ހަބަރު

"އުންމީދުކުރި ފެންވަރުގައި ރީބްރޯޑްކާސްޓެއް ނުކުރޭ"

ރީބްރޯޑްކާސްޓް ކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ލައިސެންސް ދޫކޮށްފައިވާ އެއްވެސް ފަރާތަކުން އެކަށީގެންވާ ފެންވަރަށް އެ ހިދުމަތް ދީފައި ނުވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ބްރޯޑްކާސްޓިން ދުވަހާ ގުޅިގެން ބްރޯޑްކޮމްއިން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު މިއަދު ވިދާޅުވީ މުޅި ރާއްޖެއަށް ރީ ބްރޯޑްކާސްޓު ކުރަން ފަސް ފަރާތަކަށް ލައިސެންސް ދޫކޮށްފައިވާ އިރު އެ ކޮމިޝަނުން އުންމީދު ކުރީ އެއް ނެޓްވޯކަކުން މުޅި ރާއްޖެއަށް ހިދުމަތް ދޭނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކުން އެ ކޮމިޝަނުން ބޭނުންވާ ފެންވަރަަކަށް އެ ހިދުމަތް ދީފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެން އެންމެ ފަހުން ލައިސެންސް ދިން އެއް ފަރާތަކީ ޕަބްލިކް ސާވިސް މީޑިއާ. ޕީއެސްއެމްއިން އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޔަގީން ކަމެއް ދެއްވާފައިވޭ ވަރަށް އަވަސް މުސްތަގުބަލެއްގައި އެއް ނެޓުވޯކަކުން މުޅި ރާއްޖެއަށް ރީ ބްރޯޑްކާސްޓިންގެ ހިދުމަތް ދޭނެ ކަމަށް. ނަމަވެސް އެހެން ފަރާތަކުން އެކަންކޮށްފައެއް ނުވޭ. އަޅުގަނޑުމެން އުންމީދު ކުރަނީ ފެންވަރު ރަނގަޅު އަގުހެޔޮ ހިދުމަތެއް ރައްޔިތުންނަށް ދޭނެ ކަމަށް،" ޝަހީބު ވިދާޅުވި އެވެ.

ބްރޯޑްކޮމް އިން މިހާތަނަށް ވަނީ ބްރޯޑްކާސް ކުރުމަށް 47 ފަރާތަކަށް ލައިސެންސެއް ދޫކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 34 ޓީވީ ޗެނަލާ 13 ރޭޑިއޯ ޗެނަލްއެވެ. މީގެ އިތުރުން ރީބްރޯޑްކާސްޓު ކުރުމަށް 117 ލައިސެންސް ދޫކޮށްފައިވާ ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއްވަ އެވެ.