ފާތިމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓެއިންމަންޓުން ނެރުމަށް ތައްޔާރުކުރަމުން އަންނަ ބިރުވެރި ފިލްމު "4426" އަކީ ޔަގީނަށް ވެސް މި އަހަރު ދިވެހި ސިނަމާ އަށް އަންނާނެ އެންމެ ބޮޑު ފިލްމެވެ. ފިލްމުގެ ނަމާއި ބަޖެޓާއި އޭގެ ތަރިން އަދި މި ފިލްމެއްގެ ދެ ޑައިރެކްޓަރުންނަށް ބެލި ނަމަވެސް އެކަން ހާމަވެގެންދެ އެވެ.
ކޮންމެއަކަަސް "4426" އަކަށް މި ވަނީ އެތައް ބައެއްގެ ޝައުގުވެރިކަން ދަމައިގެންފަ އެވެ. ނަހުލާގެ ފިލްމުގައި މިހާރު ވިއްކަމުން ދަނީ ނުވަ ވަނަ ޝޯގެ ޓިކެޓެވެ.
ނަހުލާ އާއި އަހުމަދު ޝިނާން ޑައިރެކްޓްކޮށްފައިވާ މި ފިލްމު މި މަހުގެ 18 ވަނަ ދުވަހު އޮލިމްޕަހުގެ ސިނަމާ އަށް އަންނާނީ 15 ދުވަހުގެ ޝޯއަށެވެ. އެ ރޭޓުން ފިލްމުގެ ޓިކެޓް ވިކޭ ނަމަ ޕްރިމިއާ ނައިޓަށް 15 ޝޯ ހައުސްފުލްވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ނަހުލާ އަކީ އާންމުކޮށް އޭނާގެ ފިލްމުތައް ޕްރިމިއާކުރުމުގެ ކުރިން 13 ޝޯ ހައުސްފުލްކުރާ ނަމެކެވެ. އޭނާގެ މިފަހަރުގެ އަމާޒަކީ ޕްރިމިއާ ނައިޓަށް 15 ޝޯ ވެސް ހައުސްފުލް ކުރުމެވެ.
"4426" ގެ ޕްރިމިއާ ނައިޓްގެ ޓިކެޓް ވިއްކީ 200 ރުފިޔާގެ ރޭޓުންނެވެ. އެއަށް ފަހު ޓިކެޓްތައް މިހާރު ވިއްކަމުން ދަނީ 100 ރުފިޔާގެ ރޭޓުގަ އެވެ.
މި ފިލްމަކީ 2009 ވަނަ އަހަރު ގެނެސްދިން ފިލްމު "ޔޫސުފް" އަށް ފަހު ނަހުލާގެ ޑައިރެކްޓަރެއްގެ ރޯލު އަދާކޮށްފައިވާ ފުރަތަމަ ފިލްމެވެ. އޭނާ ބުނަނީ މި ފިލްމު އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ ވަޅުޖެހިފައި އޮތް ފިލްމީ ދާއިރާ އަށް އާ ފޯރިއަކާއި ޖޯޝެއް ގެނެސްދިނުން ކަމަށެވެ.