ބޮލީވުޑް

ސަލްމާނާއެކު އައިޝްވާރިޔާ ފިލްމު ކުޅޭނީ ޝަރުތަކާއެކު

Oct 4, 2016
1

ކުރީގެ ދެ ލޯބިވެރިން ކަމަށްވާ ސަލްމާން ހާނާއި އައިޝްވާރިޔާ ރާއީ އެކުގައި ފެނިގެން ގޮސްފައިވާ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ހަމް ދިލްދޭ ޗުކޭ ސަނަމް" އިން މި ދެތަރިންގެ ޖާދޫވީ ކެމިސްޓްރީ ވަނީ ފެނިގެންގޮސްފަ އެވެ.

އެ ފިލްމަށްފަހު އެކުގައި އެހެން ފިލްމަކުން ފެންނާނެ އިރެއްގެ އިންތިޒާރުގައި އެތަކެއް ބަޔަކު ތިބި ނަމަވެސް އެއީ ވުމަށް ވުރެން ނުވުން ގާތް ކަމަކަށެވެ.

ސަލްމާން އާއި އައިޝްވާރިޔާގެ ލޯބީގެ ދުވަސްވަރު ދެ ތަރިންނަކީ ބޮލީވުޑްގެ އެންމެ ހިނގި ޖޯޑުގެ ގޮތަށް އަދި އަދަށްވެސް އެ ދެތަރިން އަލުން ފިލްމަކުން ނުވަތަ އެކުގައި ފެނިގެންދާނެ އިރަކަށް އިންތިޒާރުކުރާ މީހުން މަދެއް ނޫނެވެ.

ދެތަރިންގެ ލޯތްބަށް ނިމުން އައީ ސަލްމާންގެ ވިޔާނުދާ ކަމުންނޭ ބުނެވިދާނެ އެވެ. އައިޝްވާރިޔާގެ ފިލްމުތަކުގެ ސެޓަށް ގޮސް ހަމަނުޖެހުން ހިންގައި، އޭނާ ދިރިއުޅުމުން އައި އެޕާޓްމަންޓްގެ ބޭރުގައި ވެސް އަޑު ގަދަކޮށް އެހިސާބަށް މީހުން އެއްކުރާ ހާލަތަށް ދިއުމުން އައިޝްވާރިޔާ ވަނީ ސަލްމާނާ އޮތް ހުރިހާ ގުޅުމެެއް ކަނޑާލާފަ އެވެ.

ސަލްމާނާ ރުޅިވި ފަހުން ވެސް މި ދެތަރިންނަށް އެކުގައި ފިލްމުތަކުން ހުށަހެޅުންތައް ލިބުނު ނަމަވެސް އެއިން އެއްވެސް ހުށަހެޅުމެއް ގަބޫލުކޮށްފައެއް ނުވެ އެވެ. ސަލްމާނާއެކު އޮތް ލޯބީގެ ގުޅުމުގައި ސިއްކަ ޖެހުނު ހިސާބުން އައިޝްވާރިޔާ ބަލާފައިވަނީ އޭނާގެ ދިރިއުޅުމަށް ސަލްމާންގެ ހިޔަނިވެސް ނޭޅިވޭތޯ އެވެ.

އެގޮތުން އޭނާ މަޝްހޫރު އެކްޓަރު އަބީޝެކް ބައްޗަން އާއި 2007 ވަނަ އަހަރު ކައިވެނިކުރުމާ ހަމައަށް ސަލްމާން ދުއްތުރާތަކާ އައީ ކުރިމަތިވަމުންނެވެ. އެގޮތުން ސަލްމާނާ ރުޅިވެ ވިވެކް އޮބްރޯއީ އާ ރައްޓެހިވެ، އެ ދެމީހުން ދުރުވާން މަޖުބޫރުވީ ވެސް ސަލްމާނާ ހެދި އެވެ.
ރުޅިވިތާ ގާތްގަނޑަކަށް 14 އަހަރުފަހުން އައިޝްވާރިޔާ ފުރަތަމަ ފަހަރަށް މިވަނީ ސަލްމާނާއެކު ފިލްމެއް ކުޅެން ފުރުސަތެއް ލިބިއްޖެނަމަ އެ ފިލްމެއް ކުޅޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ސަލްމާނާއެކު ފިލްމެއް ކުޅުމުގައި އޭނާގެ ޝަރުތެއް އެބައޮތެވެ. އެއީ އެ ފިލްމެއް ވާން ޖެހޭނީ ވަރަށް މަޝްހޫރު ޑައިރެކްޓަރެއްގެ ވަރަށް މޮޅު ސްކްރިޕްޓެއްގެ ފިލްމަކަށެވެ.

ސަލްމާން އާއި އައިޝްވާރިޔާގެ އިތުރުން ވެސް ބޮލީވުޑްގެ އެހެނިހެން ތަރިން ވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ރުޅިވެ، ބައެއް ފިލްމުތައް އެކުގައި ކުޅެފަ އެވެ. ކަރީނާ ކަޕޫރާއި ޝާހިދު ކަޕޫރު އެކުގައި ކުޅުނު "ޖަބްވީ މެޓް" އާއި ދިޕިކާ ޕަދުކޯން އާއި ރަންބީރު ކަޕޫރު އެކުގައި ކުޅުނު "ޔޭ ޖަވާނީ ހޭ ދިވާނީ" އާއި "ތަމާޝާ" އަކީ ރުޅިވިފަހުން ކުޅެފައިވާ ކާމިޔާބު ފިލްމުތަކެވެ.

ސަލްމާން ވަނީ އޭނާ އެންމެފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބަތަލާ ކެޓްރިނާ ކައިފާ ރުޅިވި ފަހުން ވެސް އެކުގައި "އޭކް ތަ ޓައިގާ" ކުޅެފަ އެވެ.

އެހެންކަމުން ކުރިއަށް އޮތް ތަނުގައި މަޝްހޫރު ޑައިރެކްޓަރެއްގެ ފިލްމަކުން ސަލްމާނާއި އައިޝްވާރިޔާ އެކުގައި ފެނިގެން ދިއުމަކީ ވެދާނެ ކަމެކެވެ ނަމަވެސް އައިޝްވާރިޔާ އާއެކު ފިލްމު ކުޅުމާ ގުޅޭގޮތުން ސަލްމާން އަދި ވަކިއެއްޗެކޭ ބުނެފައެއްނުވެ އެވެ.