ސިވިލް ކޯޓް

ސިވިލް ކޯޓުގެ ކާމިޔާބީ: 8 މަހަށްވުރެ ދުވަސްވީ ތިން މައްސަލަ

މި އަހަރުގެ ތިންވަނަ ކްއާޓާ ނިމިގެން ދިޔައިރު، ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެެރެއިން އަށް މަހަށްވުރެ ގިނަ ދުވަސްވެފައިވަނީ އެންމެ ތިން މައްސަލަ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. މިއީ ސިވިލް ކޯޓުން މިހާތަނަށް ހާސިލުކޮށްފައިވާ ނުވާވަރުގެ ބޮޑު ކާމިޔާބީއެކެވެ.

ސިވިލް ކޯޓުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ އަހަރު ނުނިމު ބާކީ ހުރީ 1243 މައްސަލައެކެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދަކީ 2086 އެކެވެ. މިދިޔަ އަހަރު ނުނިމިހުރި މައްސަލަތަކާއި މި އަހަރު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން މިހާތަނަށް 2478 މައްސަލައެއް ވަނީ ނިންމާފަ އެވެ. ނުނިމި ބާކީ މިހާރު ހުރީ، 851 މައްސަލަ އެވެ.

ނުނިމިހުރި 851 މައްސަލައިގެ ތެރެއިން އަށް މަސްވެފައިވަނީ އެންމެ ތިން މައްސަލަ އެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޒަނަށް ހުށަހެޅުނީ 1259 މައްސަލަ އެވެ. އޭގެ ތެރެއިން 47.74 ޕަސެންޓް މައްސަލަ އެ ޑިވިޒަނުން ވަނީ ހައްލުކޮށްފަ އެވެ.

ސިވިލް ކޯޓުގައި މިހާރު އެއް އަހަރުވެފައިވާ މައްސަލައެއް ނެތްއިރު އެ އަމާޒަކީ ދެވަނަ ކުއާޓާގެ ނިޔަލަށް ހާސިލުކުރަން އަމާޒު ހިފި ލަނޑުދަނޑި އެކެވެ. ތިންވަނަ ކުއާޓާގައި ސިވިލް ކޯޓުން މަސައްކަތްކުރީ އަށް މަސްވެފައިވާ އެއްވެސް މައްސަލައެއް ނުބޭއްވުމަށެވެ.

ހަތަރު ވަނަ ކުއާޓާއަށް ވެސް ސިވިލް ކޯޓުން މިހާރު ވަނީ ލަނޑުދަނޑިއެއް ކަނޑައަޅާފަ އެވެ. އެއީ، ތިން މަސް ދުވަހުގެ ތެރޭގައި އެއްވެސް ގާޒީއެއްގެ އަތުގައި 40 މައްސަލައަށްވުރެ ގިނައިން މައްސަލައެއް ނުބޭއްވުމެވެ.

އެއް އަހަރަށްވުރެ ގިނަދުވަސްވެފައިވާ މައްސަލަތައް ނިންމުމަށް އަތޮޅުތަކަށް ގާޒީން ފޮނުވައިގެން ކުރަމުންދާ މަސައްކަތުގެ ދަށުން މިދިޔަ އަހަރު ނިމުނުއިރު ސުޕީރިއާ ކޯޓުތަކާއި، މެޖިސްޓްރޭޓް ކޯޓުތަކުގައި ނުނިމިހުރި އަހަރުވެފައިވާ 2056 މައްސަލައިގެ ތެރެއިން، މި އަހަރުގެ މޭ މަހުގެ ނިޔަލަށް 807 މައްސަލަ ވަނީ ނިންމާފަ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މެޖިސްޓްރޭޓްކޯޓު ތަކުގެ ތެރެއިން ށ. އަތޮޅާއި. ދ. އަތޮޅާއި، ވ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ހުރި އެއް އަހަރުވީ ހުރިހާ މައްސަލައެއް ވަނީ ބަލައި ނިމިފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އަތޮޅުތަކަށް ގާޒީން ފޮނުވައިގެން ކުރި މަސައްކަތުން، މިހާތަނަށް ކޯޓުތަކުގައި ހުރި އަހަރުވީ މައްސަލަތަކާއެކު ޖުމްލަ 1854 މައްސަލަ އެ ގާޒީން ވަނީ ނިންމާފައެވެ.

ހއ. އަތޮޅު ދާއިރާއާއި، ބ. އަތޮޅު ދާއިރާއާއި، ސ. އަތޮޅު ދާއިރާގެ ބައެއްކޯޓުތަކުގައި ގާޒީން ފޮނުވައިގެން ދުވަސްވީ މައްސަލަތައް ބެއްލެވުމުގެ މަސައްކަތް ދވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސްނަންގަވައިގެން މިހާރުވެސް ގެންދަވަނީ ކުރައްވަމުންނެވެ. ކޯޓުތަކުގައި ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމުގެ އަމާޒު ކޯޓުތަކުން ހިފާފައިވަނީ އެކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ގޮވާލެއްވުމާ ގުޅިގެންނެވެ.