމަށްޓަކަ އެވެ.

"އެ އިމާރާތް [ދިރާގު] އޭރު ހަދާފައި ހުންނަނީ ދެބުރިއަށް ކަހަލަ ގޮތަކަށް އެތާނގެ މަތީގައި އައިޑީޑީ ކޯލް ސެންޓަރު ހުންނަނީ. އެ ސެންޓަރު މެދުވެރިކޮށް ބޭރަށް ކޯލްތައް ކުރެވޭނީ. އެރޭ އެތަނުގައި ތިބީ އަޅުގަނޑު... އިތުރު އަންހެން ބޭފުޅަކު ޑައިރެކްޓްރީ ސާވިސް، 110 ގައި ހުރި. އަޅުގަނޑު 190 އައިޑީޑީ ސެންޓަރުގައި އިންޓަނޭޝަނަލް އޮޕަރޭޓަރަކަށް. ކުއްލިއަކަށް ބަޑީގެ އަޑުފައްގަނޑު އިވެން ފެށީ. ދެން ބާޣީން އައިސް އެތަނުގައި ހުރި ލަކުޑި ދޮރުގައި ތަޅައިގެންފައި އަންގަނީ ދޮރު ހޮޅުވަން. އޭރު ވެސް ބޭރުން ބަޑީގެ އަޑުފައްގަނޑު އިވެމުން ދިޔައީ މެދުނުކެނޑި. އަޅުގަނޑު ނުހުޅުވުމުން ފާރަކަށް ޖެހި ވަޒަނާއެކު ފާރުން ފޭބި ކުނޑިތައް އެޅުބީ އަޅުގަނޑުގެ ފަޔަށް. އަޅުގަނޑުމެން އެވަރުން ވެސް ދޮރެއް ނުހުޅުވަން. ވަޒަން ޖަހަން ފެށީމާ މޭޒުތަކުގެ ނިވަލުގައި ތިބީ،" މިހާރު ދިރާގުގެ އެންޓަޕްރައިޒް ސޭލްސް މެނޭޖަރެއްގެ މަގާމުގައި ހުންނެވި ފާތުން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދުޝްމަނުން ބިރު ދައްކަައި އެ ދޮރު ހުޅުވަން ވަރަށް މަސައްކަތްކުރި އެވެ. އަދި އެ ބިރުވެރި ނުރައްކާތެރި ވަގުތުގައި އެ ދޮރު ހުޅުވައިދޭން އޭނާ ބޭނުން ނުވި އިރު ދިރާގުގެ އޭރުގެ އިސްވެރިން ވެސް އެ ދޮރު ހުޅުވައި ނުދިނުމަށް އޭނާ ގާތުގައި އެދެމުން ދިޔައެވެ.

"އަޅުގަނޑު ހިތަށް އެރީ ކޮންމެ ގޮތެއް ވިޔަސް އެ ބިރުވެރި ވަގުތުގައި ގައުމުގެ އެ މުހިންމު ތަން ދޫކޮށްލާފައެއް ނުދާނަމޭ... އޭރު އަޅުގަނޑުގެ އެންމެ ހަގު ދަރިފުޅަށް ދެތިން މަސްވާނީ. އެވަގުތު އެންމެ ބޮޑަށް ހިތަށް އެރީ ދަރިފުޅާއި މައިންބަފައިން މަތިން. ހިތަށް އެރީ ދެން ސަލާމަތެއް ނުވާނެއޭ ވެސް،" ގައުމުގެ މުހިންމު އެ ހަނދާންތައް ފާތުން އާ ކޮށްދެއްވި އެވެ.

