ހަބަރު

ވަގުތީ ބްރިޖަށް އަރަން އާންމުންނަށް ފުރުސަތު ދެނީ

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ކުރިޔަށް ދާގޮތް ބަލައިލަން ވަގުތީ ބްރިޖަށް އެރުމުގެ ފުރުސަތު އާންމު ފަރާތްތަކަށް ދޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބައެއް މިނިސްޓަރުނާއި މަޖިލީސް މެންބަރުންގެ ވަފުދަކާއެކު ހައުސިން މިނިސްޓްރީއިން ވަގުތީ ބްރިޖަށް އިއްޔެ ކުރި ޒިޔާރާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުއިއްޒު ވިދާޅުވީ މާލެއާ ހުޅުލެ ދެމެދު އަޅާ ބްރިޖުގެ ސަބަބުން އެތަށް ރައްޔިތަކަށް ލުއި ފަސޭހަތަކެއްވެ ތަރައްގީގެ މަގަށް އެޅޭ ބޮޑު ފިޔަވަޅަކަށް ވާނެ ކަމަށެވެ. އެގޮތުން އެއީ ރައްޔިތުންގެ މަސައްކަތެއް ކަމަށާއި ބްރިޖު ބަލައިލުމުގެ ފުރުސަތު އާންމުންނަށް ދިނުމަށް ރާވައިފަވާ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ އާންމު ރައްޔިތުން ވެސް ބްރިޖު ބަލާލަން ފުރުސަތު ދޭން. އިރާދަ ކުރެއްވިއްޔާ ކުރިޔަށް އޮތްތާގައި މަސައްކަތަށް ދަތި ނުވާނެ ގޮތަކަށް ތާވަލް ކުރެވިގެން އެކަން ކުރާނަން. ރައްޔިތުންގެ ތެރެއިން ސްކޫލު ކުދިންނާއި އެކި އުމުރު ފުރާގެ ފަރާތްތަކަށް ވެސް ފުރުސަތު ދޭނަން. ކޮންމެ ގޮތެއްވިޔަސް މިއީ ރައްޔިތުންގެ ވެސް މަސައްކަތެއް،" މުއިއްޒު ވިދާޅުވި އެވެ.

ބްރިޖުގެ މަސައްކަތް ކުރިޔަށްދާ ގޮތަށް އިޝާރަތް ކުރައްވާ މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ދަނީ ސަރުކާރުން ވަރަށް ހިތް ހަމަޖެހޭ ގޮތަށް ކަމަށާއި އެގޮތުން ސީސީސީސީ ކުންފުންޏާއި އެކު ކޮންމެ ދުވަހަކުވެސް ބައްދަލުވުންތައް ބާއްވާ މަސައްކަތް ކުރިޔަށްދާ ވަރު ބަލަމުންދާ ކަމަށެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ކުރަމުންދާއިރު މިހާރު ކުރަމުން އަންނަނީ ބްރިޖުގެ ތަންބަށް ބޭނުންވާ ޕައިލްތައް ޑްރައިވް ކުރުމުގެ މަސައްކަތެވެ. މުޅި ބްރިޖަށް 35 ޕައިލް ކަނޑުއަޑިއަށް ޑްރައިވް ކުރަން ޖެހޭ އިރު މިހާތަނަށް 13 ޕައިލްގެ މަސައްކަތް ވަނީ ނިމިފައެވެ.