ހަބަރު

ކާޑު ސަބްސިޑީގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

ސަރުކާރުން ދެމުން ގެންދިޔަ ކާޑުގެ ސަބްސިޑީ ކުޑަކުރުމާ ގުޅިގެން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް އިދިކޮޅު އެމްޑީޕީއިން މައްސަލައެއް ހުށަހަޅައިފި އެވެ. ކާޑުގެ ސަބްސިޑީ މިހާރު ދެމުން އަންނަނީ އެންސްޕާގައި ރަޖިސްޓާވެފައިވާ ފަގީރުންނަށް އެކަންޏެވެ.

މިއަދު އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒެއިނާ އާދަމް ވިދާޅުވީ، ކާޑު ސަބްސިޑީ ކަނޑާލުމާ ގުޅިގެން އޭގެ ދަތިތައް ރައްޔިތުންނަށް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ކާޑު ސަބްސިޑީ ކަނޑާލުމާ ގުޅިގެން އެހެން ތަކެތީގެ އަގު ވެސް އަގު ބޮޑުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މަޖިލީހުގެ ތެރެއިން އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރަން ޖެހޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވީ، މި މައްސަލަ ބަލައިދިނުމަށް އެ ކޮމެޓީގެ ބައްދަލުވުމެއް ބާއްވައިދިނުމަށް މަޖިލީހުގެ އަމީން އާންމަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ.

ކާޑުގެ ސަބްސިޑީ ކަނޑާލުމަށް މަޖިލީހުގެ އެއްވެސް ބަހެއް ހޯދާފައިނުވާތީ ރޮޒެއިނާ އެކަމާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި، މި އަހަރުގެ ބަޖެޓްގައި ކާޑު ސަބްސިޑީއަށް ފައިސާ ހިމަނާފައިވާނެކަން ވެސް ރޮޒެއިނާ ފާހަގަކުރެއްވި އެވެ.

ކާޑްގެ ސަބްސިޑީ ކޮންޓްރޯލް ކުރުމާ އެކު، 3.98 ރުފިޔާއަށް ވިއްކާ ހަޑޫ ކިލޯއެއް ދެން ވިއްކާނީ 7.96 ރުފިޔާއަށެވެ. އަދި ފުށް ކިލޯއެއްގެ އަގު، 5.96 ރުފިޔާ ބޮޑުވާނެ އެވެ. މިހާރު ވިއްކަނީ، 2.98 ރުފިޔާ އަށެވެ. އަދި ހަކުރު ކިލޯގެ އަގުވަނީ، ހަތަރު ރުފިޔާއިން އަށް ރުފިޔާއަށް ބޮޑުކޮށްފަ އެވެ.

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސަރުކާރުން ނިންމާފައިވަނީ ކާޑުގެ ސަބްސިޑީ ދޭނީ އެންސްޕާ މެދުވެރިކޮށް، އެންސްޕާގައި ފަގީރުންގެ ގޮތުގައި ރަޖިސްޓާކޮށްފައިވާ ފަރާތްތަކަށެވެ. އެއީ ބޮލަކަށް މަހަކު 40 ރުފިޔާ އެވެ. ގޭބިސީއަކަށް ގިނަވެގެން 240 ރުފިޔާ އެވެ.