އަންހެނުންގެ ދުވަސް

އިސް މަގާމުތަކަށް އަންހެނުން ފަސްޖެހެންޖެހޭ ސަބަބެއް އެބައޮތްތަ؟

ހެދިފައިވާ ތަފާތު ރިޕޯޓްތައް ދައްކާ ގޮތުގައި ތައުލީމީ ގޮތުން ރަނގަޅު ނަތީޖާއެއް އަބަދުވެސް ނެރެނީ އަންހެން ކުދިންނެވެ. ފިރިހެން ކުދިންނަށްވުރެ ރަނގަޅު ނަތީޖާ ނެރުމުގައި އަންހެން ކުދިން މާކުރީގައި އުޅޭއިރު، މަތީ ތައުލީމް ހާސިލުކުރާ އަންހެނުންގެ ނިސްބަތް ވެސް ރާއްޖޭގައި ވަރަށް މައްޗެވެ. ނަމަވެސް އޭގެ ތެރެއިން ފެންނަނީ ވަރަށް މަދު އަންހެނެކެވެ. ގިނައީ ފިރިހެނެއްގެ ނިވާ ފަތްގަނޑުގެ ދަށަށް ވަންނަ އަންހެނުންނެވެ. އެހެންވަނީ ކީއްވެ ހެއްޔެވެ؟

ރާއްޖޭގައި އަންހެނުންނަށް ފުރުސަތުތައް ވަރަށް ގިނަ އެވެ. ކުރިމަތިނުލެވޭ މަގާމެއް ދާއިރާއެއް ނެތެވެ. އެކަން އެނގިގެން ދަނީ ރާއްޖޭގެ އެންމެ މުހިންމު ބައެއް މަގާމުތަކުގައި ވެސް މިހާރު އަންހެން ބޭފުޅުން ތިއްބެވުމެވެ. އެގޮތުން އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އަދާމާއި ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމާއި ޔޫތް މިނިސްޓަރު އިރްތިޝާމް އާދަމަކީ ފާހަގަކޮށްލެވޭ ބޭފުޅުންނެވެ.

ނަމަވެސް އެފަދަ ކަނބަލުން މަދެވެ. ސަރުކާރުން އަންހެނުނަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ދިނުމުގެ ސިޔާސަތެއް ގެންގުޅޭއިރު ސަރުކާރާއި ކުންފުނިތަކުގެ އިސް މަގާމުތަކަށް ބަލާލާއިރު ފިރިހެނުންނާ އަޅާ ބަލާއިރު އަންހެނުންގެ އިންސައްތަ ކުޑަވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މިހެން ދިމާވަނީ ކީއްވެބާ އެވެ؟ އެވަރުގެ އަންހެނުން ހަމަ ނެތީބާވަ އެވެ؟ ފުރުސަތުތައް ނެތީ ހެއްޔެވެ؟

"އަންހެނަކަށް ވީތީ ކުރިމަތިނުލެވޭ މަގާމެއް ނެތް، އެވަރުގެ ތައުލީމީ އަންހެނުން ވެސް އެބަތިބި، އެހެން ކަމުން މަގާމުތައް އަންހެނުންނަށް ނުފުރެންވީ ސަބަބެއް ނެތް، މިސާލަކަށް ދަންނަވާނަމަ އަޅުގަނޑު މިހާރު މިހުރި މަގާމަކީ މީގެ ކުރިން ދެ ފިރިހެން ބޭފުޅުން ފުރުއްވި މަގާމެއް، އެކަމަކު އެ ބޭފުުންނާ އަޅުގަނޑަށް ފައި ހަމަކުރެވޭތީ ދެއްތޯ މަގާމުގެ މަސްއޫލިއްޔަތުތައް އަޅުގަނޑަށް މި އަދާކުރެވެނީ، އެފަދަ ހަމަ ފާހަގަކޮށްލެވޭ ވަރަށް ގިނަ މަގާމުތައް އެބަހުރި،" ފުރަތަމަ އަންހެން ޕީޖީ އައިޝަތު ބިޝާމް ވިދާޅުވި އެވެ.

