ހަބަރު

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޔާމީން ސައުދީއަށް ފުރާވަޑައިގެންފި

ރައީސް އަބްދުﷲ ޔާމީން، ސައުދީ އަރަބިއްޔާއަށް މިއަދު ފުރާވަޑައިގެންފި އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެކެވެ. އެމަނިކުފާނު ފުރާވަޑައިގަތީ މިއަދު ހަވީރު އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ ދަތުރުފުޅުގައި، ސައުދި އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒް އާލްސައުދާއި، އެ ގައުމުގެ ސީނިއާ މިނިސްޓަރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން، ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުރި ފުރުސަތުތަކާއި، އުމްރާނީ ތަރައްގީއާއި، ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެ ގައުމަށް ފައިދާ ހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން މި ބައްދަލުކުރެއްވުންތަކުގައި މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސްގެ އަރިހުގައި، ގިނަ މިނިސްޓަރުންތަކެއް ވެސް މިއަދު ސައުދީއަށް ފުރާވަޑައިގަތެވެ. އެގޮތުން ފޮރިން މިނިސްޓަރު މުހައްމަދު އާސިމާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ މިއަދު ވަނީ ސައުދީއަށް ފުރާވަޑައިގެންފަ އެވެ. އޭގެއިތުރަށް ރައީސްގެ އޮފީހުގެ މިނިސްޓާ އޮފް ސްޓޭޓް، ފޮރިން ރިލޭޝަންސް މުހަންމަދު ނަސީރާއި، ސައުދީ އަރަބިއްޔާއަށް ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަބްދުﷲ ހަމީދު، މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް އާއި ވަފުދުގެ ބޭފުޅުން ސައުދީއަށް ވަޑައިގަންނަވަނީ ސައުދީގެ ރަސްގެފާނު ފޮނުއްވި ހާއްސަ ފްލައިޓެއްގަ އެވެ. މީގެ ކުރިން އިންޑިއާ އިން ވެސް ރައީސްގެ ދަތުރުފުޅުތަކަށް ހާއްސަ ބޯޓު ފޮނުވާފައިވެ އެވެ.

ސައުދީއަށް ރައީސް ދަތުރުފުޅެއް ކުރައްވާ އިރު، އެއާޕޯޓްގެ ތަރައްގީގެ މަޝްރޫއަށް ސައުދީ ޑިވަލޮޕްމަންޓް ފަންޑުން 100 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ވަނީ ނިންމައިފަ އެވެ. އަދި އެއާޕޯޓްގެ އާ ޓާމިނަލް މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ ސައުދީގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި، ބިންލާދިން ގްރޫޕްއާ އެވެ.