އަންހެނުންގެ ދުވަސް

ކަނބަލުންނަށް ފުރުސަތު ހޯދައި ދިނުމުގައި މި ސަރުކާރު ހީވާގި

"އެއީ އަންހެނެއްނު އޭނައަކަށް ނުވާނެ!" މިއީ މިހާރުވެސް ދިވެހި މުޖުތަމައު ތެރޭގައި ނޯންނަ ވާހަކައެއްކޭ ބުނެވޭކަށް އަދިއެއް ނެތެވެ. އަންހެނަކަށް ވީތީ ނުވާނެ ކަންކަމުގެ ދިގު ލިސްޓެއް ކިޔާލަން ވަރަށް ފަރިތަ މީހުން އަދިވެސް އުޅެ އެވެ. ކޮންމެވެސް ސިފައެއްގައި އަންހެނުންގެ ކުރިއެރުމަށް ހުރަސް އަޅާ މީހުންނާއި މަސައްކަތް ކުރުމާއި ވަޒީފާ އަދާ ކުރުމާއި އުނގެނުމުގައި ޖިންސުގެ ހަމަހަމަ ކަމާމެދު ސުވާލު އުފައްދާ މީހުން އަދިވެސް އުޅެ އެވެ.

ނަމަވެސް ހަލުއި މިނުގައި ގައުމު ތަރައްގީކޮށް ކުރިއަރުވައި އިގްތިސޯދީ ކުރިއެރުން ހޯދުމުގަ އާއި އިޖްތިމާއީ ފޭރާން ރަނގަޅު ކުރުމާއި ދުޅަހެޔޮ ވެއްޓެއް އޮތް މުޖުތަމައެއް ބިނާ ކުރުމަށް އަންހެނުންގެ ހިއްސާއަކީ ފިރިހެނުނެކޭ އެއްވަރަށް ހަމަހަމަ ކަމެކެވެ. މިކަންކަމުގައި އަންހެނަކަށްވީތީ ނުވާނެ ކަމެއް އޮވެގެނެއް ނުވާނެ އެވެ.

ތަފާތު ކުރުމެއް ނެތި ރައްޔިތުންނަށް ފައިދާ ހުރި ނަތީޖާތައް ނެރުމަށް ގައުމުގެ އިސް ފަންތިތަކުގަ އާއި މައްސަލަތަކުގައި ގޮތް ނިންމުމުގައި އަންހެނުންގެ ބައިވެރިވުން ވަރަށް މުހިންމެވެ. ވިޔަފާރީގެ ދާއިރާ އާއި ސިޔާސީ ދާއިރާ އަދި އިޖްތިމާއީ މުހިންމު ކަންކަމުގައި ވެސް އަންހެނުން އިސް ސަފަށް ނެރުމަކީ ވެސް މިހާރު ބާރު އަޅާ ކަމެކެވެ. އޭގެ އެއް ސަބަބަކީ ވަކި ޖިންސަކަށް ނުބަލާ ހަމަހަމައަށް ފައިދާވާ ފަދަ ނަތީޖާ ނެރުމެވެ. އެގޮތަށް އަމަލުކޮށްގެން ގައުމުތަކުން ވަނީ ގޮންޖެހުންތައް ގިރާކޮށް ތަރައްގީގެ އާ ހަރުފަތްތަކަކަށް ދަތުރުކޮށްފަ އެވެ.

އެ ތަރައްގީ ހޯދައި އަންހެނަށް ހުރި ގޮންޖެހުންތައް ނައްތާލައި ބާރު ވެރި ކުރުވުމަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވަރުގަދަ އަދި ވަރަށް ބޮޑު އަމާޒެކެވެ. އެގޮތުން ވޭތުވެދިޔަ ތިން އަހަރު ތެރޭގައި އަންހެނުން ބާރު ވެރި ކުރުމަށް ގިނަ މަސައްކަތްތަކެއްކޮށްފައި ވެއެވެ. ރައީސް ޔާމީން ވެސް ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ބަޔަކީ އަންހެނުން ކަމަށެވެ. އަދި އެ މީހުންގެ ހައްގުތައް ހޯދައިދީ، އެކި ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރެވޭނެ ގޮތްތައް ހޯދައި އަމަލު ކުރައްވާނެ ކަމަށެވެ.

