ހަބަރު

ޒުހާގެ މަރު: ވަކީލަކު ހަމަނުޖެހިގެން ސުމޮންގެ ޝަރީއަތް ކެންސަލް

މިދިޔަ ޖެނުއަރީ މަހު ކުރީކޮޅު މާލޭ މަގުމަތީގައި މަރާލާފައި އޮއްވާ ފެނުން ހައްވާ ޒުހާގެ މަރާ ގުޅިގެން ހައްޔަރުކުރި ބަންގްލަދޭޝްގެ ސުމޮން މިއާ ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖެހިފައިނުވާތީ، މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ. އަޑުއެހުން ތާވަލުކޮށްފައި އޮތީ، މެންދުރުފަހު 2:00 އަށެވެ.

ސުމޮން ވަކީލަކަށް އެދިފައިވަނީ އެންމެފަހުން ބޭއްވި އަޑުއެހުމުގަ އެވެ. އެ އަޑުއެހުމަކީ ހެކި ބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ. ވަކީލަކު ބޭނުންވޭތޯ މި މައްސަލާގެ ޝަރީއަތް ފެށުމާއެކު ވެސް ގާޒީ ވަނީ ސުމޮން ގާތު އައްސަވާފަ އެވެ. ނަމަވެސް އޭރު ސުމޮން ވަކީލަކު ބޭނުމެއް ނުވި އެވެ. ދައުލަތުން ވެސް ސުމޮން، ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދުނެވެ. ނަމަވެސް އޭރު ސުމޮން ވަނީ ޒުހާގެ ކަރުގައި ހިފިކަމަށް އިއުތިރާފުވެ، އަވަހަށް މައްސަލަ ނިންމައިދިނުމަށް އެދިފަ އެވެ.

ވަކީލަކު ހަމަނުޖެހިގެން މިއަދުގެ އަޑުއެހުން ކެންސަލްކޮށްފައިވާ އެނގިފައިވީނަމަވެސް ކުރިމިނަލް ކޯޓުން މިއަދު ބުނީ، މައްސަލަ ކެންސަލްކުރަން ޖެހުނީ ދިރާސާކުރުމަށްޓަކައި ކަމަށެވެ.

އެންމެ ފަހުގެ އަޑުއެހުމުގައި ސުމޮން ވަކީލަކު ހަމަޖައްސައިދިނުމަށް އެދުމުން ދައުލަތުން ވަނީ އެ ފުރުސަތު ސުމޮންއަށް ދިނުމަށް އެދިފަ އެވެ. ގާޒީ، ވަނީ އޭޖީ އޮފީހަށް ހުށަހަޅައިގެން ވަކީލަކު ހަމަޖެއްސުމަށް ސުމޮންއަށް އަންގާފަ އެވެ. އެކަމުގައި ދައުލަތުންނާއި ޝަރީއަތުން ވެސް އެހީތެރިވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.