މިއީ ސަރުކާރުގެ މައި އިންޖީނުގެ ސްޓެލްކޯ އިން އެކުލަވާލާފައިވާ އިލެކްޓްރިކަލް އިންޖިނިއަރިންގެ ޓީމުގައި މިވަގުތު ހުރި ހަމައެކަނި އަންހެން އިންޖިނޭރެވެ. އުމުރުން 26 އަހަރުވީ އައިމިނަތު ސާދާ، މެލޭޝިއާ އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިން ކިޔަވައިގެން އައިސް އޭނާ ސްޓެލްކޯގައި މަސައްކަތްކުރާތާ މިހާރު ދެ އަހަރުވެއްޖެ އެވެ. ނަމަވެސް ސާދާގެ ވާހަކަ އެހާ ކުރުކޮށް ނިންމާލެވޭ ވަރަށްވުރެ ތަފާތުވެފައި ދިގެވެ.
ރާއްޖޭގައި އަންހެނުން އަދާކުރާ ވަޒީފާތަކާއި ކުޅޭ ރޯލުތަކަށް ބަލާނަމަ ގިނަވާނީ ފިނި ކޮޓަރީގައި މަސައްކަތްކުރާ އަންހެނުންނެވެ. އެހެން އަންހެނުންނާ ސާދާ ތަފާތުވާ ފުރަތަމަ ސަބަބަކީ އެފަދަ ފިނި ކޮޓަރިއެއްގައި މަސައްކަތްކުރަން އޭނާ އެއްވެސް އިރެއްގައި ޝައުގުވެރިނުވާތީ އެވެ.
ސެކަންޑްރީ ގްރޭޑުގައި ސާދާ ސައިންސް ސްޓްރީމް އިހްތިޔާރު ކުރުމުން އާއިލާއިން ބޭނުންވީ ކިޔަވައިގެން ސާދާ ޑޮކްޓަރަކަށްވާށެވެ. އެކަމަކު އޯލެވެލް އާއި އޭލެވެލްގައި ވެސް މުޅި ރާއްޖެ އިން އެންމެ މަތިން ކިޔެވުން ނިންމާލުމަށް ފަހުވެސް އާއިލާއިން ބޭނުންވާ ދިމާއަށް ސާދާގެ ހިތް ދަމައިގަންނަ ގޮތެއް ނުވި އެވެ. އެކަމަކު ސާދާ ބޭނުންވީ 45 ޑިގްރީ ސެލްސިއަސްއެއްގެ ގަދަ ހޫނުން ދޮންވެފައިވާ އިންޖީނު ރޫމެއްގައި މަސައްކަތްކުރާކަށް ނޫނެވެ. އޭނާގެ ފުރަތަމަ ހުވަފެން މުޅީން ތަފާތެވެ.
"ކުޑައިރު އެންމެ ފުރަތަމަ ބޭނުންވީ ރޭސް ކާރު ޑްރައިވަރަކަށް ވާން،" ސާދާ ހީނލި އެވެ. "އެކަމަކު އެކަހަލަ ދާއިރާއަކުން މިތަނުގައި [ރާއްޖޭގައި] ޕްރޮފެޝަނަލްއެއް ނުވެވޭނެތާ،"
އިންޖިނޭރަކަށް ވުމުގެ ހިޔާލު ސާދާގެ ބޮލުތެރޭގައި ނެތްއިރު ވެސް އާންމުން އަންހެނަކަށްވުރެ ސާދާގެ ވިސްނުމާއި ހިޔާލު ތަފާތެވެ. މުޅިން ތަފާތު އަންހެނަކަށް ސާދާ ބަދަލުކޮށްލަައިދޭ ސިފައަކީވެސް އެއީ އެވެ. ކާރު ރޭސް ޖަހައި ޕްރޮފެޝަނަލް ޑްރައިވަރަކަށް ވާން އޭނާ ޝައުގުވެރިވީ ކީއްވެގެންތޯ ސުވާލުކުރުމުން ބުނި ގޮތުގައި އޭނާ ކުޑައިރު އެންމެ ގަދަ އަށް ކުޅުނީ މުޅިން ވެސް "ރޭސިން ކާރުތައް ފެންނަ" ގޭމްތަކަށްވާތީ އެވެ. އެހެންވެ ސާދާއަކީ ހިޔާލާއި ފިކުރާއި ހުނަރުވެރިކަމާއި މަސައްކަތުގައި އާދައިގެ ސާދާ އެއްނޫނެވެ.
