ގައުމީ ޔުނިވާސިޓީ

އެމްއެންޔޫގެ މެޑިކަލް ސްކޫލް އިމާރާތްކުރާނެ ބަޔަކު ހޯދަނީ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ މެޑިކަލް ސްކޫލާއި ޓީޗިން ހޮސްޕިޓަލް އިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފި އެވެ.

މެޑިކަލް ސްކޫލާއި ޓީޗިން ހޮސްޕިޓަލްގެ އިތުރުން ސްކޫލް އޮފް ނާސިންގެ އިމާރާތް ކޮށްދޭނެ ބަޔަކު ހޯދުމަށްވެސް އެމްއެންޔޫ އިން ވަނީ އިއުލާނުކޮށްފަ އެވެ.

މެޑިކަލް ސްކޫލާއި ޓީޗިން ހޮސްޕިޓަލް ހިމެނޭ އިމާރާތަށް ހުޅުމާލެއިން ވަނީ 61،482.54 އަކަފޫޓުގެ ބިމެއް ކަނޑައަޅާފަ އެވެ.

މި ތަނުގައި މެޑިކަލް ސްކޫލަކާއި ޓީޗިން ހޮސްޕިޓަލެއްގެ އިތުރުން ދަރިވަރުންނަށާއި ފެކަލްޓީއަށް ބޭނުންވާ ވަސީލަތްތައް ހުންނާނެ އެވެ. އޭގެ ތެރޭގައި ކްލާސްރޫމްތަކާއި ލެބޯޓްރީތައްވެސް ހިމެނެ އެވެ.

އެމްއެންޔޫ އިން ވަނީ މި އިމާރާތުގެ ކުރެހުންތަކެއް މިއަހަރުގެ ފެބްރުއަރީ މަހު އާންމުކޮށްފަ އެވެ.

މީގެ އިތުރުން ސްކޫލް އޮފް ނާސިން އާއެކު ފެކަލްޓީ އޮފް ހެލްތު ސައިންސަސް، އެކޮމޮޑޭޝަން ބްލޮކް އަދި އެހެނިހެން ވަސީލަތްތައް ހިމެނޭ އިމާރާތުގެ މަޝްރޫއު ކޮށްދޭނެ ބަޔަކު ހޯދަންވެސް އެމްއެންޔޫއިން ވަނީ އިއުލާނުކޮށްފަ އެވެ.

މި މަޝްރޫއަށް ހުޅުމާލެއިން 69،912.28 އަކަފޫޓުގެ ބިމެއް ވަނީ ކަނޑައަޅާފަ އެވެ.