ހަބަރު

އެމްޔޫއޯ ގަބޫލުނުކުރާތީ ޖަވާބުދާރީވާން އެމްޑީޕީއިން އަލްހާނަށް އަންގައިފި

އެމްޑީޕީއިން ބައިވެރިވެފައިވާ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ގަބޫލުނުކޮށް ވާހަކަ ދައްކާތީ، އަދި އެމްޑީޕީގެ އަސާސީ ގަވާއިދުތަކާ ހިލާފަށް އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ އަމަލުކުރަމުންދާ ކަމަށް ބުނެ، އެކަމަށް ޖަވާބުދާރީވުމަށް އެމްޑީޕީއިން އަލްހާނަށް އަންގައިފި އެވެ. އެމްޑީޕީ ގައުމީ މަޖިލީހުގެ 50 މެންބަރު ސޮއިކޮށް އަލްހާން ޕާޓީން ވަކިކުރުމަށް މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.

އެމްޑީޕީއިން އަލްހާނަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ، އެމްޑީޕީގެ އާންމު މެންބަރެއްގެ ގޮތުގައި އަލްހާނު ހުންނަވައިގެން ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ޕާޓީގެ މަސްލަހަތު ގެއްލޭ ގޮތަށާއި ޕާޓީއަށް ގެއްލުންލިބޭ ގޮތަށް ގިނަ އަމަލުތަކެއް އަލްހާން ހިންގަމުންދާ ކަމަށެވެ.

"އެގޮތުން އަސާސީ ގަވައިދާ ހިލާފަށް އަލްހާން ކުރައްވާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްގެން ބައިވެރިވެފަިއވާ އެމްޔޫއޯ ގަބޫލުނުކުރާ ކަމަށް ވިދާޅުވެ، އެމްޔޫއޯއާ އިދިކޮޅަށް މަސަކަތްކުރައްވައި ޕާޓީގެ މަސްލަހަތު ގެއްލުވާލުމުގެ އަމަލުތައް ހިންގުން ހިމެނެ އެވެ،" ސިޓީގައިވެ އެވެ.

މީގެއިތުރަށް ޕާޓީގެ މަސްލަހަތާއި އެއްގޮތަށް ޕާޓީގެ ގުނަވަންތަކުން ނިންމައިގެން ޕާޓީން ކުރަމުންދާ މަސައްކަތްތަކާއި ދެކޮޅަށް، ސަރުކާރުން ވާގިވެރިވެގެން ކަމަށް ބެލެވޭ ގޮތަށް ދައުލަތުގެ މީޑިއާގައި ޕާޓީއަށް ގެއްލުން ދިނުމަށް ތަކުރާރުކޮށް އަލްހާން ވާހަކަ ދައްކަވާފައިވާ ކަމަށް ސިޓީގައިވެ އެވެ. އަދި ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް އިންތިހާބުކޮށްފައިވާ ޕާޓީގެ މަގާމުތައް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ މަސްލަހަތު ނަގާލުމަށް މަސައްކަތްކުރާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

"ޕާޓީގެ މައި އޮފީހަށް ވަންނަވައި އެތަނުގެ ތެރޭގައި ހަމަނުޖެހުން ހިންގަވައި ފުލުހުން ގެންނަންޖެހޭ ހާލަތް މެދުވެރި ކުރެއްވުން ފަދަ ކަންކަން ހިންގާފައިވާ ކަމަށް ބަޔާންކޮށް ޕާޓީގެ ގައުމީ މަޖިލީހުގެ 50 މެންބަރުން ސޮއިކުރައްވައި އަލްހާން ޕާޓީން ވަކިކުރުމަށް އެދިވަޑައިގެން މައްސަލައެއް ހުށަހަޅާފައިވޭ،" ސިޓީގައިވެ އެވެ.

އެމްޑީޕީއިން މިހާރު ވަނީ އެ މައްސަލާގައި ޖަވާބުދާރީވުމަށް ފުރުސަތު ދީފަ އެވެ. އެގޮތުން އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ޖަވާބުދާރީވުމަށް ވަނީ އަންގާފަ އެވެ.

މިކަމާ ގުޅިގެން އަލްހާން މިރޭ އަވަސްއަށް ވިދާޅުވީ، އޭނާ ޕާޓީން ވަކިކުރަން މަސައްކަތްކުރަމުން ދަނީ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި އޭނާ ވާދަކުރަން ނިންމާފައިވާތީ ކަމަށެވެ. އަދި ޕާޓީ އިސްލާހުކުރުމަށް މަސައްކަތްތަކެއް ކުރައްވަމުންދާތީ ކަމަށެވެ. އަލްހާން ވިދާޅުވީ، އެމްޑީޕީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން މިހާރު ބޭނުންވަނީ އޭނާ ޕާޓީން ވަކިކޮށް، އެމީހުން ނުފޫޒު ޕާޓީ ތެރޭގައި ވަރުގަދަކުރުން ކަމަށެވެ.