ކަނޑުމަތީގެ ހާދިސާ

ގިނަ އަދަދަކަށް މީހުން އަރުވައިގެން ދަތުރުކުރި ލޯންޗެއް ފަރަށް އަރައިފި

Sep 30, 2016

ލޯންޗުގެ ޖާގައަށް ވުރެ އިތުރަށް މީހުން އަރުވައިގެން ކ. ގުރައިދޫއިން ފުރައިގެން ހިންމަފުއްޓަށް ދަތުރުކުރި ލޯންޗެއް ގުރައިދޫ އިރުމަތީ ފަރާތު ފަރަށް އެރުމާއި ގުޅިގެން އެމްއެންޑީއެފުން ލޯންޗު ފުންކުރުމުގެ މަސައްކަތް ކޮށްފި އެވެ.

ލޯންޗު ފަރަށް އެރީ 63 މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށެވެ. ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

އެމްއެންޑީއެފުން ބުނީ، ލޯންޗެއް ގުރައިދޫ ފަރަށް އެރިކަމުގެ މައުލޫމާތެއް މިރޭ 18:47 ހާއިރު ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑުން އެސަރަހަށްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. ފަރަށް އަރާފައިވާ ލޯންޗްގައި ތިބި މީހުން ލޯންޗުން ބޭލުމަށްފަހު ކޯސްޓްގާޑް ކްރާފްޓުން އެލޯންޗުގެ ކެޕްޓަނާއި ފަޅުވެރިން ފިޔަވާ ލޯންޗުން ދަތުރުކުރި 61 މީހަކު ވަނީ ގުރައިދޫއަށް ގެންގޮސްދީފައިވާ ކަމަށެވެ.

"ޝަރޫ ލޯންޗް ސާވިސް" ނަމަކަށް ކިޔާ އެ ލޯންޗްގައި ސަލާމަތީ އެއްވެސް ކަމެއް ފުރިހަމަކޮށްފައި ނުވާކަން ބެލި ބެލުމުން ފާހަގަވެފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެގޮތުން ލޯންޗުގެ ރަޖިސްޓްރީ ފެންނަން ނެތުމާއި އެއުޅަނދުގައި މީހުން އުފުލޭ ވަރަށްވުރެ އިތުރަށް މީހުން އަރުވާފައިވާކަން ވެސް ވަނީ ފާހަގަ ކުރެވިފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އެ ލޯންޗުން ދަތުރުކުރި 61 މީހުން ގުރައިދޫ އިން ހިންމަފުއްޓަށް ގެންދިއުމުގެ މަސައްކަތް އެމްއެންޑީއެފުން މިހާރު ދަނީ ކުރަމުންނެވެ. ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު، ފަރަށްއެރި ލޯންޗް އެމްއެންޑީއެފްގެ ޑައިވަރުންގެ އެހީތެރިކަމާއެކު ފުންކޮށް މިހާރު ވަނީ ގުރައިދޫ ފަޅަށް ވައްދާފައެވެ.