ހަބަރު

"ބާޣީ" އަށް ގޮވިކަން ސާބިތު ކޮށްދީފިނަމަ އިސްތިއުފާދޭނަން: ތޮލާލް

Feb 28, 2015
1

ފުލުހުންނާ ދިމާލަށް، "ބާޣީ"އަށް ގޮވި ކަމަށް ސާބިތުކޮށްދީފި ނަމަ ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވަގުތުން އިސްތިއުފާ ދެއްވާނެ ކަމަށް އެ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.

ފުލުހުން ބުނީ ދޫނިދޫގައި ހައްޔަރުކޮށްފައި އިންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެޗްއާރުސީއެމްގެ މެންބަރުން ޒިޔާރަތް ކުރުމަށް ފަހު ދޫނިދޫ އިން އެނބުރި ވަޑައިގަތް މަގުމަތީގައި ތޮލާލް ވަނީ، "ތިއީ ބާޣީންނޭ" ވިދާޅުވެ ލޯންޗްގައި ތިއްބެއްވި ފުލުހުންނާ ދިމާކޮށްފައި ކަމަށެވެ.

އެ މައްސަލަ މިހާރު ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވެސް ފުލުހުން ހުށަހަޅައިފަ އެވެ.

އެތުހުމަތުތައް ދޮގު ކުރައްވަމުން ތޮލާލް ރޭ ކުރެއްވި ޓްވީޓްތަކުގައި ވިދާޅުވީ ފުލުހުން ފަދަ މުއައްސަސާއަކުން ބޮޑު ދޮގެއް ހަދައި ފެތުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އަދި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ ދޮގެއްކަން ސާބިތު ކުރެވޭ ވަރުގެ ހެކިން އެބަތިބި ކަމަށް ތޮލާލް ވިދާޅުވި އެވެ. އަދި މަޖިލީހުން އެކަން ނިންމުމުގައި އެކަންކަމަށް ރިއާޔަތް ކުރަނީ ކިހާ ވަރަކަށްތޯ ބަލަން ހުންނެވި ކަމަށް ވެސް ތޮލާލު ވަނީ ވިދާޅުވެފަ އެވެ. ފުލުހުންގެ އެ އަމަލުގެ ސަބަބުން އޭނާ އާއި އާއިލާއަށް އުނދަގުލާއި އިންޒާރުތަކާ ކުރިމަތިވެފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ތޮލާލް އެކަން ސިފަ ކުރެއްވީ އެއީ ސިޔާސީ ގޮތުން އޭނާގެ މައްޗަށް ކުރި ތުހުމަތެއް ކަމަށެވެ.

"މިކަންކަން އަޅުގަނޑު ރިޕޯޓް ކުރާނީ ކޮންބަޔަކަށްތޯ؟" ތޮލާލްގެ ޓްވީޓްގައިވެ އެވެ. "އެޗްއާރުސީއެމްގެ އިންޓަގްރިޓީ އަހަންނަށް ވުރެ މުހިންމު، އެކަން އަހަރެންގެ މައްޗަށް ސާބިތުވެއްޖެ ނަމަ އުފަލުން ވަގުތުން އިސްތިއުފާ ދޭނަން. އެކަމަކު ފުލުހުން ހެދީ ދޮގެއްކަން ސާބިތުވެއްޖެ ނަމަ ކާކުތޯ އިސްތިއުފާދޭނީ،"

އޭނާ އަދިވެސް ވިދާޅުވެފައި ވަނީ ދޮގު އިލްޒާމަކުން ސިޔާސީ ގޮތުން އޭނާ ކުރާ މަސައްކަތް ހުއްޓުވައި ނުލެވޭނެ ކަމަށާއި އަދި އެކަމުގެ ސަބަބުން އޭނާގެ އިންޓަގްރިޓީއަށް ވެސް ބުރުލެއް އަރުވައި ނުލެވޭނެ ކަމަށެވެ.

ރައީސް ނަޝީދު ކޯޓަށް ހާޒިރުކުރުމުގެ ތެރޭގައި އެމަނިކުފާނު ގަދަ ހެއްދެވުމުން ހިނގި ހަމަނުޖެހުންތަކުގެ މައްސަލަ އެޗްއާރްސީއެމް އިން ތަހުގީގު ކުރަނިކޮށް އެ ކޮމިޝަނުން ވަނީ ފުލުހުން އަމަލު ކުރީ ރަހުމް ކުޑަކޮށް ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ. އަދި އެ މައްސަލައިގައި ކޮމިޝަނުން ބުނެފައި ވަނީ މިނިވަން ޑޮކްޓަރަކަށް ދެއްކުމަށް އެޗްއާރުސީއެމް އިން އެދުމުން އެކަމަށް ފުލުހުން މަގުފަހި ކޮށްދީފައި ނުވާ ކަމަށެވެ.