އަންހެނުންގެ ދުވަސް

މިކަހަލަ ބައިވަރު އަންހެނުން، އެމީހުނަށް އޮތީ ކޮން ގޮތެއް؟

"މީހުން މަލާމަތް ކުރޭ، ލަދު ވެސް ގަންނަވާލާ، އެކަމަކު މިތާ މި އިންނަނީ އެހެން ގޮތެއް ނެތިގެން،" ބާޒާރުމަތީ ދުވާލުގެ ގިނަ ވަގުތުތަކެއް ހޭދަކުރާ އައިމިނަތު (އަސްލު ނަމެއް ނޫން) ބުންޏެވެ.

އައިމިނަތަކީ ހުވަފަތް އަންހެނެކެވެ. އޭނާގެ ހަ ކުދިން ވެސް ތިބެ އެވެ. ނަމަވެސް އޭނާގެ ގެދޮރެއް ނެތެވެ. ހަ ދަރިންނާއެކު އުޅެންޖެހެނީ ކުޑަކުޑަ ކޮޓަރިގަނޑެކޭ ވެސް ނުބުނެވޭހާ ކުޑަކުޑަ ކުލީ ގޮޅިއެއްގަ އެވެ. އެތަނުގެ ކުއްޔަކީ މަހަކު 6000ރ. އެވެ. ދަފްތަރުގެ ރަޖިސްޓްރީގައި އޮންނަ އައިމިނަތު މަގުމަތިވެފައިވަނީ މީގެ 15 އަހަރު ކުރިން ފިރިމީހާ މަރުވެ ހުވަފަތްވި ހިސާބުންނެވެ.

"ފިރިމީހާ މަރުވީ ހަގު ދަރިފުޅަށް އަހަރު ވެސް ނުވަނީސް، އޭގެ ފަހުން ހަމަ މި ހާލުގައި އުޅެމުން މިދަނީ، ފިރިމީހާގެ ގެއިން ދަރިންނާއެކު ނެރެލީ،" 53 އަހަރުގެ އައިމިނަތު ބުންޏެވެ.

ހަޔާތް ބަދަލުވެ، ހަ ދަރިންނާއެކު ބިކަވި އައިމިނަތަށް ދެން ފެނުނީ އެންމެ މަގެކެވެ. އެހީއަށް އެދި ސަލާން ޖެހުމެވެ. އޭނާ ވަޒީފާއެއް ބޭނުންވެ އެވެ. އެކަމަށް މަސައްކަތްތައް ވެސް ކުރެ އެވެ. އެކަމަކު "ނިކަމެއްޗަކަށްވީމަ" ވަޒީފާއެއް ވެސް ހަމައެއް ނުޖެހެ އެވެ.

"ކުނިކަހާ މީހާގެ ވަޒީފާއަށް ވެސް ތަންތަނަށް ހުށަހެޅިން، އެކަމަކު އަދިވެސް ވަޒީފާއެއް ނުލިބޭ، ޖަވާބެއް ވެސް ނުލިބޭ! ވަރަށް ގިނަ ތަންތަނަށް ސިޓީ ލިން، އެ ސިޓީތަކުގެ ޖަވާބެއް ނުލިބޭ، އަޅުގަނޑު ދެރަވޭ މިތަނަށް އަންނަން ޖެހޭތީ، އެކަމަކު ނައިސް ނުވާތީ އަންނަނީ، އަޅުގަނޑު ވައްކަމެއް ނުކުރާނަން، އެހެން ވިޔާނުދާ އަމަލުތަކެއް ނުކުރާނަން،"

ދިރިއުޅެލާނެ ތަންކޮޅެއް ލިބި، އުފާވެރި ހަޔާތެއް ފެށިއްޖެނަމަ ސަލާން ޖަހަން އޭނާ އެތަނަކަށް ނުދާނެ އެވެ. ބާރުމަތީގައި އަވީލެވި ސަލާންޖަހަން އިނުމަކީ އޭނާއަށް ވެސް ރީތި އަދި އުފާ ވާ ކަމެއް ނޫނެވެ. އެއީ އެތައް ބަޔެއްގެ މަލާމާތާއި ފުރައްސާރަ އަމާޒުވެ، ހިތްދަތިވާ ކަމެކެވެ. ނަމަވެސް ދަރިންނަށް ކާންދީ، ތައުލީމު ދޭން ޖެހޭތީ އެކަންކަން ތަހައްމަލު ކުރަނީ އެވެ.

