ހަބަރު

އެމްޕީ ފަލާހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ސަރުކާރުން ދެމުން ގެންދާ ކާޑުގެ ސަބްސިޑީ ކޮންޓްރޯލްކުރުމާ ގުޅިގެން އެމްޑީޕީން މިރޭ ނަލަހިޔާ ކައިރިއަށް އެއްވި އެއްވުމުގެ ތެރެއިން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ފުލުހުންގެ ބެލުމުގެ ދަށަށް ފަލާހު މިރޭ ގެންދިޔަ ނަމަވެސް އޭނާ ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

އެމްޑީޕީއިން މިރޭ ނަލަހިޔާ ކައިރިއަށް އެއްވީ، ކާޑުގެ ސަބްސިޑީއަށް ކުއްލިއަކަށް ގެނައި ބަދަލު އަނބުރާ ގެންދިޔުމަށް ގޮވާލުމަށެވެ. އަދި ކާޑު ސަބްސިޑީ ކަނޑާލުމުން ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ބުނެ ބޯޑުތައް އެމްޑީޕީގެ ސަޕޯޓަރުން ވަނީ އެއްވުމުގައި ގެންގުޅިފަ އެވެ.

މިރޭ މާލޭގައި އެމްޑީޕީގެ ބައެއް ސަޕޯޓަރުން ކާޑު މައްސަލާގައި ޝުއޫރުކޮށްފައިވާއިރު މިއަދު ހަވީރު އައްޑޫގައި ވެސް އެކަމާ ދެކޮޅަށް އަޑު އުފުލާފައިވެ އެވެ. އަދި ރޭ ވެސް މާލޭގެ މާފަންނުގައި ބަޔަކު ޝުއޫރު ފާޅުކޮށްފައިވެ އެވެ.

ކާޑްގެ ސަބްސިޑީ ކޮންޓްރޯލް ކުރުމާ އެކު، 3.98 ރުފިޔާއަށް ވިއްކާ ހަޑޫ ކިލޯއެއް ދެން ވިއްކާނީ 7.96 ރުފިޔާއަށެވެ. އަދި ފުށް ކިލޯއެއްގެ އަގު، 5.96 ރުފިޔާ ބޮޑުވާނެ އެވެ. މިހާރު ވިއްކަނީ، 2.98 ރުފިޔާ އަށެވެ. އަދި ހަކުރު ކިލޯއެއްގެ އަގު ވަނީ ހަތަރު ރުފިޔާއިން އަށް ރުފިޔާއަށް ބޮޑުކޮށްފަ އެވެ.

އިއްޔެއިން ފެށިގެން ސަރުކާރުން ނިންމާފައިވަނީ ކާޑުގެ ސަބްސިޑީ ދޭނީ އެންސްޕާ މެދުވެރިކޮށް، އެންސްޕާގައި ފަގީރުންގެ ގޮތުގައި ރަޖިސްޓާކޮށްފައިވާ ފަރާތްތަކަށެވެ. އެއީ ބޮލަކަށް މަހަކު 40 ރުފިޔާ އެވެ. ގޭބިސީއަކަށް 240 ރުފިޔާ އެވެ.