ސާދާ އިންޖިނޭރަކަށްވީ އަދި އެކަމަށް ޝައުގުވެރިވީ ކީއްވެގެން ހެއްޔެވެ؟
"އިންޖިނިއަރިން އަށް އަޅުގަނޑު ޝައުގުވެރިވި އެއް ސަބަބެއް އަޅުގަނޑުގެ ބައްޕައަކީ ވެސް. ބައްޕަ އަކީ ކުރިން ބޯޓު ދަތުރުކުރުމަށް ފަހު މިހާރު ވޯކްޝޮޕެއް ހިންގާ މީހެއް. ނަމަވެސް އަޅުގަނޑު ކިޔަވަން ބޭނުންވަނީ އިންޖިނިއަރިންއޭ އެންމެ ފުރަތަމަ ބުނި ހިސާބުން އާއިލާގެ މާ ބޮޑު ރުހުމެއް އެކަމަކަށްނުލިބުނު،" ދެ ކުދިން ހިމެނޭ އާއިލާގައި ދޮއްޓަށް ހުރި ސާދާ ބުންޏެވެ. "ސައިންސް ކިޔަވަން ޝައުގުވެރިވީ އެންމެ ކުޑައިރުވެސް އަޅުގަނޑަކީ ކަންތައް ހިނގާ ގޮތާއި ކަމެއް ހިނގާ ނުހިނގާ ގޮތް ބަަލަން ވަރަށް ޝައުގުވެރިވާ މީހެއް. ކަންކަން ޑިސްކަވާކުރަން ވަރަށް ޝައުގުވެރިވާ މީހެއް. ކުޑައިރުއްސުރެން ފެށިގެން ބައްޕަ އިންޖިނިއަރިންގެ މަސައްކަތް ކުރާތަން ފެނިގެން ބޮޑަށް ޝައުގުވެރިވެފައި ހުރީ މިކަހަލަ މަސައްކަތްތަކަށް،"
ސާދާ ބުނި ގޮތުގައި އަންހެން އިންޖިނޭރަކަށްވެގެން އޭނާއަށް ކުރިމަތިވާ އެއްވެސް ގޮންޖެހުމެއް ނެތެވެ. އެކަމަކު އަބަދުވެސް އިވޭ އަޑަކީ މިފަދަ ވަޒީފާތައް އަންހެނުންނާ ނުގުޅޭ ވާހަކަ އާއި "ފިރިހެނުންނަށް ހާއްސަ މަސައްކަތް" އަންހެނުން ކުރުން މާ ރީއްޗެއް ނުވާނޭ ބުނާ އަޑެވެ. ނަމަވެސް ސާދާ ބުނަނީ އަންހެނަކަށް ވެގެން ވެސް ފިރިހެނަކަށް ވެގެން ވެސް ނުކުރެވޭނެ ކަމެއް ނޯންނާނެ އެވެ. ކުރަން ޖެހޭ ކަމަކީ ހިނދުކޮޅެއްގެ ތެރޭގައި ވިސްނުން ބަދަލުކޮށްލުމެވެ.
"އަންހެނަކަށް ވެގެން ނޫނީ ފިރިހެނަކަށް ވެގެން ވެސް ނުކުރެވޭނެ ކަމެއް ނޯންނާނެ. އެއީ އެ މީހެއްގެ ވިސްނުން ހުންނަ ގޮތަކަށް ބިނާވެފައި އޮންނަ ކަމެއް،" ގާތްގަނޑަކަށް 800 އެއްހާ މީހުން އުޅޭ ސްޓެލްކޯގައި ފިރިހެނުންނާއެކު ފަސޭހަ ކަމާއެކު މަސައްކަތްކުރަމުން އަންނަ ޒުވާން އިންޖިނޭރު ބުންޏެވެ. "ވާގޮތަކީ ކުޑައިރު ވިސްނައި ދެވިފައި މި އޮންނަނީ އިންޖިނިއަރުންނަކީ ފިރިހެނުންނޭ ޑޮކްޓަރުންނަކީ އަންހެނުންނޭ. އެކަމަކު އެޑިއުކޭޓެޑް ޕޭރަންޓުން މަޖުބޫރެއް ނުކުރޭކަން ނޭނގެ އަންހެން ދަރިން ވަކި ދާއިރާއަކުން ކުދިން ކުރިއަށްދާކަށް، އަޅުގަނޑުމީ އިންޖިނޭރެއް، އަޅުގަނޑުމީ އަންހެނެއް އަޅުގަނޑަށް މިކަން ކުރެވޭ،"