ވަޒީފާގެ މައިދާނަށް ފާތުން ނުކުތްތާ ގިނަ ދުވަހެއް ނުވެ ކުރިމަތިވި އެ ހާދިސާ އާއި އެދުވަހު އޭނާ ގައުމަށްޓަކައި ހޭދަ ކުރު ގުރުބާނީގެ ވަގުތުކޮޅު ތާޒާކަމާއެކު އޭނާގެ ހަޔާތުގައި ވަނީ ބިންވަޅު ނަގާފަ އެވެ. ކޮންމެ އަހަރެއްގެ ނޮވެމްބަރު ތިނަކާ ބައްދަލުވާއިރު، އެ ރޭ ވެގެން ދަނީ ނިދިން މަހުރޫމްވެ ހޭލަައި ހުރެވޭ ރެއަކަށެވެ. އެ ބިރުވެރި ވަގުތުގެ ނުރައްކާތެރިކަމަށްވުރެ ގައުމުގެ މުހިންމުކަން ގައުމަށްޓަކައި ވާންޖެހޭ ގުރުބާނީ އޭނާ ވަށައިލަނީ އެވެ.

ބޭރަށް ގުޅަން ބޭނުންވާ މީހުންގެ ފޯން ކޯލްތައް ބޭރާ ގުޅުވައިދޭ އިންޓަނޭޝަނަލް އޮޕަރޭޓަރެއްގެ ވަޒީފާއިން އޭނާގެ ހަޔާތުގެ ދަތުރު ދިރާގާއެކު ކުރަމުންދާއިރު ދިގު އެ ދަތުރުގެ ހުރިހާ ހިސާބެއްގައި ވެސް އޮތީ ހިތްވަރާއި ކެރުމުގެ ފިލާވަޅުތަކެވެ. އުނދަގޫ މަސައްކަތްތަކެވެ.

ދިރާގުގައި ޝިފްޓް ޑިއުޓީ އަދާކުރަން ޖެހޭ އިރު، ބައެއް ދުވަސްދުވަހު 100 އެތައް ކޯލެއް ވެސް އޭނާގެ ބެލުމުގެ ދަށުން ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ގުޅުވައިދޭން ޖެހެ އެވެ. އެ ހުރިހާ މަސައްކަތެއް ކުރަން ޖެހެނީ މެނުއަލްކޮށެވެ. މަސައްކަތުގެ ތެރެއިން އަމިއްލަ ދިރިއުޅުމަށް ވަންނަ އިރު ތިން ކުދިންނާއި މުސްކުޅިވަމުންދާ މައިންބަފައިންނެވެ. ތިން ކުދިން ލިބުނު ފަހުން ކައިވެނި ރޫޅި، މައިންބަފައިން ވެސް އޭނާއާ ވަކިވި ހިސާބަކީ ފާތުންގެ ހަޔާތުގައި ރިހެމުން ދިޔަ ފައި މައްޗަށް ފޮއި ވެއްޓުނު ހިސާބެވެ. އެކަމަކު ފާތުން ހިތްވަރާއި ސާބިތު ކަމަކަށް ބަދަލެއް ނާދެ އެވެ.

"ކައިވެނި ވެސް ރޫޅި ވަރަށް ބޮޑު ދަތިކަމެއް 1990 ގައި އަޅުގަނޑުގެ ހަޔާތާ ކުރިމަތިވި ވަރަށް ހާލުގައި އުޅެން ޖެހުނީ. ތިން އިރުގެ ބަދަލުގައި ދެއިރު ކައިގެން ތިބެނީ. ގެވެސް ހުންނަނީ ވަރަށް ދެރަވަރުގައި، ވާރޭ ވެސް ހިޔާނުވޭ. [ވާރޭ ވެހޭތީ] ޓިނު ހެޔޮވަރު ކުރަން ބައެއް ފަހަރު ފުރާޅައް ވެސް އަރަންޖެހޭ. ވަޒީފާއަށް ދަމުން ގޭތެރޭގެ ހުރިހާ ކަމެއް ވެސް އުނި ނުކޮށް ބަލަމުން ދިޔައީ،" ފާތުން ވިދާޅުވި އެވެ. ފާތު ތަޖުރިބާކުރި ފިލާވަޅުތަކާއެކު އޭނާ ގަބޫލު ކުރައްވާ ގޮތުގައި، ބަހަނާ ނުދައްކާ ހިތްވަރު ކޮށްފިނަމަ އަންހެނަކަށް ނުވާނެ ކަމެއް ނޯންނާނެ އެވެ.