"ކައިވަތެއް ހާ ތަންކޮޅެއް ވެސް އަޅުގަނޑުގެ ދަރިންނާއެކު ފަސޭހައިން އުޅެން ލިބިއްޖެނަމަ އަޅުގަނޑު މިތަނަށް ނާންނާނަން، ވަރަށް ދެރަވޭ މިތަނަށް އަންނަން، އަޅުގަނޑުގެ އާދޭހަކީ ހަމަ އެއީ، އުޅޭނެ ތަންކޮޅެއް އަޅުގަނޑަށް ހޯދައިދިނުން،" އައިމިނަތު ބުންޏެވެ. "މީހުން މަލާމަތް ކުރޭ މިތާ އިންނާތީ، ވަރަށް މަލާމަތް ކުރޭ، އަޅުގަނޑު އެހެންވެ ވަރަށް ދެރަވޭ، ރޯން ވެސް ރޮން، އެކަމަކު އެހެން ގޮތެއް ނެތީމަ މިތަނަށް އަންނަނީ، އެހެންވެ މިތަނަށް ނައިސް ވާނެ ގޮތެއް ހަދައިދިނުމަށް މި އާދޭސް ކުރަނީ،"

އުޅެވޭނެ ހިޔާވައްސެއް ލިބިއްޖެ ނަމަ އޭނާ ސަލާމެއް ނުޖަހާނެ އެވެ. ސަރުކާރު ވަޒީފާއެއް ނުލިބުނަސް އަމިއްލައަށް އުޅެވޭނެ ތަންކޮޅެއް ލިބުމުން އެތަނެއްގައި އަމިއްލަ މަސައްކަތްތަކެއް ވެސް އޭނާއަށް ކުރެވިދާނެ އެވެ.

ބަލި އަންހެން ދަރިއަކު ވެސް ބަލަހައްޓާ އައިމިނަތު ބުނި ގޮތުގައި އެދަރިފުޅު ގޮވައިގެން ބޭރަށް ގޮސް ފަރުވާ ހޯދައިދިނުމަކީ ވެސް އޭނާ ކުރާ ވަރަށް ބޮޑު އުއްމީދެކެވެ.

"ދައްތަ އެބަ ގެންގުޅެން ބަލި އަންހެން ކުއްޖެއް ވެސް، ތައިރޮއިޑް ހުރޭ ހަކުރު ބަލި ހުރޭ ލޭ މައްޗަށް ދޭ، އެ ކުއްޖާގެ ލޯ ވެސް އަނދިރިވަމުން ދަނީ، ނަމަވެސް ބޭރަށް ބޭސްކުރަން ދާނީ ކިހިނެތް،"

ސަލާން ޖަހަން ބާޒާރުމަތީ ތިބޭ މީހުންނަށް އެތައް ބަޔަކު ގިނަ ތުހުމަތުތަކެއް އަމާޒުކުރެ އެވެ. އެތަނުގައި ތިބެނީ ނިކަމެތިން ނޫން ކަމަށް ވެސް ބުނެ އެވެ. އައިމިނަތު ވެސް އެކަމާ އެއްބަސްވެ އެވެ. އޭނާ ބުނި ގޮތުގއި ކުރިން އެތަނަށް މުޅިން ނިކަމެތި ފަގީރުން ދިޔަ ނަމަވެސް މިހާރު ގެދޮރު ހުންނަ މީހުންނާއި 65 އަހަރުވެ ސަރުކާރުގެ އިނާޔަތް ލިބޭ މީހުން ދެއެވެ. އަދި މަސްތުގެ ވަބާގައި ޖެހިފައިވާ މީހުން ވެސް އެތަނުގައި މިހާރު ގޮނޑި އަޅާފައި ތިބެ އެވެ. އޭގެ ސަބަބުން މީހުންގެ ސަދަގާތް އެންމެ ހައްގުވާ ފަރާތްތަކަށް ނުލިބެ އެވެ. އަދި ސަދަގާތް ދިނުމަށް މީހުން ޖެހިލުންވެސް ވެއެވެ.

"ﷲ މިންވަރު ކުރެއްވި ގޮތް، ދައްތަ ކެތްތެރި ވަނީ، ދަރިންގެ ހައްގުގައި ދައްތަ ގުރުބާން ވާނަން، އިރާދަކުރެއްވިއްޔާ އެ ދަރިންގެ ކިޔެވުން ވެސް އެގޮތް މިގޮތުން ރަނގަޅަށް އެބަދޭ،" ދަރިންގެ ކިޔެވުމާމެދު ހިތްހަމަޖެހި ހުރެ އައިމިނަތު ބުންޏެވެ.

ބާޒާރުމަތީގައި އާންމުކޮށް އުޅޭ މީހުންނަށް އައިމިނަތަކީ ދެކެ ފަރިތަ މީހެކެވެ. އައިމިނަތުގެ ވާހަކަ އަހާލި ކޮންމެ މީހަކު ވެސް ބުނީ އޭނާއަކީ ވަރަށް ހާލުގައި ދިރިއުޅެމުންދާ އަންހެނެއް ކަމަށެވެ. މި ހާލުގައި އެތައް ގުރުބާނީއެއް ވަމުންދާ އަންހެނުންތަކެއް ރާއްޖޭގައި ވެސް އުޅެމުންދާކަމީ ހަގީގަތެކެވެ. އެމީހުންގެ ވެސް ހައްގުތަކެއްވާއިރު އެމީހުންނަށް އެންމެ އެދެވޭ އެހީތެރިކަމާއި އަޅާލުން ފޯރުކޮށްދޭނެ ފަރާތްތެއް ނެތުމަކީ ސުވާލެކެވެ. މިކަން ވެސް ވާންޖެހޭނެއެވެ.