ސިނަ މާލެ ބްރިޖް

ބްރިޖުގެ އުނދަގޫ މަރުހަލާ ޑިސެމްބަރަށް ނިމޭނެ

  • މިމަހު ތަނބު ތަކުގެ ބޯހޯލް ތޮރުފާނެ
  • ހޮޅިޖަހާ ނިމުނުން މަސައްކަތް ހިނގާނީ ޕްލެޓްފޯމްގައި
  • މޫސުމުގެ ސަބަބު ދަތިތައް ދިމާވޭ

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އެޅުމުގެ އެންމެ އުންދަގޫ މަރުހަލާ އަކީ ފައުންޑޭޝަންއަށް ބޭނުންވާ ހޮޅި ޖެހުން ކަމަށާއި އެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މާލެއާ ހުޅުލެ ދެމެދު އަޅަން ފަށާފައިވާ ބްރިޖުގެ މަސައްކަތާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުއްތަލިބު ވިދާޅުވީ ބްރިޖް މަސައްކަތުގައި އެންމެ ބޮޑު ގޮންޖެހުމެއް ދިމާވަނީ މޫސުން ގޯސްވާ ދަނޑިވަޅުތަކުގައި ކަމަށާއި އޭގެ ސަބަބުން ބްރިޖުގެ ތަނބުތަކަށް ބޭނުންވާ ހޮޅިތައް ޖެހުމުގެ މަސައްކަތަށް ދަތިވެ ހުރަސް އެޅޭ ކަމަށެވެ.

ނަމަވެސް މުޅި ބްރިޖަށް ބޭނުންވާ 35 ހޮޅިން 13 ހޮޅިއެއް ޖަހާ މިހާރު ނިންމާލާފައިވާ ކަމަށާއި އަންނަ ޑިސެމްބަރު މަހުގެ ކުރިން ހުރިހާ ހޮޅިތައް ޖަހާ ނިންމާލެވޭނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

"މިއީ [މި މަސައްކަތް ކުރަން] ވަރަށް އުނދަގޫ ސަރަހައްދެއް. ބޮޑެތި ހޮޅިތައް މިފަދަ ތަނެއްގައި ސީދަލަށް ބަހައްޓަން ޖެހޭނީ. ކަނޑުގަދަ ވީމަ ހޮޅި ޖެހުމުގެ މަސައްކަތް މިވަނީ އުނދަގޫ ކަމަކަށް، އެހެންވެ ބޮޑެތި ގޮންޖެހުންތަކެއް ހުރޭ މި މަސައްކަތް ކުރަން. ނަމަވެސް 35 ހޮޅި ޖެހުމުގެ މަސައްކަތް މިއަހަރު ޑިސެމްބަރު މަހަށް ނިންމޭނެ،" މުއްތަލިބު ވިދާޅުވި އެވެ.

ބްރިޖުގެ އިންޖީނިއަރިން މަސައްކަތް ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ މުއްތަލިބު ވިދާޅުވީ ހޮޅިތައް ޖަހާ ނިމުމުން ބާޖުތައް ބޭނުންކޮށްގެން ކުރަން ޖެހޭ މަސައްކަތްތައް ނިމޭނެ ކަމަށެވެ. އެއަށްފަހު ދެން މަސައްކަތް ކުރާނީ ވަގުތީ ބްރިޖު މަތީ ތިބެގެން އަސްލު ބްރިޖުގެ މަސައްކަތް ކަމަށެވެ.

މީގެ އިތުރުން ޑިސެމްބަރު މަހުގައި ތަނބުތައް ޖަހާ ނިމެންދެއް އެހެން މަސައްކަތްތައް ހުއްޓާލައިގެން ނުތިބޭނެ ކަމަށާއި އަދި ތަނބުތަކަށް ހޮޅި ޖެހުމުގެ މަސައްކަތް ކުރިޔަށް ދާއިރު ބޯހޯލް ތޮރުފަން ޑްރިލިން މެޝީން ބެހެއްޓުމާއި ރިވެޓްމަންޓުގެ މަސައްކަތްވެސް ކުރާނެ ކަމަށެވެ. މުއްތަލިބު ވިދާޅުވި އެވެ.

"މި ހުރިހާ ކަމެއް ކުރާނީ އެކީ އެކައްޗަކަށް. އެއްވެސް އިރެއްގައި މަސައްކަތް މަޑުކޮށްލައިގެން ނުތިބޭނެ. މިހާރު އެއް ތަނބުގެ ހޮޅިތައް ޖަހާނިމުމުން ހުރީ ބޯހޯލް ތޮރުފުމަށް ތައްޔާރު ކުރެވިފައި. މިމަހު 10 ހިސާބުގައި ޑްރިލް ކުރަން ފެށޭތޯ މަސައްކަތް މި ކުރަނީ. އެހާހިސާބުން ޑްރިލް ކުރުމާއި ކޮންކްރީޓުގެ މަސައްކަތް ވެސް ކުރިޔަށްދާނެ،" މުއްތަލިބު ވިދާޅުވި އެވެ.

ރާއްޖެއާއި ޗައިނާގެ އެކުވެރިކަން ދައްކުވައިދޭ ބްރިޖްގެ ދިގުމިނުގައި ޖުމްލަ ދެ ކިލޯމީޓަރު ހުންނަ އިރު، އެއީ 20.3 މީޓަރު ފުޅާ ބްރިޖެކެވެ. ބްރިޖުގެ ދަށުން 12 މީޓަރުގެ އުސް އުޅަނދުތަކަށް ދަތުރު ކުރެވޭއިރު މެދު ދިޔައިގައި ބްރިޖްގެ އެންމެ އުސް ހިސާބާ ހަމައަށް 20 މީޓަރު އުސްވާނެ އެވެ.