ހަބަރު

އީސީގެ މެންބަރުންނާ ދެކޮޅަށް ދައުވާކުރާނެ ކަމަށް އަދާލަތުން ބުނެފި

އިލެކްޝަން ކޮމިޝަނުގެ ފަސް މެންބަރުންނާ ދެކޮޅަށް ދައުވާކުރާނެ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ. އެ ޕާޓީން އެގޮތަށް ބުނީ، ޕާޓީތަކަށް ލިބެންޖެހޭ ފައިސާތައް އިލެކްޝަން ކޮމިޝަނުން އަދިވެސް ދޫކޮށްފައިނުވާތީ އެވެ.

ރޭ އެމްޑީޕީގެ ހަރުގޭގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ، ދައުލަތުގެ ބަޖެޓުން މި އަހަރު ޕާޓީތަކަށް ދޫކުރަން ޖެހޭ ފައިސާ އަހަރު ނިމިގެންދާއިރު ވެސް ދޫކޮށްފައިނުވާތީ އިލެކްޝަނުގެ ފަސް މެންބަރުންގެ މައްޗަށް ދައުވާކުރާނެ ކަމަށެވެ.

ގާނޫނުގައި ބުނާ ގޮތުން އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޕާޓީތަކަށް އިލެކްޝަން ކޮމިޝަނުން ފައިސާ ދޭން ޖެހޭނެ އެވެ. އިލެކްޝަން ކޮމިޝަނުން މީގެކުރިން ބުނެފައިވަނީ، ޕާޓީތަކަށް ދޭން ޖެހޭ ފައިސާތައް ދިނުން ލަސްވެފައިވާތީ، ކަންބޮޑުވާ ކަމަށާއި ވަރަށް އަވަހަށް ފައިސާ ޕާޓީތަކަށް ދޭނެ ކަމަށެވެ. ފައިސާ ދިނުން ލަސްވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި ބައެއް އިސްލާހުތަކުގެ ސަބަބުންނެވެ.

އަލީ ޒާހިރު ވިދާޅުވީ، ގާނޫނުގައި ވަކި މުއްދަތެއް ފައިސާ ދިނުމަށް ކަނޑައަޅާފައިވާއިރު، ޕާޓީތަކަށް ފައިސާ ދޫނުކޮށް ހިފެހެއްޓުމަކީ ގާނޫނީ އިމުން ބޭރުން އިލެކްޝަނުގެ މެންބަރުން ކުރައްވާ ކަމެއް ކަމަށެވެ. އަދި ފައިސާ ނުލިބި އެތައް މަސްތަކެއް ވެގެންދާތީ ޕާޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށާއި އެ ގެއްލުންތަކުގެ ބަދަލު ހޯދުމަށް ވެސް ދައުވާކުރާނެ ކަމަށެވެ.

ފައިސާ ދޫކުރުން ލަސްވާ މައްސަލާގައި އެންމެފަހުން އިލެކްޝަނުން ބުނެފައިވަނީ، ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާ ދިނުމަށް ލަސްވަނީ އެމްޑީޕީއާއި ޑީއާރްޕީއިން ހުށަހެޅި ޕާޓީގެ މެންބަރުންގެ ފިންގާ ޕްރިންޓް ހަމަކުރަން ޖެހޭ މައްސަލަ ކޯޓުގައި އޮތުމާއި ގުޅިގެން ކަމަށެވެ. ނަމަވެސް އެންމެ ފަހުން މަޖިލީހުން ފާސްކުރި ގާނޫނުން އެކަމަށް ހައްލެއް ލިބިފައިވާތީ ވީހާވެސް އަވަހަށް ޕާޓީތަކަށް ފައިސާ ދޫކުރުމުގެ އިދާރީ އިންތިޒާމްތައް ހަމަޖައްސަމުން އަންނަ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން، އެ ބިލް ތަސްދީގު ކުރާތާ އެއް މަސްތެރޭގައި ފިންގާ ޕްރިންޓް ނެތް ޕާޓީގެ މެންބަރުންގެ ޕާޓީއިން ވަކިވާނެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ޖުމްލަ ބަޖެޓުން 0.1 އާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޭން ޖެހެ އެވެ. އަދި މި ފައިސާ ބަހާނީ ޕާޓީތަކުގެ މެންބަރުންގެ އަދަދަށް ބަލައިގެންނެވެ.