"އަންހެނުން ބާރުވެރިކުރުވުމުގެ ވާހަކަ އަޅުގަނޑުމެން ދައްކަން. އަންހެނުން އިގްތިސޯދީގޮތުން ފުދުންތެރި ބަޔަކަށް ހަދާ، އަމިއްލަ ފައިމައްޗަށް ތެދުވެ ތިބޭ ބައެއް ކަމުގައި ހަދާ ވާހަކަ ވެސް އަޅުގަނޑުމެން ދައްކަން. ހަމައެކަނި މި ދައްކަނީކީ އަންހެނުންގެ ހަވާސާވެފައި ހުރި ހައްގުތަކެއް ހޯދައިދޭ ވާހަކައެއް ނޫން. ޝައްކެއްވެސްނެތް ގޮތުގައި އެންމެ މުހިންމު ކަމަކީ އެއީ އަންހެނުންގެ ހައްގުތަކުން، އަންހެނުން ހަވާސާ ނުވިނަމަވެސް، އަންހެނުންނަކީ ބާރުވެރި ބަޔެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެނުން،" ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެފައިވެ އެވެ.

އަންހެނުންގެ ހައްގުތައް ކަށަވަރު ކުރުމަށް ރާއްޖެ ބައިވެރިވާ ޖަމިއްޔާ ޖަމާއަތްތަކުން އެންމެ ބޮޑަށް ބާރު އެޅި އެއް ކަމަކީ ގާނޫނުގެ ތެރެއިން އަންހެނުންގެ ކުރިއެރުމަށް ހުރި ހުރަސްތައް ނައްތާލުމެވެ. އެގޮތުން މިހާރުގެ ގާނޫން އަސާސީ އައި ފަހުން ފުރަތަމަ ފަހަރަށް އަންހެނުންގެ ހައްގުގައި ޖެންޑާ އީކުއަލިޓީ ބިލެއް ނުވަތަ ޖިންސީ ހަމަހަމަ ކަމާ ބެހޭ ބިލެއް ރައްޔިތުން މަޖިލީހުން ފާސް ކުރި އެވެ. އެ ބިލު ގާނޫނަކަށް ބަދަލުވެގެން އައިއިރު އަންހެނުންނާ ފިރިހެނުން ތަފާތުކުރުމަށް ބާރުއަޅާ ވިސްނުންތަކާއި ފިކުރުތަކާއި އުސޫލުތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް މަގުފަހި ކުރުމާއި، އިގްތިސާދީ، އިޖުތިމާއީ، ސަގާފީ އަދި މަދަނީ ގޮތުން ފިރިހެނުންނާއި އެއް ހަމައެއްގައި އަންހެނުންނަށް ވެސް ފުރުސަތު ލިބިގެންވާކަން ކަށަވަރު ކުރެއެވެ. އޭގެ އިތުރުން އެ ބިލުން އަންހެނުންނާއި ފިރިހެނުން ވެސް ބާރުވެރި ކުރެވޭނެ ފަދަ މާހައުލެއް ގާއިމްކޮށް، ދެ ޖިންސުގެ މީހުންނަށް ހަމަހަމަ ފުރުސަތެއް ފަހިކޮށްދިނުމަށް ވެސް ބުނެފައިވެ އެވެ.

