ހަބަރު

މަޝްވަރާތަކަށް ޕީޕީއެމްގެ މަންދޫބުންގެ ގޮތުގައި ފާރިސް އަދި ވައްޑެ

ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ޕީޕީއެމްގެ ފަރާތުން ބައިވެރިވާނެ މަންދޫބުން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަނޑައަޅުއްވައިފި އެވެ.

ޕީޕީއެމްއިން މިއަދު ބުނި ގޮތުގައި އެ ޕާޓީގެ ފަރާތުން މަންދޫބުންގެ ގޮތުގައި މަޝްވަރާތަކުގައި ބައިވެރިވާނީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އެވެ.

ފާރިސް އާއި ވައްޑެއަކީ ޕީޕީއެމް ކައުންސިލް މެންބަރުންނެވެ.

ޕާޓީތަކުގެ މަޝްވަރާތަކުގައި ޕީޕީއެމްގެ ފަރާތުން މީގެކުރިން ބައިވެރިވެފައިވަނީ، އެ ޕާޓީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް މި މަސް ނިމުމުގެ ކުރިން ފަށާނެ އެވެ. އަދާލަތު ޕާޓީ އަދި އެމްޑީޕީގެ އެދުމުގެ މަތިން މަޝްވަރާތައް ކުރިއަށް ގެންދަން ނިންމާފައިވަނީ އދ.ގެ މަންދޫބާއެކު އެވެ.

ޕީޕީއެމް މަންދޫބުން ކަނޑައަޅާފައިވާއިރު، މީގެކުރިން މަޝްވަރާތަކުގައި ބައިވެރިނުވެ، އޮތް ދެ ޕާޓީ ކަމަށްވާ އެމްޑީޕީ އަދި އަދާލަތު ޕާޓީން ވަނީ މަޝްވަރާތަކުގައި ބައިވެރިވުމަށް ނިންމާފަ އެވެ. އޭގެއިތުރަށް ޖުމްހޫރީ ޕާޓީން ވެސް ވަނީ މަޝްވަރާތަކުގައި ބައިވެރިވާނެ ކަން އިއުލާންކޮށްފަ އެވެ.