މިފްކޯ

120 ޓަނުގެ މަހާއެކު މިފްކޯގެ ބޯޓެއް ފަރަށް

މިފްކޯގެ މަސް ބޯޓެއް މ. ވޭވަށް ކައިރީ އޮންނަ ދޮންގިރި ފަރަށް އަރައިފި އެވެ.

ރޭ 10:00 ޖެހި އިރު އެ ބޯޓު ފަރަށް އަރާފައިވަނީ މަސް ބަރުކޮށްގެން ކޫއްޑޫ މަސް ކާރުހާނާއަށް ދަތުރު ކުރަނިކޮށެވެ. ވޭވަށު ކައުންސިލްގެ ރައީސް މަމްދޫހު ވަހީދު ވިދާޅުވީ އެ ބޯޓު ފަރަށް އެރިއިރު ބޯޓުގައި 120 ޓަނުގެ މަސް ހުރި ކަމަށެވެ.

ދޮންގިރި ފަރަށް ފަރަށް އަރާފައިވަނީ "މަހާ ކަލަމިންޖާ 401" އެވެ. ބޯޓު ފަރަށް އެރި އިރު ބޯޓުގައި ތިބީ 21 މީހުންނެވެ. އެއީ ނުވަ ދިވެހިންނާ 12 ބިދޭސީންނެވެ. އެއިން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.

"ބޯޓު މިހާރު އޮތީ ފަރުގައި އޮންނަ ވިލު ތެރެއަށް ވަދެ ވެލި ގަނޑުގައި ޖެހިފައި. ބޯޓު އޮޔާ ދިޔަ ނުދޭން މިހާރު އޮންނާނެ ބޯޓު ފަހަތުގައި ވަލެއް ޖަހާފައި އަދި ދެ ނަގިލި އެއްލާފައި. ބޯޓަށް ފުދޭ ވަރެއްގެ ބޮޑު ގެއްލުމެއް ވާނެ ކަމަށް ބެލެވެނީ،" މަމްދޫހު ވިދާޅުވި އެވެ.

މަމްދޫހު ވިދާޅުވީ ބޯޓުގައި 70 ލީޓަރު ތެޔޮވެސް އެބަހުރި ކަމަށެވެ. މި ބޯޓަކީ މިފްކޯގެ މަސްބޯޓު ތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް ބޯޓެވެ.