ފާތުގެ ހަޔާތުގައި ކަށިން ހިތްވަރު ނެރެވުނު ސަބަބަކީ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް ހިދުމަތްތެރި އަންހެނަކަށްވުމަށް އޭނާ ކަނޑައެޅި ވަރުގަދަ އަޒުމެވެ. ގައުމަށް ހިދުމަތް ކޮށްދެމުން ރަނގަޅު ދަރިންތަކެއް ތަރުބިއްޔަތު ކުރެވުމަކީ ފާތުން ދެކޭ ގޮތުގައި އޭނާއަށް މިއަދު އޮތް އެންމެ ބޮޑު އުފަލެވެ. އަދި ގައުމަށް އޭނާގެ ހިދުމަތް އެންމެ ބޭނުންވި ނުރައްކާތެރި ވަގުތު ގައުމު ބޭނުންވާ ގޮތަށް ހިދުމަތް ދެވުނުކަން އެއީ އޭނާ ހާއްސަ އުފަލެވެ.

މިހާރު ދަރިންނާ އެކު ފާތުން ހޭދަ ކުރައްވަނީ އުފާވެރި ދުވަސްތަކެކެވެ. ހުރިހާ ހިތްދަތިކަން ކުދިކުދިކޮށްލައި ހަޔާތް އުފާވެރި ކަމަށް ބަދަލުވީ ހިތްވަރާއެކު ކުރި މަސައްކަތުގައި ރާއްޖޭގެ މުއާސަލާތީ މައި ކުންފުނީގެ ތެރެއިން ފަހިވި ފުރުސަތުތަކުގެ ތެރެއިންނެވެ. އަދި އިންޓަނޭޝަނަލް އޮޕަރޭޓަރެއްގެ މަގާމުން އޭނާ މިއަދު ހުރި ހިސާބަށް އާދެވުނީ އަންހެނަކަށްވެ ހުރެ ދިރާގުގެ ތެރެއިން އޭނާއަށް ފަހިވި ހަމަ ހަމަ ފުރުސަތުތަކުގެ ތެރެއިންނެވެ. މިއަދު އޭނާ އަކީ ދިރާގުގެ ކޯޕަރޭޓް ކަސްޓަމަރުންގެ ޝަކުވާތައް އަޑުއަހައި އެ މީހުންނާ ބޭނުންވާނެ އެކަށީގެންވާ ހިދުމަތް ދިރާގުން ފޯރުކޮށް ދިނުމުގެ ޒިންމާ އަދާކުރާ ވެރިޔާ އެވެ.

"އަންހެނުންނަށް ވެސް ފުރުސަތުތައް އޮންނާނެ. ބޭނުންވަނީ ކެރުންތެރިކަން ހިތްވަރު. މިހާރު އުޅޭ [ބައެއް] ކުދިންނަށް ވާގޮތަކީ ހިތްދަތިކަމެއް ދިމާވީމާ މަގު އޮޅިގެން ދަނީ. އެއެއް ނޫން ވާންވީ ގޮތަކީ. މާތް ﷲ އަށް ވަކީލުކޮށްފައި އެކަމާ ކުރިމަތިލާންވީ. ގަދަ ހިތްވަރު ކުރަންވީ. ހިތްވަރު ކުރުމުން ކާމިޔާބުވާނެ. ދިރާގުގެ ތެރެއިން ވެސް އަޅުގަނޑަށް ފުރުސަތުތައް ފަހިވި މައިގަނޑު ސަބަބަކީ ވެސް މިއީ. އަޅުގަނޑުގެ ހިތްވަރާއި ކެރުންތެރިކަން. ދިރާގަކީ ވަކި ޖިންސެއް ތަފާތު ކުރުމެއް ނެތި ފުރުސަތުތައް އަބަދުވެސް ދޭ ކުންފުންޏެއް. އެ ފުރުސަތުތަކުގެ ބޭނުން އަޅުުގަނޑު ކުރީ،" ފާތުން ވިދާޅުވި އެވެ.