ބޭރު ކުޅިވަރު

ވޯލްޑް ކަޕުގައި 48 ގައުމު ބައިވެރިކުރަން ފީފާގެ ރައީސް ހުށަހަޅައިފި

ދުނިޔޭގެ ތައްޓަށް ކުޅޭ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި 48 ގައުމު ބައިވެރިކުރަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނީ ހުށަހަޅައިފި އެވެ.

މިއީ މި އަހަރު މަގާމާ ހަވާލުވި ރައީސްގެ ކެމްޕޭނުގައި ވައުދުވެފައިވާ އަދަދަށްވުރެ އަށް ޓީމު ގިނަ އަދަދެކެވެ. ކެމްޕޭން ދުވަސްވަރު އޭނާ ވިދާޅުވެފައިވަނީ 40 ގައުމު ވޯލްޑް ކަޕުގައި ކުޅޭގޮތަށް މުބާރާތް ބަދަލުކުރާން ހުށަހަޅާނެ ކަމަށެވެ.

ޖުމުލަ 48 ގައުމު ވޯލްޑް ކަޕުގައި ބައިވެރިކުރާއިރު އިންފަންޓީނޯ ހުށަހަޅާފައިވަނީ މީގެ ތެރެއިން 16 ގައުމު ނޮކްއައުޓް މެޗަކަށް ފަހު މުބާރާތާ ވަކިވާގޮތަށެވެ. އެއަށްފަހު ބާކީއޮންނަ 32 ގައުމު މުބާރާތް ކުޅޭނީ މިހާރުގެ ވެސް ފޯމެޓަށެވެ.

"މި ހިޔާލަކީ ފުޓްބޯޅަ ތަރައްގީ ކުރަން ހުށަހެޅި ވިސްނުމެއް. މިމަހު (ބާއްވާ ކޮންގްރެސްގައި) އަހަރުމެން މިކަމަށް ވާހަކަ ދައްކާނަން. އަދި މިކަމަށް ގޮތެއް ނިންމާނީ ފީފާގެ ކައުންސިލުން 2017ގައި. ފީފާގެ އަމާޒަކީ ފުޓްބޯޅަ ތަރައްގީކުރުން،" އިންފަންޓީނޯ ބުންޏެވެ.

ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލަކަށް ކުރިން ހުންނެވި އިންފަންޓީނޯ ވިދާޅުވީ 48 ގައުމަށް މުބާރާތް އެކްސްޕީރިއަންސް ކޮށްލަން ލިބުމަކީ ވެސް ކުރިއެރުމެއް ކަމަށެވެ.