"ޖެންޑާ އީކުއަލިޓީ ބިލުގެ މަސައްކަތަކީ ރައްޔިތުން މަޖިލީހުގައި ގިނަ ދުވަސްތަކެއް އޮވެ އެކަމާ ގުޅޭ ގިނަ ފަރާތްތައް ހާޒިރުކޮށްގެން މެންބަރުންކޮށްފައިވާ ބުރަ މަސައްކަތެއް. އެ ބިލު ތަޅުމުން ފާސްވެ މިއަދު ގާނޫނަކަށް ވެފައި އެ ވަނީ ވަރަށް ވެސް ފުރިހަމަކޮށް. އަދި ގާނޫނުގެ ތެރެއިން އަންހެނުންގެ ހައްގުތައް ކަށަވަރު ކުރަން ޖެހޭ އެންމެ ފުރިހަމަ މިނަށް އެ ހުރީ އެކަންކޮށްފައި. އެއީ މިސާރުކާރުން އަންހެނުންގެ ތަރައްގީއަށް ކުރައްވާ ބުރަ މަސައްކަތުގެ ނަތީޖާ އެ ފެންނަނީ. މި ސަރުކާރާ އެއްވަރަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކޮށްފައިވާ އެހެން ބަޔަކު ނެތް،" ރައްޔިތުން މަޖިލީހުގެ މެންބަރަކު ވިދާޅުވި އެވެ.

އިސް މަގާމުތަކާއި އަންހެނުންގެ ހިއްސާ ބޮޑު ކުރުމާއި ވަޒީފާގެ މާހައުލުގައި ހުރި ތަފާތު ކުރުންތައް ނައްތާލުމަށް މި ސަރުކާރުން ވަނީ ކުންފުނިތަކުގެ ބޯޑުތަކުގައި އަންހެނުންގެ ޕަސެންޓް 20 ޕަސަންޓަށް ބަދަލުކޮށްފަ އެވެ. އަދި ރައީސް ޔާމީންގެ މެނިފެސްޓޯގެ ދަށުން ބޯޑުތަކުގައި އަންހެނުންގެ ހިއްސާ 40 ޕަސެންޓަށް ހައްދަވައިދެއްވާނެ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. މިހާރުވެސް ސިޔާސީ މަގާމުތަކާއި ކުންފުނިތަކުގެ އިސްވެރިންގެ ގޮތުގައި ރައީސް ޔާމީން ވަނީ ގިނަ އަންހެން ކަނބަލުން ހިމަނުއްވާފަ އެވެ. އެގޮތުން ރައީސްގެ ލީގަލް އެޑްވައިޒަރުގެ ގޮތުގައި ހަމަޖައްސާފައި ވަނީ އައިޝަރު އާޒިމާ ޝުކޫރެވެ. އަދި ކެބިނެޓުގައި މިނިސްޓަރުންގެ މަގާމުގައި ޑރ. އައިޝަތު ޝިހާމާއި އިރުތިޝާމް އާދަމް އާއި، ޒެނީޝާ ޝަހީދު ޒަކީ ހިމެނި ވަޑައިގަންނަވަ އެވެ. އަދި ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންގެ މަގާމުގައި 25 އަށް ވުރެ ގިނަ އަންހެން ބޭފުޅުން ހިމެނި ވަޑައިގަންނަވަ އެވެ. އޭގެ އިތުރުން ޕްރޮސެކިއުޓާ ޖެނަރަލްއަކަށް ހަމަޖައްސާފައިވަނީ ވެސް އަންހެން ކަނބަލެކެވެ.

ޖެންޑާ މިނިސްޓްރީއިން އަންހެނުންގެ ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ބަލާ އިރު އަންހެނުންނަށް ގިނަ ފުރުސަތުތައް ހޯދައިދީ ކުރި އެރުވުމަށް ގިނަ މަސައްކަތްތަކެއްކޮށްފައިވެއެވެ. ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ހަރުދަނާކުރުމާއި އަންހެނުންނާއި މެދު ދެކޭ ގޮތް ރަނގަޅު ކުރުމަށް ވޯކްޝޮޕްތައް ބާއްވާ ވިޔަފާރީގެ ދާއިރާއަށް ވަނުމަށް ކަނބަލުންނަށް ހާއްސަ ސެޝަންތަކެއް ވަނީ ބާއްވާފައެވެ.