ރާއްޖޭގައި މަސައްކަތުގެ ދާއިރާގައި އަންހެނުންނާމެދު ތަފާތުކުރުންތައް ގެންގުޅޭ ކަމަށް އަބަދުވެސް ވާހަކަތައް ދެކެވެ އެވެ. ވަޒީފާގެ މާހައުލުގައި އަންހެނުންނަށް ތަފާތު ޖިންސީ ފުރައްސާތައް ކުރިމަތިވުމަކީ ވެސް އަންހެނުންނަށް ފަހަތަށް ފިޔަވަޅު އަޅަން މެދުވެރިވާ ސަބަބެކެވެ. ނަމަވެސް އެކަން ހައްލުކުރުމަށް މިހާރު ގާނޫނުތަކެއް ވެސް ވަނީ ހަދާފަ އެވެ. ބިޝާމް ވިދާޅުވީ، ވަޒީފާގެ މާހައުލުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތައް ކުޑަކުރުމަށް ޖިންސީ ފުރައްސާރަ އާއި ޖިންސީ ކުށުގެ ގާނޫނާއި ޖެންޑާ އީކްއަލިޓީ ގާނޫނު ފަދަ ގާނޫނުތަކެއް ވުޖޫދަށް ގެނެވިފައިވާ ކަމަށެވެ. އެފަދަ ކަންކަމުގައި ފިޔަވަޅު ވެސް ދަނީ އަޅަމުންނެވެ. އެހެންކަމުން އަންހެނުން ކުރިއަށް ނިކުންނަންވީ ވަގުތު ނުޖެހޭ ހެއްޔެވެ؟

ބިޝާމް ވިދާޅުވީ، އަންހެނުންގެ އިސް މަގާމުތަކުގައި ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި، އޮފީސްތަކުގައި ވެސް މުވައްޒަފުންގެ ނިސްބަތް ހަމަހަމަވުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ޕީޖީ އޮފީހުގައި ވެސް 142 މުވައްޒަފުން ތިބިއިރު 81 މުވައްޒަފުންނަކީ އަންހެން މުވައްޒަފުން، ހަމަ ފުދޭވަރަކަށް ކޭޕަބަލް، ހަމަހަމަކަން ގެނައުމަކީ ވަރަށް މުހިންމު ކަމެއް، ވަރަށް ބޮޑަށް މަސައްކަތް ކުރަން ބެލެންސްކުރަން،" ބިޝާމް ވިދާޅުވި އެވެ.

އިސް މަގާމުތަކުގައި ތިބި އަންހެނުން މަދުއިރު އިންތިހާބީ މަގާމުތަކަށް ކުރިމަތިލާ އަންހެނުން ވެސް އެހާ ގިނައެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހަށް ބަލާލާއިރު ވެސް ފިރިހެނުންގެ ނިސްބަތާ އަޅާކިޔާއިރު އަންހެނުންގެ ނިސްބަތް ވަރަށް ކުޑަ އެވެ. ނަމަވެސް އެ އަންހެން މެންބަރުންނަކީ ފިރިހެން ބޭފުޅުންނާ ވާދަކޮށް އެ މަގާމުތަކަށް ވަޑައިގެންނެވި ބޭފުޅުންކަމުން އަންހެނުންނަށް އިންތިހާބުތައް ވެސް ކާމިޔާބުކުރެވޭނެކަން އެނގެ އެވެ. އަންހެނުންނަށް ހުރީ ގޮންޖެހުންތަކެކެވެ.

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެފައިވާ ގޮތުގައި، އަންހެނުންނަށް ސިޔާސީ ދާއިރާގައި އޮތް އެންމެ ބޮޑު އެއް ހުރަހަކީ، ރާއްޖޭގެ ރަށްތައް ޖޯގްރަފީގެ ގޮތުން ބެހިފައިވާ ގޮތުން، ދަތުރުފަތުރު ކުރުމަށް އުނދަގޫވުމެވެ. މުޖުތަމައުގައި އަންހެނުންގެ ދައުރު ކަމަށް އާންމުކޮށް ގަބޫލުކުރެވިފައިވާ ސަގާފީ ދައުރުތަކެއް ހުރުމުންނާއި އެ ވިސްނުން އަދިވެސް މުޖުތަމައުގައި އޮތުމަކީ ވެސް އަންހެނުންނަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ދުންޔާ ވިދާޅުވެފައިވެ އެވެ.

