ރާއްޖެ ކުޅިވަރު

އޭއެފްސީގެ އެކްސްކޯ އަށް ޝަވީދު ކުރިމަތިލައްވަނީ

އޭޕްރީލް މަހު އޮންނަ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ)ގެ އިންތިހާބުގައި އެ އިދާރާގެ އެގްޒެކުޓިވް ކޮމެޓީ (އެކްސްކޯ)ގެ މެމްބަރުކަމަށް ކުރިމަތިލައްާނެ ކަމަށް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަން މުހައްމަދު ޝަވީދު މިއަދު ވިދާޅުވެއްޖެ އެވެ.

ހޮޓެލް ޖެންގައި މިއަދު އޮތް އެފްއޭއެމްގެ ކޮންގުރެސް އަށް ފަހު ޝަވީދު ވިދާޅުވީ ދެކުނު އޭޝިއާގެ ފުޓްބޯޅައިގައި ރާއްޖެ އަކީ އެންމެ ކުރީގައި މި ވަގުތު އޮތް ގައުމު ކަމަށާއި ދިވެހި ފުޓްބޯޅައިގެ ކުރިއެރުމަށް އޭއެފްސީގެ އެކްސްކޯގެ ގޮނޑިއެއް ރާއްޖެ އަށް ވަރަަށް މުހިންމު ކަމަށެވެ.

"ފީފާ ރޭންކިންގައި މި ވަގުތު (ދެކުނު އޭޝިއާގައި) އެންމެ ކުރީގައި އޮތީ ރާއްޖެ. އަދި ވޯލްޑް ކަޕް ކޮލިފައިންގައި ވެސް (ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން) ޕްލޭއޮފް ކުޅެންނުޖެހޭ ހަމައެކަނި ގައުމަކީ ރާއްޖެ. މި ވަގުތު ދިވެހި ފުޓްބޯޅައިގެ ކުރިއެރުމަށް ވަރަށް މުހިންމު މި ގޮނޑި ހޯދަން. ކުރިމަތިނުލިޔަސް އަޅުގަނޑުމެންނަށް ފާޑުކިއުންތައް އަމާޒުވާނެ. އެ ފުރުސަތު ދޭން ބޭނުމެއް ނޫން،" ޝަވީދު ވިދާޅުވި އެވެ.

އޭއެފްސީގައި މިހާރު އޮތް އެކްސްކޯގައި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ހިމެނިވަޑައިގަންނަވެ އެވެ. އާޒިމް އަކީ އޭއެފްސީގެ އެކްސްކޯގައި ރާއްޖެ ތަމްސީލުކުރެއްވި ފުރަތަމަ ބޭފުޅާ އެވެ.

އޭއެފްސީގެ އެކްސްކޯ އަށް ކުރިމަތިލުމާމެދު މެމްބަރުގެ ހިޔާލު ހޯދުމަށް ވޯޓެއް ނެގުމަށް ކޮންގުރެސްގެ އެޖެންޑާގައި ހިމަނާފައި އޮތް ނަމަވެސް، އޭއެފްސީގެ ގޮނޑި އަށް ކުރިމަތިލުމުގެ ފުރުސަތު އޭއެފްސީ އިން ދިނުމުން އެ ވޯޓު މިއަދު ކުރިއަށް ނުގެންދެ އެވެ.

ޝަވީދު ވިދާޅުވީ ނޯމަލައިޒޭޝަން ކޮމެޓީއެއް އޮތް ނަމަވެސް ރާއްޖެ އަށް އޭއެފްސީގައި އަޑުއުފުލުމުގެ ފުރުސަތު ގެއްލެންޖެހޭނެ ކަމަށް ގަބޫލްނުކުރާ ކަމަށެވެ. އަދި އެ ފުރުސަތު ހޯދަން އޭއެފްސީ އާއި ފީފާއާ މަޝްވަރާކުރުމުން އެ ފުރުސަތު ލިބިފައިވާ ކަމަށެވެ.

ޝަވީދު ވިދާޅުވީ އޭއެފްސީގެ އެކްސްކޯގެ ގޮނޑިތަކަށް ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ވާދަވެރިކަން ބޮޑު ކަމަށެވެ. އެކަމަކު މަޝްވަރާކޮށްގެން ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި އެއްބަސްވުމަކަށް ނާދެވުނު ނަމަވެސް، ރާއްޖެ އަށް ގޮނޑި ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"މި ސަރަހައްދުގައި ވަރަށް ވާދަވެރިކޮށް މި އުޅެނީ. ހުރިހާ ގައުމަކުން ވެސް ބޭނުންވޭ އެކްސްކޯގެ ޖާގައެއް. ގައުމުތަކުގެ މެދުގައި ވާހަކަދައްކައިގެން ވަކި ގޮތަކަށް އެއްބަސްނުވެއްޖެ ނަމަ، ދެން ޖެހޭނީ 46 ގައުމުގެ ތާއީދުގެ ވޯޓަކަށް ދާން. ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް މިހާރު ކުރިމަތިލާފައިވާ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭނީ ރާއްޖެ އަށް ކަމަށް. އެއީ ރާއްޖެއާ ފުޓްބޯޅައިގެ އިދާރާތަކާ އޮތް ގުޅުމާއި، ކުރެވޭ މަސައްކަތްތަކަށް ބަލާފައި،" ޝަވީދު ވިދާޅުވި އެވެ.