"އަންހެނުން ބާރުވެރި ކުރުމަށްޓަކައި ބައިވެރު މަސައްކަތްތަކެއް ކުރެވިފައި އެބަހުރި. ޖެންޑާ މިނިސްޓްރީއިން ފުދޭ ވަރެއްގެ ރަނގަޅު މަސައްކަތްތަކެއް އެބަ ކުރައްވާ. ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީވެސް ހިމެނޭ ގޮތަށް އަޅުގަނޑު ފާހަގަ ކުރަން ބޭނުން އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމާއި އަންހެނުންނަށް ވަޒީފާގެ މާހައުލުގައި ހުރި ތަފާތު ކުރުންތަކާއި ގޮންޖެހުންތައް ނައްތާލުމަށް ބުރަ މަސައްކަތްތަކެއް އެބަ ކުރޭ. އަޅުގަނޑު ގަބޫލު ކުރަން ކުރީގަ މިދިޔަ އަހަރުތަކާ ބަލާފައި މިހާރު ވަރަށް ރަނގަޅު ކުރިއެރުމެއްކަން އައިސްފައި މިހުރީ އެ ފުރުސަތުތައް ފަހިކޮށްދޭން ވެސް ހާއްސަ ފިޔަވަޅުތަކެއް ވަނީ އެޅިފައި،" ސަރުކާރުގެ އިސްމަގާމެއް އަދާކުރައްވަނުން އަންނަ އަންހެން ކަނބަލެއް "އަވަސް" އަށް ވިދާޅުވި އެވެ.

ކޮންމެއަކަސް ޒަމާންތަކެއް ވަންދެއް ގެދޮރުގައި ފޮރުވިފައިތިބި އަންހެނުން ހިތްވަރާ އެކު ގައުމީ މަސައްކަތުގައި ނިކުމެ އުޅޭތަން މިހާރު ރާއްޖޭގައި ވެސް ފެންނަން ފަށައިފި އެވެ. ފިރިހެނުންނެކޭ އެއް ފަދައިން އަންހެނުންނަށް ވެސް ކަންކަން ވާނެކަން ދާދި ފަހުން ވެސް ވަނީ ދައްކާފަ އެވެ. އެގޮތުން ފިސާރި ކަނބަލުންގެ ނަމުގައި ފަސްޓްލޭޑީ މެޑަމް ފާތުމަތު އިބްރާހިމް ބޭއްވި މައުރަޒަށް ފަހު އެ ކަނބަލުންނާ މެދު ދެކެމުން އައި ގޮތް މުޅިން ބަދަލުކޮށްލި އެވެ.

"އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކީ ބަލިކަށި މީހެއް ގޮތުގައި ގަބޫލުކޮށްގެން ނުވާނެ. އަޅުގަނޑުމެންނަކީ ގޯނާތަކާއި ފޮށުމާ ފުރައްސާރާގެ ހަމަލާތައް އެންމެ ގިނައިން އަމާޒުވާ ފަރާތްތައް. އެފަދަ ދަނޑިވަޅުތަކުގައި އަޅުގަނޑުމެން ބަލިކަށިވެއްޖެ ނަމަ ދެން ކަންތައްތައް ވެފައި ހުރި ހިތި ގޮތްތައް ވެސް މި މުޖުތަމައުން ފެނިފައިވޭ. އެހެންކަމުން ހިތް ވަރާއި ކެތްތެރިކަން ހުރެގެން އެ ބާރުތައް ގާނޫނީ ގޮތުންނާއި އާއިލާއާ މުޖުތަމައުގެ ތެރެއިން ހޯދަން ޖެހޭ،" މެޑަމް ފާތުން ވަނީ ވިދާޅުވި އެވެ.