"ޕާޓީގެ ބައްދަލުވުންތަކާއި ތަމްރީނުތަކުގައި ބައިވެރިވުމަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަކީ ރާއްޖޭގައި އުނދަގޫކަމެއް، ބޮޑަށް އެކަން ދިމާވަނީ، އާއިލާތަކުގައި އަންހެނުން އަދާކުރަންޖެހޭ ދައުރާ ހެދި،" ދުންޔާ ވިދާޅުވި އެވެ.

ބިޝާމް ވިދާޅުވީ، އަންހެނުން ޖެހޭނީ އެފަދަ ގޮންޖެހުންތަކާ ހިތްވަރާއެކު ކުރިމަތިލައި ކެރިގެން ކުރިއަށް ދާން ކަމަށެވެ. ވަރުގަދަ އަޒުމަކާއެކު އަންހެނުން ކެރިގެން ނިކުމެއްޖެނަމަ އަންހެނުނަކީ ފިރިހެނުނަށް ވަކި ދޫކުރާނެ ބައެއް ނޫން ކަމަށެވެ. އެވަރުގެ ތައުލީމީ ކުޅަދާނަ ޒުވާން އަންހެނުން ވެސް ރާއްޖޭގައި އެބަތިބި ކަމަށް ބިޝާމް ވިދާޅުވި އެވެ. ވަޒީފާތަކަށް ހުޅުވާލުމުން ކުރިމަތިލާ އަންހެނުންގެ ނިސްބަތަށް ބަލާލުމުން ވެސް އެކަން އެނގޭ ކަމަށް ވިދާޅުވި އެވެ.

ބިޝާމް ވިދާޅުވީ، އިސް މަގާމުތަކުގައި ތިބޭއިރު ތަފާތު ކަންކަމާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އެގޮތުން އެކަމަނާއަށް ވެސް އެފަދަ ކަންކަމާ ކުރިމަތިލާން ޖެހުނު ކަމަށާއި ނަމަވެސް އެކަމާ ހިތްވަރާއެކު ކުރިމަތިލައި ކުރިއަށް ވަޑައިގަތީ ކަމަށް ވިދާޅުވި އެވެ.

"ކެރިއާގައި ކުރިމަތިލާން އަޅުގަނޑަށް ގޮންޖެހުންތަކެއް ކުރި މައްޗެއް ނުވޭ އެކަމަކު މިއަދާ ހަމައަށް އާދެވުނުއިރު މި މަގާމާ ހަމައަށް އާދެވުނުއިރު އަޅުގަނޑަށް ފާހަގަވި އެއްޗަކީ އަންހެނުން އިސް މަގާމުތަކުގައި ތިބޭ ކަމަށްވަންޏާ ފިއްތުންތައް ކުރިމަތިކުރަން މަސައްކަތް ކުރާ ބަޔަކު އުޅޭކަން، އަޅުގަނޑަށް މިވީހާ ދުވަހު ދަސްވި އެއްޗަކީ އަޅުގަނޑުގެ އެނެމީސްއާ ދެކޮޅަށް ތެދުވުމަށް ހިތްވަރެއް ބޭނުންވާކަން، ވަރަށް ވަރުގަދަ ހިތްވަރަކާއި އަޒުމެއް، އެ ހިތްވަރާއި އަޒުމާ އެކީގަ އަޅުގަނޑަށް މިހާ ހިސާބަށް އާދެވިފަ މިހުރީ،" މި ސަރުކާރާއި ކުރީގެ ތިން ސަރުކާރުގައި ވެސް އިސް މަގާމުތަކެއް ފުރުއްވި ބިޝާމް ވިދާޅުވި އެވެ.

ބިޝާމް ވިދާޅުވާ ގޮތަށް ގައުމެއްގެ ދެމެހެއްޓެނެވި ތަރައްގީއަށް އަންހެނުންގެ ހިއްސާ އާއި ބައިވެރިވުން ވަަރަށް މުހިންމެވެ. އެހެންކަމުން މިހާރަށްވުރެ ބޮޑަށް އަންހެނުން ވަނީ ނިކުންނަން ޖެހިފަ އެވެ. އިސް މަގާމުތަކަށާއި އިންތިހާބީ މަގާމުތަކަށް ވެސް ކުރިމަތިލާން ޖެހިފަ އެވެ. މީގެކުރިން އޮތްހާ ގޮންޖެހުންތައް މިހާރު ނެތެވެ. ހަމަ އެހެންމެ އަންހެނުންނަށް ފުރުސަތުތައް ވެސް ވަރަށް ގިނަ އެވެ.